ފައިސާ ޗާޕް ކޮށްގެން ނަމަވެސް މަސްވެރިން ކިރާ މަހަށް ފައިސާ ދޭންޖެހޭ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއިން ގޮވައިލައިފިއެވެ.
އައްޑޫ ސިޓީގައި މަސްވެރިން މިހާރު ކުރަމުން އަންނަ އިހުތިޖާޖާ ގުޅިގެން އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މާލީ ބުރައެއް އޮތްކަމުގައި ވަނީނަމަ ފައިސާ އޯވާ ޑްރޯ ކޮށްގެން ނަމަވެސް ރައްޔިިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމުގައި ބުނެފައެވެ.
އަދި މި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމަކީ ސަރުކާރު ހިންގުމުގައި ނުވަތަ ވުޒާރާ ހިންގުމުގައި އެކަމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ނާގާބިލުކަން ކަމުގައި އެ ޕާޓީއިން ވަނީ ފާހަގަ ކޮށްފައެވެ.
ކުރިޔާ ޚިލާފަށް ރައްޔިތުން އާދޭސް ކުރަމުންދާއިރު އެކަމަށް ވަޒީރު އިޖާބަ ނުދޭކަން ވެސް އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޕާޓީއިން ވަނީ ވީހާ ވެސް ގިނަ މަސްވެރިން ނިކުމެ މުޒާހަރާކޮށްގެން ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ހައްގު ހޯދުމުގައި ފަސް ނުޖެހުމަށް ވެސް ގޮވާލާފައެވެ.
އަދި އެ ޕާޓީއިން ތިބީ މަސްވެރިންނާއިއެކު ހައްގު ހޯދާދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރުގައި ކަމަށް ވެސް އިދިކޮޅު ޕާޓީ އެމްޑީޕީއިން ވަނީ ބުނެފައެވެ.