އެތައް ބައެއްގެ ގުރުބާނީގެ ސަބަބުން, ބާރުތައް އެއްކޮށްގެން ކުރި ދިގު ވެރިކަމެއް ނިންމައި، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނެވުނުތާ 16 އަހަރުވީއެވެ. މި ކުރު މުއްދަތުގެ ތެރޭގައި ދިވެހީން އެތައް ވެރިކަމެއް ދެކި, ލައްކަ ތަޖުރިބާ ކޮށްފިއެވެ. އޭގެ ތެރެއިން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ތަރައްގީތައް ވެސް ހިމެނެއެވެ. އުއްމީދުތަކާއެކު ނަމަވެސް ކިތަންމެ ވަރަކަށް ވެރިންނާއި ވެރިކަންތައް ބަދަލުކުރި ނަމަވެސް ބަދަލު ނުވާ އެއް ކަންތައް އެބައޮތެވެ. ވައްކަމާއި ކޮރަޕްޝަނެވެ.
ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރާމެދު ހައިރާން ނުވާނެ ދިވެއްސެއް މަދުވާނެއެވެ. ހޯދުނު ގޮތަކަށް މުދަލާއި ފައިސާ ހޯދައިގެން މުއްސަނދިވުން މިވަނީ ޓްރެންޑަކަށް ވެފައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އަހަރަކު އެއް ފަހަރު ނެރޭ, ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) އިން މި ބޮޑު މަންޒަރު ފެނެއެވެ.
މިދިޔަ 2023 ވަނަ އަހަރުގެ ސީޕީއައި ރިޕޯޓުގައިވާ ގޮތުން ރާއްޖެ ދިޔައީ އަނެއްކާ ވެސް ފަހަތަށެވެ. އެގޮތުން މިދިޔަ އަހަރުގެ އިންޑެކްސް ދައްކާގޮތުން ރާއްޖެއަށް ލިބިފައިވަނީ ސަތޭކައަކުން 39 ޕޮއިންޓެވެ. އަދި އިންޑެކްސް ރޭންކުގައި ރާއްޖެ އޮތީ 180 ގައުމުގެ ލިސްޓުގެ 93 ވަނައިގައެވެ.
މިދިޔަ ފަސް އަހަރަށް ބަލައިލި ނަމަވެސް ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ގޮސްފައިވަނީ ފަހަތަށްކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަލްގެ ރިޕޯޓްތަކުން ދައްކައެވެ. އެ ޕޮއިންޓްތަކުން ދައްކާގޮތުން ރާއްޖެ ހިމެނެނީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައެވެ. އަދި މިހާރު ވެސް ރެއާއި ދުވާލު ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް އެ އަންނަނީ ފެންމަތިވަމުންނެވެ.
ގާތްގަނޑަކަށް 3.5 ބިލިއަން ފީފާގެ ތެލުގެ ރިޒާވް އޮންނަ ދެކުނު ސޫދާން ސަރުކާރަށް ލިބޭ އާމްދަނީގެ 98 އިންސައްތަ އަކީ ތެޔޮ އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީއެވެ. ނަމަވެސް ކޮރަޕްޝަންގެ ސަބަބުން އެ އާމްދަނީ އެންމެ އެދެވޭ ގޮތަކަށް ގައުމަކަށް ނުލިބެއެވެ.
އެގޮތުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު އެ ގައުމުގެ އޮފިޝަލުން މި އާމްދަނީގެ ތެރެއިން ހަތަރު ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގުދުރަތީ އެތައް މުއްސަނދި ކަމެއް ލިބިފައިވާ ދެކުނު ސޫދާނަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ 75 ޕަސެންޓަށް ވުރެ ގިނަ މީހުން އުޅެނީ ދުވާލަކު 1.90 ޑޮލަރަށް ވުރެ ދަށް އާމްދަނީއަކުންނެވެ. ބަނޑުހައިހޫނުކަމާއި ސިއްހީ ފަރުވާއާއި ތައުލީމީ ފުރުސަތުތައް ނެތުންފަދަ އެތައް ކަމެއް އެ ގައުމަށް ވަނީ ކުރިމަތިވެފައެވެ. މި ހާލަތަށް އެ ގައުމު ދިޔައީ ކޮރަޕްޝަނާއި ހަނގުރާމައިގެ ސަބަބުންނެވެ.
ރާއްޖެ ވެސް އެ މިސްރާބަށް؟
ދިވެހީންގެ ނަސީބަކީ ރާއްޖޭގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ނެތުމެވެ. މިއީ މުޅި ދުނިޔެ, ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ބަލައިގަންނަ ރީތި, އަރާމު ގައުމެކެވެ. ބިލިއަނަރުންނާއި މިލިއަނަރުންގެ އިތުރުން ތަނަވަސް އެތައް ބަޔަކު އައިސް ހިތް އުފާ ކުރާ މަންޒިލެކެވެ. ނަމަވެސް ކޮރަޕްޝަންގެ ސަބަބުން މި ރާއްޖޭގެ ރީތި ނަމަށް އެބަ ހުތުރުކަން ލިބެއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ރައީސް ސާލިހާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ވެސް އެންމެ ބޮޑަށް ކުރެވޭ ތުހުމަތަކީ ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމެވެ. އެކަމުގެ އެތައް ހެއްކެއް އެ އޮތީ ފެންނާށެވެ.
އެތައް ވައުދަކާއި އަހުދަކާއެކު ވެރިކަމަށް އަންނަ ބޭފުޅުންގެ ވެރިކަންތަކުން ފެންނަނީ ނަޒާހާތްތެރިކަން ނެތް ކަމެވެ. އަމިއްލަ ޕާޓީގެ އިސްވެރިންނާއި މަޖިލިސް މެންބަރުން މާލެ ސަރަހައްދު ގަންނަ ގޯތިތަކާއި ފްލެޓްތަކާއި އެހެނިހެން މުދަލަށް ބެލިނަމަވެސް އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް ލިބޭ އާމްދަނީއާ ނުބައްދަލެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ހަމަ އަގުގައި ހިންގުމުގެ ބަދަލުގައި ބޮޑު އަގުގައި ހިންގައި އެތައް ނާޖާއިޖު މަންފާއެއް އަންނަނީ ނަގަމުންނެވެ. އެ ޕްރޮޖެކްޓްތައް މުޅިންހެން ދެނީ އޭރަކު އޮންނަ ސަރުކާރެއްގެ ބަޔަކަށެވެ. ކަނޑައެޅިގެން ފާޅުގައި ބޮޑެތި ވައްކަންތައް ހިންގަނީއެވެ.
އަދި ނަހަމަ ގޮތުގައި ފައިސާ ބޭނުން ކުރުމަކުން ނިމުނީއެއް ނޫނެވެ. ދައުލަތުގެ ވަސީލަތްތައް ވެސް އޭރަކު ހުންނަ ވެރިއަކު ބޭނުން ގޮތަކުން ބޭނުންކޮށް ނިންމަނީއެވެ. ގާބިލްކަމެއް ނެތް މީހުންނަށް ބޮޑެތި މުސާރަތައް ދީގެން އެތައް ބޭކާރު ހަރަދެއް ކުރަނީއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅަށް ހިންގައި ބޮޑު އާމްދަނީއެއް ހޯދުމުގެ ބަދަލުގައި އެތަންތަން ގިނައިން ބޭނުން ކުރަނީ ސިޔާސީ މަންފާ ހޯދުމަށެވެ. ގާބިލް މީހާއަށް ވަޒީފާއެއް ނުލިބެއެވެ. ވަޒީފާއެއް ހޯދަން ބޭނުން ވިޔަސް ޖެހެނީ އޭރަކު އޮންނަ ސަރުކާރެއްގެ ވެރިންގެ ގާތު އާދޭސް ދަންނަވާށެވެ.
މީގެ ނަތީޖާއަކީ މިއަދު މި ގައުމަށް ވެފައި މިއޮތް ގޮތެވެ. ބޭރު ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ. ކޮންމެ އަހަރަކު ވެސް ދައުލަތުން ހަރަދު ކުރަމުން އަންނަނީ ލިބޭ އާމްދަނީއަށް ވުރެން އިތުރަށެވެ. ނަތީޖާއަކަށް ވަނީ އަހަރަކަށް ވުރެން އަހަރެެއް ދަރަނި ބޮޑުވުމެވެ. އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރައެވެ.
