ދިވެހީންގެ އެންމެ ބޮޑު މައްސަލަ: މަށަށް ވީމާ ވީ!

އަމިއްލަ ގޭގެ ފާޚާނާގެ ފެން ވެސް ދޫކޮށްލަނީ މަގުމައްޗަށެވެ. އެއްޗެހި ދޮވެފައި ބާކީވާ ދޮންނަކުނޑީގެ ފެންގަނޑު ވެސް ހަމަ މަގުމައްޗަށެވެ. ޑަސްބިން ކޮތަޅު ވެސް ގެއާ އެންމެ ކައިރީ ކަންމައްޗަކަށް ނުވަތަ އަސްކަންޏަކަށެވެ. ތިމާމެންގެ ގެއިން އެ އެއްޗެހި ނެރެވުނީމަ ތިމާއަށް ވީއެވެ. އެހެން މީހުންނަށް ވާނެ ދައްޗެއް، އުނދަގުލަކަށް ތިމާ ބެލުމެއް ނެތެވެ. މިއީ ރާއްޖޭގައި އިޖުތިމާއީ މައްސަލަތަކުގެ ފެށުމާއި ހައްލުނުވެ އޮތް މައިގަނޑު ސަބަބެވެ.

ދުނިޔޭގެ އެންމެ އާބާދީ މަދު ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ރާއްޖެއަކީ އިޖުތިމާއީ މައްސަލަތައް ބޮޑު ގައުމެކެވެ. އިޖުތިމާއީ ފޭރާން މި ވަނީ މުޅިން ވީދި، ހަފުސްވެފައެވެ. އެއް ކަމެއް، ދެ ކަމެއް ނޫނެވެ. ގިނައީ މައްސަލައެވެ. މި ހާލަތަށް ގައުމު ދިޔައީ ގިނަ ރައްޔިތުންގެ ކިބައިގައި ހުންނަ ސިފައެއްގެ ސަބަބުންނެވެ. އެއީ ކަންކަމުގައި ބޮޑުވަރިހަމަ ވުމެވެ. އެއީ ކޮންމެ ގޮތެއްވިޔަސް ފަރުވާލެއްނެތުމެވެ.

https://sun.mv/189772

މަގުމަތީގައި ވެހިކަލް ޕާކް ކުރާ ގޮތަށް ބަލާށެވެ. ގޯޅި ކަންމައްޗެއް، އެހެން ތަނެއް ނޯވެއެވެ. ސްކޫލު ދޮށެއް ވިޔަސް ހޮސްޕިޓަލް ކައިރީ ވިޔަސް ބެލުމެއް ނެތެވެ. މީގެ އެއް ހެއްކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވާ ޒޯންތަކާއި ފުރޮޅީގޮނޑިފަދަ ތަކެތިން ޕޭމަންޓަށް އަރައި ފޭބުމަށް ޚާއްސަ ކޮށްފައިވާ ތަންތަނަށް ދަތިވާގޮތަށް ޕާކްކުރުމެވެ. މުޅި އެ ހިސާބުގައި ޖާގަ އޮތް ނަމަވެސް މިފަދަ ތަންތަނަށް ދަތިވާގޮތަށް ޕާކު ކުރުމަކީ ހަމަ ވަރަށް އާއްމު ކަމެކެވެ. އެހެން އެ ވަނީ އެހެން މީހުންނަށް ވާނެ ދަތިތަކާ މެދު ވިސްނަން ކުޑަކޮށް ވެސް ތިމާއަށް ނޭނގޭތީއެވެ.

އަނެއް ކަމަކީ ހައިވޭއާއި ބްރިޖަށް ބަލާށެވެ. ކޮންމެ ފަޅިއެއްގައި ދެ ލެއިން އާއްމުކޮށް އޮންނައިރު ދެ ފުރޮޅީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދަށް ޚާއްސަ ކޮށްފައިވާ ބަޔަކީ އެހާ ފުޅާ ބައެއް ނޫނެވެ. އެހެންވެ، ދެ އުޅަނދެއް އެއްވަރަށް ދާނަމަ ފަހަތުން އަންނަ މީހާއަށް ނުރައްކަލެއް ނެތި ކުރިއެރޭނެ ގޮތެއް ނޯވެއެވެ. އަދި، ވެހިކަލް އެއްވަރަށް ދުއްވަމުން ދިއުމަކީ މަނާ ވެސް ކަމެކެވެ. ނަމަވެސް، ބްރިޖާއި ހައިވޭއަށް އަރާ ކޮންމެ ފަހަރަކު މި މަންޒަރު ފެންނާނެއެވެ. ދެ ސައިކަލު ނުވަތަ ތިން ސައިކަލުގައި ބޮޑު ވާހަކަ ދައްކަމުން، ސަކަރާތް ގަންނަމުން އެއްވަރަށް ދުއްވާފައި ދިއުމަކީ ހަމަ ވަރަށް އާއްމު ކަމެކެވެ. ފަހަތުން އަންނަ މީހާ ކުރިއަން ބޭނުންވާނަމަ ޖެހެނީ ފުރާނަ ނުރައްކަލަކަށްވާހެން އަނެއް ލޭނަށް އަރާށެވެ. އެއީ ވެސް މަނާ ކަމެކެވެ. ނަމަވެސް، ގިނަ މީހުން އެހެން މީހުންގެ ހައްގާއި އެހެން މީހުންގެ ބޭނުންތަކާ މެދު ނުވިސްނާތީ ހަމަ އެއްވަރަށް ދުއްވަމުން ދަނީއެވެ.

