ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރިޔަސް ފައިސާއެއް ނުދޭ: މިނިސްޓަރު

މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ގުންޒަރުގައި ރައީސާއި ޝިޔާމް: ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ފައިސާއެއް މަސްވެރިންނަށް ނުދޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހުކޮޅު މަސް ކުންފުނި މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރި ނަމަވެސް ބޮޑުކުރި ފައިސާގެ އެއްވެސް އަދަދެއް މަސްވެރިންނަށް ދޫކޮށްފައިނުވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16ގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އެކަމަކު، އެއީ ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ކަމަށާއި އެއީ ދެމެހެއްޓެނިވި ބަދަލެއް ނޫން ކަމަށް ވަޒީރު މިއަދު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން މަހުގެ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ކުޑަކުރަން ނިންމުމާ ގުޅިގެން ވަޒީރާ ސުވާލުކުރަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ދާންދޫ ދާއިރާގެ ޔައުގޫބު އަބްދުﷲ ވަނީ މި ސަރުކާރުން މަހުގެ އަގު ކުޑަކުރަން ނިންމީ ކިހާ ވަރަކަށްތޯއާއި އެއީ ކީއްވެ ނިންމި ނިންމުމެއްތޯ ސުވާލު އުފައްދަވައިފައެވެ.

ސުވާލުގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ، ސަރުކާރުން 25 ރުފިޔާއަށް މަސް ގަންނަ ނަމަ އަހަރެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި، ކުރީ ސަރުކާރުން 25 ރުފިޔާއަށް މަސް ގަންނަން ފެށީ 11 ރުފިޔާގެ ގެއްލުމުގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، 25 ރުފިޔާއަށް މަސް ވިއްކައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

"އެއީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ވަރެއްގެ ދިރާސާއެއް، ހެޔޮ ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއް ކަމަކަށް އޭރު ވެސް އަދި މިހާރު ވެސް އަޅުގަނޑުމެން ނުދެކެން،" ދެ ދައުރު ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝިޔާމް ވިދާޅުވިއެވެ.

https://sun.mv/188565

ތަކުރާރުކޮށް ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި، އެއިން އެއްވެސް ފައިސާއެއް މަސްވެރިންނަށް ދޫކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، ކުރީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫނުކޮށް އޮތުމުގެ ސަބަބުން މި ސަރުކާރަށް 250 އެއްހައި މިލިއަން ރުފިޔާ ވާރުތަވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަހުގެ އަގު ކުޑަކުރީ އެ ފައިސާ ގަވާއިދުން ދޫކުރަން ފަށައި، މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި، އެއީ މަސްވެރިންނަށް އުފާވެރި ޚަބަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެގާރަ ރުފިޔާގެ ގެއްލުމުގައި މަސް ގަތުމަކީ އެއީ ދައުލަތުގެ އާމްދަނީ މި ވަގުތު ހުރި ގޮތުން އެއީ ދިވެހި ދައުލަތަށް ވަރަށް ބޮޑު ބުރަޔަކަށް ވާނެ. އެއީ، 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި،" ޝިޔާމް ވިދާޅުވިއެވެ.

މަހުގެ އަގު 20 ރުފިޔާއަށް ކުޑަކުރުމާ އެކު ގަވާއިދުން ފައިސާ ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް: އޭނާ ވިދާޅުވީ 25 ރުފިޔާއަށް މަސް ވިއްކަން ކުރީ ސަރުކާރުން ނިންމި ނިންމުން ދެކޮޅު ނުޖެހޭ ކަމަށް -- ފޮޓޯ/ އެލީޒް

މީގެ އިތުރުން، މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި ސަބްސިޑީއަށް އޮތް 250 މިލިއަން ރުފިޔާ ނަމަވެސް 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރުމުގެ ސަބަބުން އަހަރު ނިމުނުއިރު ސަބްސިޑީގެ ގޮތުގައި 500 މިލިއަން ރުފިޔާ ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަހުގެ އަގު ކުޑަކުރީ މަސްވެރިންނަށް ދޫނުކޮށް އޮތް 270 އެއްހައި މިލިއަން ރުފިޔާ އަވަހަށް ދޫކޮށް ނިންމައިލަން ކަމަށެވެ. އަދި، 11 ރުފިޔާގެ ގެއްލުމުގައި މަސް ގަންނަމުން ދިޔަނަމަ ކުންފުނި ބަނގުރޫޓުވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް