މި ހިނދުގައި ދިވެހި ސިޔާސީ މައިދާނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވުރެ ވަކިން ތަޖުރިބާ ހުންނެވި ބޭފުޅެއް ނުހުންނާނެއެވެ. އެ މަނިކުފާނަށް ވުރެ ގިނަ ކަންކަން ގާތުން ތަޖުރިބާ ކުރެއްވި ލީޑަރެއް ނުހުންނާނެއެވެ. އެއީ، މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ސިޔާސީ ބޭފުޅާއެވެ.
ޔާމީންގެ ސިޔާސީ ތަޖުރިބާއަށް އެއްވަނީ އެ މަނިކުފާނުގެ ހަލުވި ދުވެއްޔާއި ހުށިޔާރުކަމެވެ.
ޝަރުއީ ނިޒާމުގެ ތެރެއިން އެކެއް ފެބްރުއަރީ 2018 ގައި އޭރުގެ އިދިކޮޅުން ގެންނާން އުޅުނު ބަގާވާތް ފޫއަޅުވައިލި ގޮތް އެކަނި ވެސް ހެއްކަކަށް ފުދެއެވެ. އެ ދުވަހު އެއީ، އެ ނޫން ބޭފުޅެއް ނަމަ "ބޮލުގައި ބަޑި ޖެއްސީއޭ،" ކިޔައި އިސްތިއުފާ ދެއްވާނެ ހާލަތެވެ.
އެކަމަކު، ހުށިޔާރު އަދި ސާބިތުކަން ބޮޑު ޔާމީން އެ ދުވަހު ވެސް ނެންގެވީ އަވަސް އަދި ހިކުމަތްތެރި ނިންމެވުމެކެވެ. ހާލަތުގެ އަޅަކަށް ވެވަޑައިނުގެންނެވިއެވެ.
ދައްޗާއި ތުރާލާއި ސިޔާސީ ގަޑުބަޑުގެ ތެރެއިން ވެސް ފަސް އަހަރު ނިންމުނީ އެހެންވެއެވެ. ހުސް އެކަންޏަކު ނިންމީއަކީ ނޫނެވެ. މާލެއާއި ހުޅުމާލެ ގުޅުވާލައި، 25 ބުރީގެ ހޮސްޕިޓަލެއް އަޅައި، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި އެ ތަނުގައި އިމާރާތްކުރި އުސް ޓަވަރުތަކަކީ ދާއިމަށް ވެސް ޔާމީންގެ ލެގަސީއެވެ.
ޔާނު ދުވެލީގައި އެނބުރި އިދިކޮޅަށް
ނިމުނު ރިޔާސީ ރޭހުގެ ކެމްޕޭންގައި މިހާރު އެ ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީންގެ ނަންފުޅު ނުގަނެ ތަގުރީރެއް ނިންމަވައިލެއްވި ހަނދާނެއް ނުވެއެވެ. އެ މަނިކުފާނުގެ ލެގަސީއާއި އެ މަނިކުފާނުގެ ވާހަކަފުޅުތަކެވެ. ކެމްޕޭން ޕޯސްޓަރުތަކުގައި ވެސް ރައީސް މުއިއްޒަށް ވުރެ ބޮޑުކޮށް، ފާޅުކޮށް ހުންނެވީ ޔާމީނެވެ.
ދިވެހި ސިޔާސީ ކަންކަމަށް ދެކެފަރިތަ ނޫން މީހަކު ނަމަ، ކެންޑިޑޭޓަކީ ޔާމީނޭ ހީވާ ވަރަށް އެ މަނިކުފާނުގެ ފޮޓޯފުޅު ޖެއްސެވިއެވެ.
އެކަމަކު، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރީގައި ޔާމީނާއި ރައީސް މުއިއްޒާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެއްޖެއެވެ. ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ގޮތުން ނަމަ، "ގުޅުއްވީމާ ފޯނު ވެސް ނުނަންގަވަ"އެވެ. ދެ ބޭފުޅުންގެ އެއްވެސް ގުޅުމެއް ނެތެވެ. ވަކިން ހާއްސަކޮށް އާ ސަރުކާރުގެ އެއްވެސް ކަމެއްގައި 'ޔާމީންގެ ބަސްފުޅު' ނުވިކެއެވެ.
ދެން ޔާމީން ބޭނުންފުޅުވީ 30،000 އެއްހައި މެންބަރުން ތިބި ޕީޕީއެމް ބޮޑުކޮށް، ވަރުގަދަކޮށް އިދިކޮޅަށް ފައްކާ ކުރާށެވެ. އެ ނިޔަތުގައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އިތުރު 12 ބޭފުޅެއް ހިމަނުއްވައިގެން ކޮމިޓީއެއް އެކުލަވައިލިއެވެ. އެކަމަކު، އެ ހިސާބުން ރެއަކާލީ ޕާޓީގައި އެ މަނިކުފާނުގެ އާރެއް ބާރެއް ނެތް މިންވަރެވެ.
ޕީޕީއެމްގެ ނައިބު ރައީސުންނަށް ތިއްބެވި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ޔާމީނަށް ބޮޑުބޭބޭފުޅު ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިސްވެ، މަލީހުގެ މައްސަލަ ބަލާފައި އޭނާ ޕާޓީން ބޭރުކޮށްފިއެވެ.
އެހެންވެ، ބަސްނުވިކޭ އޮޑިއެއްގައި ދިރުނބަލުގައި ނުހުންނަވާން ޔާމީން ވެސް ޕީޕީއެމުން ވަކިވީއެވެ.
ވަކިވި ގޮތަށް އާ ޕާޓީއެއްގެ މަސައްކަތް އިއުލާނު ކުރައްވާ 12 ގަޑިއިރެއްހާއިރު ތެރޭގައި ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކޮށް، އަސާސީ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލައިފިއެވެ. އެ ކަމުގައި ވެސް އިސްކޮށް އުޅުއްވި މަލީހު ވިދާޅުވާ ގޮތަށް 'ޔާނު ދުވެލީ'ގައެވެ. އެނބުރި އެ ވަޑައިގަންނަވަނީ އަނެއްކާ ވެސް ފަސް އަހަރު ކުރިން ދަތުރު ފެއްޓެވި މަގާމަށް އިދިކޮޅަށެވެ. އިދިކޮޅު ލީޑަރަކަށެވެ.
އާ ސަރުކާރަށް ހަފުތާ ނުފުރެނީސް ގޮވާން ފެށި އިސްތިއުފާގެ ހަޅޭކުން އެކަން ސާފެވެ. ޔާމީން އެ ހައްދަވަނީ ސަރުކާރާ ދެކޮޅު ޕާޓީއެކެވެ.
ޔާމީން ދެކޮޅުވުމާ އެކު މިދިޔަ ފަސް އަހަރު އެއް ވާނެއްގައި ތަސްބީހައެއްހެން 'ރައީސް ޔާމީން، ރައީސް ޔާމީން،' ކިޔުއްވަމުން ގެންދެވި ލީޑާޝިޕު ހިނި ހޮރަކުން ހިނި ނުކުންނަހެން ނުކުމެ މި ތިބީ ސަރުކާރުގެ ދިފާއުގައިކަން ބުނެދޭން ފަށައިފިއެވެ. އެ މަނިކުފާނަށް، އެ ވަނީ ބާކީކަން ބުނެދޭން އުޅޭ ކަހަލައެވެ. އެ ސަކަރާތުގައި ބައިވެރިވާނެ މީހަކު ނުވާނޭ ބުނާން އުޅޭ ކަހަލައެވެ.
ހަތް ދުވަސް ނުވެ، ތެޅިގެންފައި ކީއްވެ؟
"ހާދަ އަވަހަކަށޭ ދޯ ޔާމީން މި ތެޅިގަތީ. އަންނިއަށް [ކުރީގެ ރައީސް މުހައްމަދު ނަޝީދު] ވީ ވަރު ވެސް ނުވާނެ ކަންނޭނގެ،" ރައްޓެއްސަކު ބުންޏެވެ.
