މަސްވެރިން ރުޅި އައިސްގެން އެއްޗެއް ބުނެވޭކަށް ނެތެވެ. އެއީ އެ މީހުން ކާންބޯން ކުރާ މަސައްކަތެވެ. އެ މަސްކޮޅު ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރައިގެން އެތައް މަހެއް އިންތިޒާރުކޮށްގެން ވެސް ހައްގުވާ ފައިސާކޮޅު ނުދިނީމާ ވަރިހަމަވެގެން އަބަދަކު ނުވެސް ތިބެވޭނެތާއެވެ. އެއީ އަނބިދަރިންނަށް ކާންދޭން ވެސް އޮތް ހަމައެކަނި މަގުވިއްޔާއެވެ.
ހުކުރު ދުވަހުން ފެށިގެން މަސްވެރިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެ އަންނަނީ ހަބޭހަށް އިހުތިޖާޖުކުރަމުންނެވެ.
އެ ތަން އެ އޮތީ މަސްވެރިންގެ އަތްދަށުގައެވެ. އެ ތަނަށް ކަރަންޓު ދިނަ ވެސް ނުދެއެވެ. އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ކަރަންޓު ކޮޅެއް ލިބުނަކަ ނުދެއެވެ. މިފްކޯއިން އޮޑިވެރިންނަށް މަސް ނުގަންނާނަމޭ ބުނެ އިންޒާރުދޭ ހިސާބަށް އެ ތަން އޮތީ ގޮސްފައެވެ. އެކަމަކު، ގަދަ ބާރުން އިހުތިޖާޖު ހުއްޓުވައިކަށް ސަރުކާރަކުން ބޭނުމެއް ނޫނެވެ.
އެހެންވީމާ މަސްވެރިން އެ ތިބީ އެ ތަނުގައި ތިބޭށެވެ. ފައިސާކޮޅު ލިބުނީމާ ނޫނީ ނުފުރާށެވެ. ސަރުކާރުން އެ ތިބީ ގަދަބާރުން އެ މީހުން ބޭރުކުރާ ގޮތަކަށް ވެސް ނޫނެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ ވާހަކައިން އެހެން ހީވެއެވެ.
"ކިރާ މަސްކޮޅަށް ފައިސާ ނުލިބުނީމާ މި ތިބީ ވަރަށް ހާލުގައި. ބޭބެ[ފިރިމީހާ] މަހަށް ގޮސްގެން ލިބޭ ލާރިން މި ހުރިހާ ދުވަހަކު މި އުޅުނީ،" މަސްވެރިއަކާ ކައިވެނިކޮށްގެން ހދ އަތޮޅުގެ ރަށެއްގައި ދިރިއުޅޭ މެދުއުމުރުގެ އަންހެނަކު ނަން ނުޖަހާނަންދޯއޭ ކިޔާފައި ބުންނެވެ.
"ގޭގެ މަސައްކަތް ފެށި ގޮތަށް ހުއްޓިފައި. ބިލުތަކަށް ފައިސާއެއް ނުދެއްކޭ. ސްޓެލްކޯއިން ކަރަންޓު ބިލު ކަނޑާލާ ބިލު ނުދެއްކީމާ. އެކަމަކު، އަހަރެމެން ކިހިނެއް ފައިސާ ދައްކާނީ ކިރާ މަސްކޮޅަށް ފައިސާ ނުލިބޭހާ ދުވަހަކު؟ އަޅެ ނޫންތަ؟ ރުޅި އަންނާނެތާ، މި އުޅެނީ ދަރިންނަށް ކާން ނުދެވިގެންވިޔަ،"
ފައިސާ ނުދެވިގެން މި އުޅެނީ ކީއްވެ؟
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބަށް ވެގެން އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްލާށެވެ. އެކަން ކުރީ ސަރުކާރަށް އުފުލަންޖެހޭނެ މާލީ ބުރައަކަށް ބަލާފައި ވެސް ހަމަ އަގު ދޭންޖެހޭތީއެއް ކަމެއް ނޫނީ އެ ވަރު ނުބައްލަވައި ކޮށްލެއްވީ ކަމެއް ނޭނގެއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް މީގެ ކުރިން ވިދާޅުވި ގޮތުގައި:
- މަސްވެރިން އަތުން 25 ރުފިޔާއަށް މަސް ގަތީމާ ސަރުކާރުން ސަބްސިޑީގެ ގޮތުގައި އަހަރެއްގެ މައްޗަށް 1.1 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ.
