މަސްވެރިން މިހާރު އައްޑޫ ސިޓީގައި ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫގައި އިހުތިޖާޖުކުރަމުންނެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިއަދު ހަވީރު 16:00 ގެ ފަހުން އޭއެފްސީން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.
އިހުތިޖާޖުކުރާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މަސްވެރިންގެ އިހުތިޖާޖަށް ހުރަހެއް އަޅަން ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިހުތިޖާޖުގެ ސަބަބުން އޭއެފްސީގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވެ، ވަގުތީ ގޮތުން މަސައްކަތް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. އަދި، އަލުން މަސައްކަތްތައް ފެށޭނެ ވަގުތެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯއިން ބުނި ގޮތުގައި އިއްޔެ މަސްވެރިން ވަނީ އޭއެފްސީގައި ހުރި މުވައްޒަފުންގެ ކެންޓީނު ބަންދުކޮށްފައި ހުއްޓާ ކުޑަ ދޮރުން ވަދެގެން އެ ތަނުގައި ހުރި ކާ އެއްޗެހި ވެސް ކައިފައެވެ.
މީގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަނުން ކަރަންޓު ކަނޑާލާފައިވާތީ އެ ތަނުގެ މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް ވެސް މިފްކޯއިން ބުންޏެވެ. އަދި، ކެއިންބުއިމާއި ފާހާނާކުރުން ފަދަ ޒަރޫރީ ކަންކަމުން ވެސް އެ މުވައްޒަފުން މަހުރޫމްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ، އޭއެފްސީގައި ބިދޭސީ މުވައްޒަފުންނާ އެކު ޖުމުލަ 100 މުވައްޒަފުން ތިބޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ، މަސްވެރިންގެ ޑިމާންޑަކީ އެކޮމަޑޭޝަނާއި އެޑްމިން އިމާރާތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑާފައި ބެހެއްޓުން ކަމަށެވެ. އަދި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގައި ދައްކައި ނިންމަން ވެސް މަސްވެރިން އަންނަނީ ޑިމާންޑުކުރަމުންނެވެ.
އިއްޔެގެ 14:40 އިން ފެށިގެން އަދިވެސް އެކޮމަޑޭޝަނާއި، އެޑްމިން އިމާރާތާއި، މިސްކިތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑައިލާ ސިސްޓަމް ޝަޓްޑައުން ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ވަނީ މަސްވެރިންގެ އިހުތިޖާޖު ވީހާ ވެސް ސުލްހަވެރިކަމާ އެކު ކުރިއަށްގެންދަން އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކުންފުނީގެ މުދަލަށާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށް ލިބޭނެ ދެރައެއް ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނާނެ ކަންކަން ނުކުރަން ވެސް ގޮވާލައިފައެވެ. އަދި، މުވައްޒަފުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
ޢީދު ބަންދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ފައިސާ ދޫކުރީ ވެސް މަސްވެރިން މާލޭގައި އިހުތިޖާޖުކުރި ފަހުންނެވެ. މިފްކޯއިން ބުނީ، ނުދެވި ހުރި ފައިސާ ވީހާ ވެސް އަވަހަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުނުވާ ކަމަށް ބުނި ނަމަވެސް މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ އަދަދު މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ. މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.