ގިނަ މީހުންނަށް ޔާމީން ކުޅިބައި އަތުރައިލެއްވިލެތް އަވަސްކަން ފާހަގަ ކުރެވުނީ ގޯހެއް ގޮތަށެވެ. ޖަޒުބާތުގައި ޔާމީން ހައްދަވާ ގޯހެއް ކަމަށް ދެކޭ މީހުން ބައިވަރެވެ. އެއީ، ފަހަރުގައި ތެދު ހަގީގަތަކަށް ވެގެން ވެސް ނިމިދާނެއެވެ.
އެކަމަކު، ކުރީގެ ގަދަފަދަ ދެ ރައީސުންގެ ސިޔާސީ ނެތިފަނާވުމުން ކުޑަ ވެސް އިބުރަތެއް ލިބިގަތް މީހަކު އެހެނެއް ނުބުނާނެއެވެ. މި ބަލަނިއްޔަކީ ކުރިން ބެލި އަރައިރުންވުމާއި ކޯޅުމުގެ މަންޒަރެއް ނޫނެވެ. ޔާމީން އެ ހުންނެވީ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިޔާސީ ހަތުރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ދަތުރުން އިބުރަތް ހާސިލު ކުރައްވައިގެންނެވެ.
ހަފުތާ ނުފުރެނީސް 'ޔާނު ސްޕީޑު'ގައި ކުޅިބައި އަތުރައިލެއްވީ އެހެންވެއެވެ.
މި ފަހަރު ޖަލުން ގެކޮޅަށް ބަދަލުވުމުން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ރުންކުރު ރާގަކަށް ޔާމީންގެ ހަރު ގޮތުގައި ހުންނަވައި ވިދާޅުވިހެން "ރައީސް ޔާމީން ބަތްކައްކާއެއް ނުކުޅޭނެ"އެވެ.
މައުމޫނާއި ނަޝީދު ހެއްދެވި ގޯސް
ޔާމީން އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ މައުމޫންގެ ހިޔަނިންނޭ ބުނުން އެއީ ދޮގެއް ނޫނެވެ. ހަމަ އެގޮތަށް 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ވެސް ނަޝީދުގެ ހިޔަނިންނެވެ.
ޔާމީންގެ ވެރިކަން ފެށުނު އިރުގައި ވެސް މައުމޫނާ ދެ ބޭފުޅުންގެ މެދުގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. ޞާލިޙް ސަރުކާރު ފެށުން އިރުގައި ނަޝީދާއި ދެ ބޭފުޅުންގެ ގުޅުން ވެސް ގޯސްވާން ފަށައިފިއެވެ. އެކަމަކު، އެ ދެ ރައީސުން ވެސް އުޅުއްވީ ފަސް އަޅައި ފޮރުވާށެވެ. ދޭތެރެއަކުން ރައީސް އޮފީހަށް ވަޑައިގެން ބައްދަލުކުރައްވައިގެންނާއި ޗާލާކީ ފޮޓޯތައް ނަންގަވައިގެން އުފެދި ބޮޑުވެ ފާޅުވަމުން ދިޔަ އަދާވާތްތެރިކަން ފޮރުވަން މަސައްކަތް ކުރެއްވިއެވެ.
އެއީ، އެ ބޭފުޅުންގެ އެހާ ބޮޑު ހިއްސާއެއް އޮވެ، ގެނައި ވެރިކަމަކާ ދެކޮޅަށް މާ ކުރިން ނުކުންނަވައިފި ނަމަ އެ ކަމުގެ ނުރައްކާ ބޮޑު ވެދާނެތީއެވެ. ޕާޓީގެ އާންމު މެންބަރުން ނުރުހުންވެ، ސަޕޯޓު މަރުވެ ދާނެތީއެވެ.
އެކަމަކު، ރައީސް އޮފީހުގެ މާލަމްތަކުގައާއި ޕާޓީގެ ޖަލްސާތަކުގައި ނެންގެވި ފޮޓޯތަކުން ޞާލިޙާއި ނަޝީދުގެ ގުޅުން ވެސް އަދި ޔާމީނާއި މައުމޫންގެ ގުޅުން ވެސް ފޮރުވުނީ ދެ އަހަރެއްހާ ދުވަހެވެ. ވެރިކަން މެދަށް ދިޔައިރު ފަޅައިގެން ގޮސްފިއެވެ. އެ ހިސާބަށް ދިޔައިރު އެ ދެ ރައީސުންނަށް ވެސް އޮތީ ގޯސް ހެއްދެވިފައެވެ. އެއީ، ސިޔާސީ ގޮތުން މާ ބޮޑަށް ދޫވެ، ވެރިކަން ބޮޑުވެ ފައްކާވާން ފުރުސަތު ދެވުމެވެ.