- އެއީ، 25 ރުފިޔާއަށް މަސް ގަތީމާ 11 ރުފިޔާގެ ގެއްލުން
"އެއީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ވަރެއްގެ ދިރާސާއެއް، ހެޔޮ ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއް ކަމަކަށް އޭރު ވެސް އަދި މިހާރު ވެސް އަޅުގަނޑުމެން ނުދެކެން،" ފެބްރުއަރީ 12 ގައި އޭރުގެ 19 ވަނަ މަޖިލީހަށް ހާޒިރުކުރުމުން ވަޒީރު ވިދާޅުވިއެވެ.
"އެގާރަ ރުފިޔާގެ ގެއްލުމުގައި މަސް ގަތުމަކީ އެއީ ދައުލަތުގެ އާމްދަނީ މި ވަގުތު ހުރި ގޮތުން އެއީ ދިވެހި ދައުލަތަށް ވަރަށް ބޮޑު ބުރަޔަކަށް ވާނެ. އެއީ، 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި،"
ނިމިދިޔަ ފަސް އަހަރާއި މި އަހަރުގެ ފުރަތަަމަ ކުއާޓަރުގައި މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ދުވަހު ވަޒީރު ވިދާޅުވި ގޮތުން ނަމަ، 11 ރުފިޔާގެ ގެއްލުމުގައި މަސް ގަންނަމުންދިޔަ ނަމަ މިފްކޯ ބަނގުރޫޓުވީހެވެ. މި ސަރުކާރުން ވެރިކަމަށް އައިސް، އެ އަގުން ފަސް ރުފިޔާ ކުޑަކޮށް 20 ރުފިޔާއަށް މަސް ގަންނަން ފެށީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
ވަރަށް ސާފުކޮށް އެ ދުވަހު ވިދާޅުވީ:
- މަހުގެ އަގު 20 ރުފިޔާއަށް ކުޑަކުރުމަކީ އުފާވެރި ޚަބަރެއް ކަމަށް
- އެހެން އެކަން ކުރީ ގަވާއިދުން ފައިސާ ދޫކުރަން ކަމަށް
- އަގު ދަށްކުރީމާ އޭރު ނުދެވި އޮތް 250 މިލިއަން ރުފިޔާ އެއްކޮށް ޚަލާސްކޮށް، ގަވާއިދުން ފައިސާ ދޫކުރަން ފެށޭނެ ކަމަށް
އެކަމަކު، އޭގެ ފަހުން ވެސް މަސްވެރިންނަށް ފައިސާއެއް ނުދެވެއެވެ. ކުޑަކުރި އަގުގައި ގަތީމާ ވެސް އެ ފައިސާ ވައުދުވި ގޮތަށް 48 ގަޑިއިރު ތެރޭގައި ދުލެއް ނުކުރެވުނެވެ. މިހާރު، ސަހަރޯ ނުވާނޭ ވިދާޅުވިޔަސް ވެރިކަމަށް އަންނަންވީ ވައުދަކީ 48 ގަޑިއިރު ތެރޭގައި މަހަށް ފައިސާ ދޫކުރުމެވެ. މަސްވެރިން ރުޅިގަދަވެގެން އެ އުޅެނީ މަސްކޮޅު ގަނެފައި ފައިސާ ނުދެއްކީމައެވެ.
އޭގެ ފަހުން ވަޒީރު ވަނީ ވައުދުފުއްދޭ ވަރަށް އިގުތިސާދުގައި ހަކަތަ ނެތް ކަމަށް އިއުތިރާފުވެފައެވެ.
"ބޮޑު ޢީދު ބަންދަކާ އެކީގައި ހުރިހާ މުއާމަލާތެއް ބަންދުވެފައި އޮތް ދުވަސްވަރެއްގައި ވަކި ކުރެވޭނެ ކޮން ކަމެއްތޯ އޮތީ،" މިހާރު މަސްވެރިން އައްޑޫގައި ކުރާ އިހުތިޖާޖާ ގުޅުވައި ރޭ ސަރުކާރު ހިންގާ ޕީއެންސީގެ ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވިއެވެ.
"އިހުތިޖާޖު ފައްޓަވަން އެ ބޭފުޅުން މަސައްކަތްކުރެއްވީއިރުގައި ވެސް އަޅުގަނޑު ދެންނެވިން ޢީދުގެ ބޮޑު ސިންގާހާ ބަންދެކޭ. ޢީދަށް ވީއިރުގައި އޮތް 90 އެތައް މިލިއަން ރުފިޔާއެއްގެ ތެރެއިން ޢީދަށް ވާންވާއިރަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއް ދެއްވައިގެން އޭގެ 50 އިންސައްތަ ނޫނިއްޔާ ދެބައިކުޅައެއްބައަށް ވުރެ ބޮޑު ބައެއް އެ މަނިކުފާނުގެ މަސައްކަތްޕުޅުން މަސްވެރިންނަށް ދައްކާ ޚަލާސްކޮށްދެއްވި،"
ނޫން، ނޫން، ތިޔަ ވާހަކަ ދެކޮޅެއް ނުޖެހޭ
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ މަސްވެރިންނަށް ފައިސާ ދޫކުރުމެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމެވެ. ވަރަށް އަޑުހަރުކޮށް ވިދާޅުވީ ވާހަކަދައްކަވާނީ ހަގީގަތަށް ކަމުގައެވެ.
"ބޮޑުކަންނެލި މަސްވެރިންނާ ވާހަކަދެއްކި ދުވަހު ވެސް އަޅުގަނޑު ބުނިން މި އަހަރަކު ނެތޭ ސަރުކާރުގެ ވައުދާ އެއްގޮތަށް އެކަން ކުރެވޭކަށް. މާލީ ހާލަތު ތަނެއް ނުދެއޭ. ވަރަށް ސާފުކޮށް އަޅުގަނޑުމެން މި ދަންނަވަނީ،" ރޭ ވަރަށް ޖޯޝުގައި ޝިޔާމް ވިދާޅުވިއެވެ.
އެކަމަކު، އެއީ ދެކޮޅުޖެހޭ ވާހަކައެއް ކަމަކަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އެ މީހުން ބުނަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވާހަކައެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ވާހަކަދައްކަނީ ވައުދުތަކާ ޖެހުނީމާ ކަމަށް މަސްވެރިން ގަބޫލުކުރެއެވެ.
"ސިޔާސީ މުވައްޒަފުންގެ މުސާރަ އެންމެ މަހަކު ވެސް ނުދީ ތިބެ ބަލަ ވާގޮތެއް ބަލަން،" މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
މަސްވެރިންނަށް ފައިސާ ދޭންވީމާ އިގުތިސާދުގައި ވަރު ނެތީ ނަމަ، އެހެން ކަންކަމުން ވެސް އެ ހަގީގަތް ދައްކަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތަށް ހިތި ބޭހެއް ބޯންޖެހެނީތޯ ވެސް ސަރުކާރުން އެބަ ސާފުކޮށްދޭން ޖެހެއެވެ. ސަރުކާރުގެ މަގާމުތައް މަދުކުރާ ވާހަކަނުދައްކާ، އެ މަންޒަރު ވެސް އެބަ ފެންނަން ޖެހެއެވެ.
މަސްވެރިން އުފާވާނީ ކޮން ދުވަހަކުން؟
މަސްވެރިން ބޭނުންވަނީ މި ކަންކަމެވެ. މަހަށް ހަމަ އަގު ލިބޭށެވެ. އެ ފައިސާ ލަސްނުވެ އަވަހަށް ލިބޭށެވެ.
