ރައީސަށް ނޯޓެއް: ތި އަޅުއްވަނީ ފަންޏެއް ނޫންތަ؟

ރައީސް މުއިއްޒާއި އަބްދުއްރަހީމް: އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް މިނިސްޓަރުކަމުން ވަކިކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އޭރު އެކަން ވިއެވެ. ބޭނުންކަމެއް ބޭނުންއިރަކު މަޖިލީހުގެ ތެރެއިން ކޮށްލެވުނެވެ. ނަމަވެސް، މިހާރު އެކަން ނުވާނެ ކަމުގެ ހެއްކަކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޟާލިހުގެ ވެރިކަން ވެސް މިސާލަކަށް ފުދެއެވެ. ފައިސާ ދީގެންނާއި ހަރުކަށިކަން ދައްކައިގެން ހިފެހެއްޓޭނީ ވަކިވަރަކަށެވެ. ދެން ދާޅީ ފަޅައިގެންނެވެ. މި ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންޓްރޯލްކުރުމުގެ ވާހަކައެވެ.

މި ވާހަކައިން ކުރިއަށް ދާއިރު މި ވެގެން އުޅޭގޮތާމެދު ތަފުސީލީ ގޮތެއްގައި ވިސްނާލަމާ ހިނގާށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބުނީ އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެކެވެ. އަދި، އިންތިޚާބަށް ފަހު ބައެއް އަމިއްލަ މެންބަރުން ޕީއެންސީއާ ގުޅުމާ އެކު މަޖިލީހުގެ ތެރެއިން ބާރު އިތުރަށް ގަދަވިއެވެ. އެއީ، މަޖިލީހުގައި ހިމެނޭ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ފުރިހަމަ ތާއީދާ އެކުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް: -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަން އޮވެ, މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބުމަކީ ވެރިކަން ކުރަން ލައްކަ ފަސޭހަ ވާނެ ކަމެކެވެ. ނަމަވެސް ޕާލަމެންޓްރީ ގުރޫޕު މާ ބޮޑުވުމަކީ އެ އެންމެން ގޮވައިގެން އުޅުމަށް ވެސް ދަތިތަކާ ކުރިމަތި ވާނެ ކަމެކެވެ. އެއީ ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދާއިރާގެ ކަންކަމާއި އަމިއްލަ މަސްލަހަތުގައި ވަރަށް ގިނައިން ކަންކަމު އެދޭ ބަޔަކަށް ވާތީއެވެ. ރަށު ތެރޭގައި އޭރު ވާހަކަ ދެކެވުނު ގޮތުގައި ސަރުކާރުން ދިޔައީ މެންބަރުން ރުއްސުމަށްޓަކައި ކޮންމެ މަހަކު މުސާރައިގެ އިތުރުން 50,000 ރުފިޔާ ދެމުންނެވެ. މި ތުހުމަތު އިދިކޮޅު ޕާޓީތަކުންނާއި ބައެއް މީޑިއާތަކުން ދިޔައީ ކުރަމުންނެވެ.

ނަމަވެސް، ސަރުކާރުން އެކަން ދޮގު ކުރެއެވެ. އެފަދަ ކަމެއް ނުކުރާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން ވެސް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ.

ކުއްލިއަކަށް ބަންނަން އުޅުމުން ގޯސްވަނީ

ވަރަށް އޮމާންކަމާއި އަމާންކަމާ އެކު ހިނގަމުން ދިޔަ މަޖިލީހެއްގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް ފޫކަހައިގެން މި އުޅެނީ ކުއްލިއަކަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއެކުއެވެ. އެ އިސްލާހު ކުއްލިއަކަށް ގެނައީ ރިސޯޓްތަކަށް ލިބޭ ޑޮލަރުން ބައެއް ބޭންކުތަކުގައި މާރު ކުރަން ސަރުކާރުން އެންގުމާއެކު ބައެއް ބޮޑެތި ވިޔަފާރިވެރިންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައެވެ.

https://www.sun.mv/202980

ފަޓާސްބަރިއެއްހެން, ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނައީ މިދިޔަ ނޮވެންބަރު 20 ވަނަ ދުވަހެވެ. އެ ދުވަހު ހުށަހަޅައި އެ ދުވަހު ބަހުސް ނިންމައި އެ ދުވަހު ފާސްކޮށް ހަމަ އެ ދުވަހު ރައީސް އެ އިސްލާހު ތަސްދީގު ކުރުމާއެކު ކަންކަން ގޯސްވާން ފެށިއެވެ.

ގާނޫނުއަސާސީއަށް ގެނައި މައިގަނޑު އިސްލާހަކީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ސަރުކާރުން އެކަން ކޮށް ނިންމާލީ މެންބަރުންނަށް އެކަށީގެންވާ ވަގުތު ވެސް ނުދީއެވެ.