ޔާމީންގެ ނިންމެވުން ތަފާތީ ކިހިނެއް؟
ނަޝީދާއި މައުމޫން ވެސް އަމިއްލަފުޅު ޕާޓީއެއްގެ ކަންކަން ފައްޓަވަން ޖެހިވަޑައިގަތީ މަޖިލިސް އިންތިޚާބަށް ފަހުއެވެ. އޭރު، ސަރުކާރަށް އޮތީ މެޖޯރިޓީ ލިބިފައެވެ. އެއް ވަރުގެ ދެ ކަނޑި އެއް އުރައެއްގައި އޮއެވޭތޯ ކުރެއްވި މަސައްކަތުން ދެ ފަހަރު ވެސް އެއް ކަނޑީގެ މިޔަ ދިޔައީއެވެ. ފަހުން ދެން ދޮން ކޮށްކޮށް ވެސް އެ ފައްކާނުވާހާ ބޮޑަށް ކޮށިވީއެވެ.
ދެ ފިކުރު ވަކިކޮށްލުން
އެއް ކަމަކަށް ޔާމީން އެ ކުރެއްވި ކަމަކީ ދެ ފިކުރު ވަކި ކޮށްލެއްވީއެވެ. އެއް އުރައެއްގައި ދެ ކަނޑިއަށް ނޯއެވޭނެތީއެވެ.
ވެރިކަން ފެށެން ވާއިރަށް ޔާމީން ހުންނެވީ އިދިކޮޅުގައިކަން ސަޕޯޓަރުންނަށް ސާފުކޮށްދެއްވީއެވެ. ކުރީގެ ދެ ރައީސުންނަށް ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. ފުރަތަމަ ދެ އަހަރު ޕާޓީގައި އަތްގަދަ ކުރެއްވިދާނެ ކަމުގެ އުންމީދުގައި ހިތާ ދެކޮޅަށް ސަރުކާރު ދިފާއު ކުރެވުމެވެ. ވެރިކަމުގައި ބޮޑު ބައި ވެރިކަމުގެ ދިފާއަށް އުޅުއްވާފައި ފަހު ވަގުތު ފަޅާލާފައި ނުކުންނަން ޖެހުން އެއީ މައުމޫނާއި ނަޝީދު ވެސް ނާކާމިޔާބުވާން މެދުވެރިވި ސަބަބެކެވެ.
އެއް ފިކުރެއްގައި ދެ ރައީސުން ނުތިއްބަވާނެކަން ސާފެވެ. ނޫން ނަމަ، ޞާލިޙް ސަރުކާރުގައި ނަޝީދުގެ އޮފެއް ނުކެނޑުނީހެވެ. އަދި، ޔާމީންގެ ފަސް އަހަރުން މައުމޫން ދިގު 30 އަހަރު ހަނދާނެއް ވެސް ނުނެތުނީހެވެ.
އެހެންވެ، މިހާރު އެއޮތީ ރައީސް މުއިއްޒާއި ޔާމީންގެ ވަރަށް ރަނގަޅަށް ވަކިކޮށްލައިފައެވެ. ޔާމީން އެއީ އިދިކޮޅެވެ. ރައީސް މުއިއްޒަކީ ސަރުކާރެވެ. އެއަކު މިހާރު އޮޅުން އަރާނެ ޖާގައެއް ނެތެވެ.
ރައީސްގެ ހިޔަނީގައި ހުންނަވަން ޔާމީނަކަށް ނުޖެހޭނެއެވެ. އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނަށް ވެސް ލައްކަ ކެމެރާ އެޅޭނެއެވެ. އޮފު ނުކެނޑި ހުރެވޭނީ އެ މަގުންނެވެ.
