ޑީސަލްގެ އަގު ހެޔޮކުރުމުން މަސްވެރިންގެ އިހުތިޖާޖު ނިންމާލައިފި

އިއްޔެ މާލޭ ފަޅުތެރޭ މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން: ޑީސަލްގެ އަގު ހެޔޮކޮށްދޭނެ ކަމަށް ބުނުމުން އިހުތިޖާޖު މިހާރު ވަނީ ހުއްޓައިލާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭނެ ކަމަށާއި ޑީސަލްގެ އަގު ހެޔޮކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނުމުން އިއްޔެ ހެނދުނުން ފެށިގެން މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖު ހުއްޓާލައިފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްތަކެއްވުމުން ނުރުހުން ފާޅުކުރަން އިއްޔެ ހެނދުނު މަސްވެރިން ވަނީ އިހުތިޖާޖުކުރަން ފަށައިފައެވެ. އެ މީހުން ވަނީ ކިރި މަހަށް ދޭންވާ ފައިސާ ވަގުތުން ދިނުމަށާއި ލޭނު މަސްވެރިކަން ހުއްދަނުކުރާން ވެސް ގޮވާލައިފައެވެ. ލޭނު މަސްވެރިކަމާ ގުޅޭ ގޮތުން މަސްވެރިންގެ ކަންބޮޑުވުން ބޮޑުވީ އެކަން ހުއްދަކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވީމައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިއްޔެ ހަވީރު ބުނީ، މަސްވެރިންގެ ކޮންމެ ވެސް އެއް ޑިމާންޑަކަށް ހައްލު ނުލިބެނީސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށެވެ.

އެއަށް ފަހު ރޭ ދަންވަރު އެ ޔޫނިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށާއި އެއްގަމު ޝެޑްތަކުން ޑީސަލް ގަންނަން ލިބޭ އަގަށް ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން މިނިސްޓްރީން އެއްބަސްވުމުން އިހުތިޖާޖު ނިންމައިލާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުން ހެޔޮކޮށްފައިވާކަން ހާމަކޮށްފައެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނީ, އިހުތިޖާޖު ނިންމާލީ މިނިސްޓްރީއާ އެކު ކުރި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.

މާލެ ސަރަހައްދުގައި އިއްޔެ މުޒާހަރާ ފެށީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.

https://sun.mv/193147

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި ފަހުން މާލޭ ފަޅުތެރޭގައި މުޒާހަރާ ކުރިއެވެ. އަދި, ސަރުކާރުން ޖަވާބެއް ލިބެންދެން ރޭ ދަންވަރާ ހަމައަށް މަސްވެރިން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާއި އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ ބުނެފައެވެ.

ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުން ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި އަހަރު މިފްކޯއަށް ބޮޑު ކަންނެލި ވެސް ގަނެވެން ނެތް ކަމަށެވެ.

comment ކޮމެންޓް