ދަރަނި މިހިރީ ކަންބޮޑުވާ މިންވަރެއްގައެވެ. އިސްކޮޅުނުކާ ވަރުގައެވެ. އަންނަ އަހަރު ދަރަންޏަށް 600 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އޭގެ އަނެއް އަހަރު، 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްއާއި ރޭޓިން އެޖެންސީތަކުން ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ދިނީ މި ހިސާބަށް ކަންކަން ދިޔައީމައެވެ.
ދަރަނި މިހާ ބޮޑުވެފައިވާއިރު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް އުޅެމުން އަންނަނީ ވަރަށް ހާލުގައެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އޮތީ އިންތިހާއަށެވެ. އެކަމާ ގުޅިފައިވާ އިޖުތިމާއީ މައްސަލަތައް ވެސް އެހާ ގިނައެވެ. އެންމެ ރަނގަޅު ސިއްހީ ފަރުވާ ރާއްޖޭން އަދިވެސް ނުލިބެއެވެ. ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ޖެހެނީ ފުރައިގެން ބޭރަށް ދާށެވެ.
މި ހާލަތަށް ގައުމު ދިޔައީ މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ މިސް މެނޭޖުމަންޓާއި ކޮރަޕްޝަންގެ ސަބަބުންނެވެ.
ސައުތު އޭޝިއާގެ ސަރަހައްދަށް ބެލި ނަމަވެސް އާބާދީގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ގައުމަކީ މި ރާއްޖެއެވެ. ކޮންމެ އަހަރަކު ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ސިޔާސީ ބޭފުޅުންގެ އިޚުލާސްތެރިކަމެއް ނެތް އަމަލުތަކުގެ ސަބަބުން ގައުމު މިއޮތީ ދަރާވިކިފައެވެ.
ގައުމާ ދޭތެރޭ ވިސްނާ ނުލައި ސިޔާސީ މަގުސަދަށް ޓަކައި ފައިސާ ނުލިބޭ ކަންކަން ލޯނު ނަގައިގެން ކުރުމާއި ގައުމާ ނުބައްދަލު ނިޒާމަކުން ގައުމު ހިންގަން އުޅުމަކީ މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އަދި ވައްކަމާއި ކޮރަޕްޝަން ސަރުކާރުތަކުން އިންތިހާއަށް ހިންގާއިރު އެކަންކަން ބަލަން އެކުލަވާލާފައިވާ މުއައްސަސާތަކާއި ކޮމިޝަންތަކުން ޒިންމާތައް ނެގުމުގައި ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.
ކޮންމެ ފަސް އަހަރަކުން ދެ ފިކުރެއްގެ މައްޗަށް ވެރިކަންތައް ބަދަލުވާއިރު ބަދަލު ވަނީ ހަމައެކަނި މީހުންނެވެ. ހަމަ ކުރަނީ އެއް ކަމެކެވެ. ބައި އަޅައިގެން ވައްކަމާއި ފަސާދަ ހިންގަނީއެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ ތަނަވަސްކަން ހޯދަނީއެވެ.
މިއީ ހަގީގަތު ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ސިޔާސީ މީހުން މިކަމަށް ޒިންމާ ނަގައި މިކަންކަން އިސްލާހު ކުރަން ޖެހެއެވެ. ނޫނީ ގައުމު ދަރައިވިކި ދެކުނު ސޫދާނަށް ޖެހުނު ހާލު މި ގައުމަށް ވެސް ޖެހުން އޮތީ ދުރަކު ނޫނެވެ. ގައުމު މުއްސަނދި ވިޔަސް އަދި އާމްދަނީ ކިތަންމެ ގިނައިން ލިބުނަސް އެ ގައުމުގައި ވައްކަން ގިނަ ވެއްޖެ ނަމަ ރައްޔިތުން ތިބޭނީ ވަރަށް ހާލުގައެވެ.