"އަޅުގަނޑުމެން ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އާމްދަނީ އިތުރުކުރަން ކުރަން ހުރި މަސައްކަތްތައް ލައްކަ ބައިވަރޭ. އެ ކަންތައްތައް މުހިންމުވެއޭ މުޅި ހުރިހާ ރައްޔިތުންގެ ހައްގުގައި. އެ ކަންކަމަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ތައްޔާރުވަމުންނޭ މި ދަނީ،" ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒެއް އެބައޮތެވެ. އެއީ:
- ރޯމަހުގެ ގޮތުގައި ކަޅުބިލަ މަސް ބޭރުކުރުން ހުއްޓައިލުން
- މި ގައުމުގައި މިފްކޯއަށް ގަންނަ 70،000 އެއްހައި ޓަނުގެ މަސް ޕްރޮސެސްކޮށް ދަޅަށްލުން
އެ ކަންކަން ހާސިލުވީމާ މަސްވެރިކަމުގެ ސިނާއަތަށް ފައިސާ ވަންނަން ފަށާނެ ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ. އޭރަށް މަސްވެރިން ހިނިތުންވެލާނެ ކަމަށް ވެސް ނުސީދާ ގޮތެއްގައި އެ ވިދާޅުވީއެވެ.
"މަސްވެރި ސިނާއަތުގެ ތަރައްގީއަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު އަހަރު ނޫނީ ދެ އަހަރުގެ ތެރޭގައި ކޮށް ނިންމަައި، އަތް ފޮޅާލައި އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އުފާވެރި މާހައުލެއް އިރާދަކުރެއްވިއްޔާ މި ގައުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ޒައާމަތުގައި އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވެސް ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން:
- ތިން މަސް ޕްރޮސެސިން ފެކްޓްރީގެ މަސައްކަތްކުރާ މީހުން މި ހަފުތާގައި ޗައިނާއިން އަންނާނެ
- އެއީ، ގދ. ފިޔޯރިއާއި ފ. ނިލަންދުއާއި ފެލިވަރުގައި އަޅާ ތިން ފެކްޓްރީ
- ކޯލްޑް ސްޓޯރޭޖް އިތުރުކުރަން ސައުދީ އަރަބިއްޔާއިން ފައިސާ މިހާރު ހަމަޖައްސައިދެއްވައިފި
ސަރުކާރުން ވަރަށް ސާފުކޮށް އެ ބުނަނީ އެކަން ކުރަން ވަގުތު ދޭށޭއެވެ. މަސްވެރިން އެ ބުނަނީ އެ މީހުންގެ އާއިލާތައް ތިބީ ބަނޑަށޭ ތިޔަހެން ބުނެލާ ބުނެލުމެއް އަޑުއަހައިގެން ތިބެވޭކަށް ނެތޭއެވެ. ދެބައި މީހުންގެ ވާހަކަ އެއް ފަރާތްކޮށްފައި ވިސްނާލީމާ އެނގެނީ ބަޔަކު އަތުން އެއްޗެއް ގަނެފިއްޔާ ފައިސާ ދޭންޖެހޭނެ ކަމެވެ. އެކަން ލަސް ނުކުރެވޭނެ ކަމެވެ.
މަސްވެރިން މި ބުނާ އެއްޗެއް ވަރަށް ސާފެވެ. އެއީ އެ މީހުންގެ ފައިސާއެވެ.
ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރަން ޖެހެއެވެ. ދަރަންޏެއް ބޮލު އަޅައިގެން ވިޔަސް އެ މީހުންގެ އާއިލާތަކަށް އެ ފައިސާ ރައްދުކޮށްދޭން ޖެހެއެވެ. ލަސްވާ ކޮންމެ ދުވަހަކީ އެ އާއިލާތަކަށް ދެވޭ އަނިޔާއެކެވެ.