މަޖިލިސް އިންތިޚާބުގެ ކުރިން ދެކޮޅުވުން
މައުމޫން ވެސް ނަޝީދު ވެސް މަޖިލީސް އިންތިޚާބުގައި ވަފާތެރިވާނެހެން ހީވިހާ ބޭފުޅެއް ނެރުއްވިއެވެ. އެކަމަކު، ދެ ފިކުރު ވަކިނުކޮށް މަޖިލީހަށް ނެރުމުން އާހިރުގައި އެންމެންހެން ތިބީ ބޮޑު ފަޅީގައެވެ.
ޔާމީން ކުއްލިއަކަށް އަވަސް އަވަހަށް އަތުރައިލެއްވި ކުޅިބައިން ފާހަގަ ކުރެވުނީ މަޖިލީސް އިންތިޚާބަށް ވިސްނަވާފައިވާ މިންވަރެވެ. މިހާރު އެ މަނިކުފާނުގެ ތާއީދާ އެކު މަޖިލީހަށް ހޮވޭނީ ސަރުކާރާ ދެކޮޅު މެންބަރުންނެވެ. ގޮނޑި ހޯއްދަވާ ނަމަ ހޯއްދަވާނީ ސަރުކާރު ވިއްކައިގެނެއް ނޫނެވެ. ސަރުކާރު ޒިންމާދާރު ކުރާށެވެ.
ނަޝީދާއި މައުމޫން ހެއްދެވި އަނެއް ގޯހަކީ އެއީއެވެ. މަޖިލީސް އިންތިޚާބުގައި އެއް ފިކުރެއްގައި ތިބެވުމުގެ ސަބަބުން މެޖޯރިޓީއަށް ހޮވުނީ ސަރުކާރު މެންބަރުންނެވެ. ދެން، ނަޝީދާއި މައުމޫން ފަޅާލާފައި އިދިކޮޅަށް ވަދައިގެންނެވިއިރު ފަހަތުން ދުރުވީ އިނގިލި ބިންދައިގެން ގުނޭހާ މަދު މެންބަރުން ކޮޅެކެވެ.
އެހެންވެ، މަޖިލީސް އިންތިޚާބަށް ޔާމީން އެ ނުކުންނަވަނީ ވެސް އިދިކޮޅު ލީޑަރެއްގެ ގޮތުގައެވެ. ހޮވަން އެ އުޅުއްވަނީ ވެސް އިދިކޮޅު މެންބަރުންނެވެ. ސަރުކާރު ވިއްކައިގެން ހޮވިފައި އިދިކޮޅަށް ދިޔުމަކީ އުނދަގޫ ކަމެކެވެ. ހަމަ އެހެން، އިދިކޮޅުން ހޮވިފައި ސަރުކާރާ ގުޅުމަކީ ވެސް ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މައުމޫނާއި ނަޝީދަށް ހެއްދެވުނު އަނެއް ގޯހަކީ އިންތިޚާބަށް ފަހުގައި މެންބަރުން ލައްވައި އެ ސަކަރާތް ޖައްސަވަން އުޅުއްވުމެވެ.
ޔާމީނަށް އެ ހަގީގަތް އެނގެއެވެ.
ޕާޓީއާއި ސަރުކާރަށް އަތްގަދަ ކޮށްގެން ވެރިކަމުގައި ހުންނެވި ރައީސެއް ބަލި ކުރައްވަން އުޅުއްވައިގެން މައުމޫނާއި ނަޝީދުގެ ސިޔާސީ ހަޔާތްވީ ކަފުނެވެ. މިލަ ކެނޑި، ކޮށިވެ، ބާކީވީއެވެ.
އެހެންވެ، ސަރުކާރަށް އަތްގަދަކޮށް، ޕާޓީއަށް ގަދަވެގަންނަން ޔާމީން ނުވެސް އުޅުއްވައެވެ. ފަހަތަށް ފިޔަވަޅެއް އަޅުއްވާފައި އެނބުރި އެ ވަޑައިގަތީ ފަސް އަހަރުން ކުރިން ދަތުރު ފެއްޓެވި ހިސާބަށެވެ. އެނބުރި އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތަށެވެ.
