މި އަހަރު މިފްކޯއަށް ކަންނެލި ގަނެވޭކަށް ނެތް: ޝިޔާމް

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ސިޔާމު: މަސްވެރިން މިއަދު ކުރި މުޒާހަރާގެ ތެރެއިން-- ސަންފޮޓޯ: އަމަން ލަތީފް

ސަރުކާރުން މަސް ގަންނަ ކުންފުނި މިފްކޯއަށް މި އަހަރު ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވެން ނެތް ކަމަށް މަސްވެރިކަމާ ބެހޭ ވަޒިރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީއާއި ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން މަސް ދޯނިތަކެއް މާލޭ ފަޅަށް ވަދެ ވަނީ މުޒާހަރާ ކޮށްފައެވެ.

މަސްވެރިންގެ މުޒާހަރާ އޮތް ސަރަހައްދަށް ވަޑައިގެން މަސްވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ މިފްކޯ އޮތީ ކަންނެލި މަސްވެރިން އަތުން މަސް ގަނެވޭ ހާލަތުގައި ނޫން ކަމަށެވެ.

ނަމަވެސް ރައީސް ގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރަށް ކަންނެލި ވެސް އަދި ގަންނާނެ ކަމަށެވެ.

"މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން، ކުރާނަން އެކަންތައް ވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

ރައިސް ގެ ވައުދުފުޅުތައް ފުއްދަވަމުން ދާން ބޭނުންވަނީ ދައުރުގެ ކުރީކޮޅުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

"ޔަގީން ކުރައްވައި އަޅުގަނޑުމެން ހަތް މަސް ތެރޭގައި ވަރަށް އުނދަގުލުގައި މި އުޅުނީ މާލީ ގޮތުން. އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކަންކަން ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ މަޝްވަރާގެ މަތިން ކަމަށެވެ.

އަދި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަން ހުއްދަ ކުރަން މަޝްވަރާ ކުރުމުގެ މައްސަލަކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެހެން ނަމަވެސް ކުރިން ލޭނު މަސްވެރިކަން ކުރި ގޮތަށް މަސްވެރިކަން ކުރަން ފުރުސަތު ނުދޭނެ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މަސްވެރިން މިއަދު ކުރި މުޒާހަރާގެ ތެރެއިން-- ސަންފޮޓޯ: އަމަން ލަތީފް

އަދި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށްވާނަމަ ކަންނެލި މަސްވެރިންގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތް ކުރެވޭ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ވެސް މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި މިއަދު މުޒާހަރާ އިންތިޒާމުކޮށް ފެށީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި މާލޭ ފަޅު ކައިރިއަށް ޖަމާވިއެވެ.

އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ، ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާ ދެކޮޅު ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް އިހުތިޖާޖުގައި އަންނަނީ ގޮވާލަމުންދެއެވެ.

comment ކޮމެންޓް