ގިނަ ދިވެހީން މާތްވެގެންވާ ރޯދަމަހާ ވެސް ބައްދަލުކުރީ އަވައްޓެރިންނަށް ދުއްތުރާލެއް ޖައްސަމުންނެވެ. ރޯދަޔަށް ގެ ސާފުކޮށް، ބާކީވި ކުނިތައް އެޅީ ޕޭމަންޓު މައްޗަށެވެ. މުޅި މާލެ ގޮނޑުކޮށްލިއެވެ. އެ ކުނިތައް ނަގަން ނުކުންނަން ޖެހުނީ ސިޓީ ކައުންސިލާއި ވެމްކޯއިންނެވެ. އެކަކު ވެސް ފަރުދީ ޒިންމާއެއް ނުނެގިއެވެ. ކުނި އުކަން ދަތިތަކެއް ހުރިނަމަވެސް ރަނގަޅު އަހުލާގެއް ހުރި މީހަކު ވިއްޔާ އެތައް ހާސް ބަޔަކަށް ދަތިވާނެހެން އެ ކުނިތައް މަގުތަކަކަށް ނާޅާނެއެވެ. އެ ފަހަރު އެކަންޏެއް ނޫނެވެ. މަގުމައްޗަށް ކުނި އެޅުން އަދިވެސް ނުހުއްޓެވެ. ވަރުވަރުން ޖޫރިމަނާ ކުރާއިރު ވެސް އެކަން ކުރަނީއެވެ. ތިމާއަށް ވަސްނުދުވާ، ނުވަތަ އުނދަގޫނުވާ ހިސާބަށް ކުނިތައް ގެންދެވުނީމަ އެ މީހަކަށްވީއެވެ. އެހެން މީހުންނަށް ވާ ދައްޗަށް ބެލުމެއް ނޯވެއެވެ.

ދިޔަދޮވިތަކާއި ފުރާޅުން މަގަށް ފެން ފެއިބާ މައްސަލައަކީ ވެސް އެތައް ޒަމާނެއްވީ ކަމެކެވެ. މާލެއާއި އަތޮޅުތެރެއަށް ބެލި ނަމަވެސް އެތައް ގެއަކުން މި މައްސަލަ ފެންނަން ހުރެއެވެ. ވިއްސާރަ ހުއްޓިޔަސް ގެތަކުން ފައިބާ ފެންތަކުގެ ސަބަބުން މަގު މައްޗަށް ނުކުމެވޭ ވަރެއް ނުވެއެވެ.

https://sun.mv/191615

މަގުމައްޗަށް ކުޅު ޖެހުމަކީ ވެސް ދިވެހީންނާއި ބިދޭސީންގެ ފަރާތުން ވެސް ވަރަށް އާއްމުކޮށް ފެންނަ ކަމެވެ. ހަމަ ހުރެފައި މަގު މައްޗަށް ކުޅު ޖަހާފާނެއެވެ. ބައެއް މީހުން ދުފާ ރަތްކޮށްގެން ހުރެވެސް އެކަން ކުރަނީއެވެ. ބަޓަރު ވެސް ފޮޅަނީއެވެ. މިއީ ރޯގާއާއި ބަލިތައް ފެތުރުމަށް އޮތް ބޮޑު ފުރުސަތެކެވެ. އެކަމަކު، އެއަށް ނުވިސްނައި މިކަން ހަމަ އާއްމުކޮށް ކުރަނީއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގައި ހަމައެއް ލަމައެއް ނެތުމަކީ ވެސް މިފަދަ ކަމެކެވެ. ދުންފަތް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަށާއި ވިއްކުމަށް ވަކި ޚާއްސަ އުސޫލުތަކެއް ހަދާފައި އެބަހުއްޓެވެ. އޭގެ ބޭނުމަކީ އެ ނުރައްކާތެރި އިސްތިއުމާލުނުކުރާ މީހުން އެ ކަމުން ރައްކާތެރިކުރުމަށެވެ. ދުންފަތުގެ ބާވަތްތައް ބޭނުންކޮށްފައި ދޫކޮށްލާ ދުމަކީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން އޮތް ބޮޑު ފުރުސަތެކެވެ. އެކަމުގެ ނުރައްކާ ކިތަންމެ ބޮޑު ނަމަވެސް އެ ދުންތަކުގެ އަސަރުނުކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ތަނެއްގައި އުޅެވޭނެ ގޮތެއް ނެތެވެ.

މިހެންގޮސް ލިޔެ ކިޔަން ވެއްޖެ ނަމަ އެތައް ކަމެއް އެބައޮތެވެ. މި ހުރިހާ ކަމެއް ވެސް ގޮސް ނިމެނީ ގިނަ ދިވެހީންތަކެއްގެ ކިބައިގައި ހުންނަ ނުރަނގަޅު އާދައަކާއެވެ. އެއީ ތިމާއަށް ވީމާ ވުމެވެ. އަނެއް މީހާއާ މެދު ވިސްނުމެއް ނޯވެއެވެ. ފާހާނާ ފެން މަގުމައްޗަށް ދޫކޮށްލައިގެން ހަމަނިދި ނިދެނީ ވެސް އެހެންވެއެވެ.

comment ކޮމެންޓް