އެ ބަދަލު ގާނޫނު އަސާސީއަށް ގެނައުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރަނގަޅަށް ވެސް ބަދެވުނެވެ. ރައްޔިތުން އިންތިޚާބު ކުރި މެންބަރުން ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީއަކަށް ލިބިގެން ދިޔައީ ކަމަށް ގާނޫނީ ބޭފުޅުން ސިފަ ކުރަން ފެށީ އެ ސަބަބާ ހުރެއެވެ. އަދި އެ އިސްލާހު ފާސްކުރަން ވޯޓުދިން ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ކޮފީ މޭޒުތަކުގައި ގެންދެވީ އެއީ ގޯހެއް ކަމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

އެ އިސްލާހު ފާސްކުރިތާ ހަތަރު ދުވަސް ފަހުން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ އިސްްލާހު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. މައްސަލަ ހުށަހެޅުއްވިތާ ތިން މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން މި ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައިފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން މައްސަލައިގެ ޝަރީއަތް ފެއްޓުމާއެކު ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން ވަކާލާތު ކުރައްވަމުން ގެންދެވީ މިއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެކަމަށް ފަނޑިޔާރުން ހޫނު ސުވާލުތަކެއް ދައުލަތާ ކުރިމަތި ކުރުވިއެވެ. އެއަށްފަހު ސުޕްރީމް ކޯޓުން ނިންމީ މި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އެއާއެކު އަނެއްކާ ވެސް މި ވަނީ ކަންކަން ގޯސްވާން ފަށައިފައެވެ.

ކުއްލިއަކަށް މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުން

ރައްޔިތުންގެ މަޖިލީހާ ގުޅޭ ބޮޑު މައްސަލައެއްގެ ޝަރީއަތް ހިނގަމުން ދަނިކޮށް, މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއާއި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ވިދާޅުވިގޮތުގައި އެ ބޭފުޅުން މެންބަރުންގެ އަރިހުން އެދިވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ކުއްލި މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތައް ހުށަހަޅައިދެއްވުމަށެވެ.

އެކަމަކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުންތަކެއް އެ ކަމަށް ދެކޮޅު ހެދި ކަމަށް އެ މެންބަރު ވިދާޅުވިއެވެ.

"އަބްދުއްރަޙީމް ވެސް ވިދާޅުވި މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫނޭ ކޯޓުގައި ހިނގަމުން އަންނަ މައްސަލައަކަށް އެ ގޮތަށް ނުފޫޒު ފޯރުވުމަކީ،" ސީނިއާ މެންބަރަކު ވިދާޅުވިއެވެ.

https://www.sun.mv/202993

މެންބަރުންގެ މެދުގައި އެ ކަމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި މަޝްވަރާކުރެއްވުމަށް ފަހު ގޮތެއް ނިންމާށެވެ.

މި ކަމާ ގުޅިގެން އަބްދުއްރަޙީމާއި ފަލާހްގެ ބަހެއް ހޯދަން "ސަން" އިން މަސައްކަތްކުރި ނަމަވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ކޮންމެ އަކަސް މިކަން ހިނގިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ބިލެއް ވަނީ ހުށަހަޅާފައެވެ. އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުމަށް ނިންމި ނިންމުމަކީ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދާ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން ދިޔައީ ސަބަބުތަކެއް ހުރުމުންނެވެ.

މި ބިލު މަޖިލީހަށް ހުށަހަޅައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިއްޔެ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވިއިރު ފެނުނީ ތަފާތު މަންޒަރެކެވެ. އާއްމުކޮށް ޑީއާރުޕީގެ ފިކުރުގެ ތެރެއިން އުފެދުނު, ޕީޕީއެމާއި ޕީއެންސީގެ ގިނަ މެންބަރުންނަކީ އޭރަކު ހުންނަވާ ވެރިއަކު ވިދާޅުވާ ކޮންމެ ކަމަކަށް އާއެކޭ ވިދާޅުވާ ބައެކެވެ. ނަމަވެސް، މިފަހަރު މި ފެނުނީ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސަރުކާރުގެ އަތުގައި އޮވެ ސަރުކާރުން ބޭނުންވާ ގޮތާ މެންބަރުން ދެކޮޅު ހައްދަވާ ތަނެވެ. މިއީ ކުރިން ފެނުނު މަންޒަރުތަކާ ބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗާ މި ދަނޑިވަޅުގައި ނުކުޅެން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް އެދާ މައްސަލައިގައި އެ މެންބަރުންގެ މަސްލަހަތު ވަރަށް ބޮޑަށް އެބައޮތެވެ. އެއީ، އެ މެންބަރުން މަގާމުގައި ތިބުމާއި ނުތިބުމުގެ ބާރު މިހާރު ޕާޓީގެ އަތްމަތީގައި އޮތުމުންނެވެ. އެކަމަށް އެހެން ގޮތެއް ވާން އޮތީ ސުޕްރީމް ކޯޓުގެ ނިންމުމެއް އެހެން ގޮތަކަށް އަތުވެއްޖެ ނަމައެވެ.

ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ފަލާހް ރޭ މެސެޖަކުން އެންގެވީ މިހާރު ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ބޭންޗު ބަދަލު ކުރުމުގެ އިސްލާހަށް މެންބަރުން ތާއީދު ކުރުމަށެވެ. އެ ބިލު މަޖިލީހުން ބަލައިގެން އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ޕީއެންސީ ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ. އެހެންވެ، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއިދުކޮށް، ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށް ފަލާހުވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން ހިތާ ދެކޮޅަށް ވެސް މިއަދު މެންބަރުން އެ ބިލާ އެއްކޮށްޅަށް ވޯޓު ދީ, އެއްކޮޅަށް ބަހުސްކޮށްފާނެއެވެ.

އެކަމަކު، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ މިހާރު ވާހަކަދައްކާއިރު ތިމަންމެނަށް މިނިވަންކަމެއް ނެތޭ ވިދާޅުވުން މިވަނީ ވަރަށް ގިނަވާން ފަށައިފައެވެ. މިއީ މުސްތަގުބަލުގައި ކަންކަން ގޯސް ވެދާނެ ކަމުގެ ހެއްކެކެވެ.

މި ހިނގި ކަންކަމުން ފެންނަން އޮތް މަންޒަރަކީ ސަރުކާރުން މާ އަވަހަށް މާ ބޮޑަށް ޑިފެންސަށް ފޭބި މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލް ނެގުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން މި އެޅުއްވި ފިޔަވަޅަކީ މާ ހަރުކަށި ފިޔަވަޅެކެވެ. އަދި އެކަން ކުރީ މާ އަވަސް އަރުވާލައިގެންނެވެ. ޕީއެންސީގެ ބޮޑު ޕާލަމެންޓްރީ ގުރޫޕުގެ ތެރޭގައި ކުދި ރެނދުތައް ލައި, މަޑުމަޑުން ބޭރަށް ވާހަކަތައް ނުކުންނަން ފެށީ އެ ސަބަބާ ހުރެއެވެ.

އަނެއްކާ ސުޕްރީމް ކޯޓުގައި ބޮޑު ޝަރީއަތެއް ހިނގަމުން ދަނިކޮށް މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެ ކޯޓުގެ ބެންޗު ބަދަލު ކުރަން އުޅޭ އުޅުމަކީ ވެސް ގިނަ ގޮތްގޮތަށް ދެކެވިދާނެ ކަމެކެވެ. މިއީ ވެސް މާ ބޮޑަށް ޑިފެންސަށް ކުޅުން ކަމަށް ބެލެވޭނެ ފުރުސަތު އެބަ އޮތެވެ. އެހާ ބޮޑަށް ތެޅެފޮޅެން ވެއްޖެ ނަމަ ވަރަށް ގިނަ ފަހަރަށް ގޯސްހެދޭނެއެވެ.

ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުންގެ ވެސް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ސުޕްރީމް ކޯޓުގެ ބޭންޗުގެ އަދަދު ކަމަކަށް ނުބެލެވެއެވެ. އެއީ ހަތެއްތޯ ނުވަތަ ފަހެއްތޯ ބައްލަވަން މެންބަރުން އުޅުއްވާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މި ފެންނަނީ މި ދަނޑިވަޅުގައި އެކަމާ އުޅޭތީ މެންބަރުން ކަންބޮޑުވާ މަންޒަރެވެ.

ކިތަންމެ ބާރަކާއި މެޖޯރިޓީއެއް އޮތް ނަމަވެސް ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް ނާޅައިފި ނަމަ ކަންކަން ގޯހުން ގޯހަށް ދާނެއެވެ. މެންބަރުން މަތަކޮށް ބެއިތިއްބޭނީ ވަކި ވަރަކަށެވެ. މާ ބޮޑަށް މެންބަރުން ނުރުހޭ ކަންކަން މަޖުބޫރުން ކުރައްވަން ރައީސް ވެސް އުޅުއްވައިފިނަމަ އެއީ އެމަނިކުފާނު އަމިއްލަ ފުޅަށް އަޅުއްވާ ފަންޏަކަށް ނޫނީ ނުވާނެއެވެ.

comment ކޮމެންޓް