ރައީސް މުއިއްޒުގެ ހިޔަނިން ޔާމީންގެ ގަދަކަން ދެނެއް ފަނޑެއް ނުވާނެއެވެ. އެކަމަކު، ސަރުކާރުގެ ކޮންމެ ގޯހަކުން ޔާމީންގެ ނަން އިތުރަށް އަލިގަދަ ވާނެއެވެ. ފަހަތަށް ޔާމީން އެޅުއްވި ފިޔަވަޅު ސިޔާސީ ކުޅީގައި ކުރިއަށް ކުޅުއްވި ވަރުގަދަ ހަ ކުޅިއަށް ބަދަލުވަނީ އެހެންވެއެވެ. އެއީ، ޔާމީންގެ ހަލުވި ދުވެއްޔާއި ހުށިޔާރުކަމާއި ތަޖުރިބާއިން ހޯދި ހިކުމަތެވެ. އެއީ، ގެއްލުމެއް ނެތް ނިންމުމެކެވެ.
އެކަމަކު، ވަޔާއި އޮއެވަރަށް ވުރެ އަވަހަށް ބާރަށް ބަދަލުވާ ސިޔާސީ ކަންކަމަށް ފަހު ބަހެއް ބުނަން އަދި މާ އަވަހެވެ.
ޔާމީން އަދިވެސް އެ ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. ސިޔާސީ ކަންކަމުގައި ނުކުމެ އުޅުއްވޭނެ ހާލަތަކު ނޫނެވެ. އަނެއް ކޮޅުން އާ ސަރުކާރު އަދި ރަނގަޅަށް ހިނގައި ވެސް ނުގަނެއެވެ. މި ފެށޭ ހަޅައިގެ އަސްލު ރާޅު އެ ނަގަނީ އަންނަ އަހަރުގެ މަޖިލީސް އިންތިޚާބަށެވެ.
ސަރުކާރު ބަލިކޮށްލައި ސިޔާސީ ބާރުވެރިކަމަށް ޔާމީނަށް އެ އިންތިޚާބު މުހިއްމެވެ. ސަރުކާރު ގަދަކޮށްލަން ރައީސަށް އެ އިންތިޚާބު ކޮންމެހެން ބޭނުންތެރިއެވެ. ގޮނޑިތައް ބެހިގެންދާ ގޮތަކުން ސިޔާސީ އޮއެވަރު މުޅިން ބަދަލުވެދާނެއެވެ.
އެހެންވެ، 'ޔާނު ސްޕީޑު'ގައި އެ ނިންމެވި ނިންމެވުންތަކުގެ ނަތީޖާ ވަޒަންކުރަން އަދި މާ އަވަހެވެ. އެނގެނީ، އެއީ ނަޝީދާއި މައުމޫން ހެއްދެވި ގޯސް ނޫން ކަމެވެ. ގޯހަކަށް ވިޔަސް އެއީ އާ ގޯހެކެވެ.
ޔާމީން މި ކުޅުއްވަނީ ބަތްކައްކާ ކަމަށް ހީވާނީ ސިޔާސީ މަސައްކަތުގައި މޮޔައަކަށެވެ. ނޫން ނަމަ، އާ ސަރުކާރުގެ މުޅި މަތިފަޑި އެކައްޗަކަށް ދިފާއަށް ނުނިކުތީހެވެ. ޔާމީން ފުރަތަމަ އެ ކުޅުއްވީ ހަ ކުޅި ކުރިއަށެވެ. ވަޒަން ކޮށްލަން ނޭނގެނީ މި 'ހައިޖާނު' ނިމިދާނެ ގޮތެކެވެ.
މި ހަނގުރާމަ ހިނގާނީ 'ޔާނު ސްޕީޑު'ގައެވެ. ކުރީގެ ދެ ރައީސުން ހެއްދެވިހެން ރިޔާސީ ރޭހަށް މަޑެއް ނުކުރާނެއެވެ. މިހާރު އެ ތިބީ ދަހަނާ އަޅައިގެން މައިދާނަށް ނުކުމެއެވެ. މޮޅުވާ ބޭފުޅަކު ފިސާރި ގަދަވާނެއެވެ. ބަލިވާ ބޭފުޅަކު އެއީ ކޮންމެ ބޭފުޅެއް ވިޔަސް، އެ ހިސާބުން އެއީ އެ ބޭފުޅެއްގެ ސިޔާސީ ހަޔާތުގެ ކަފުނެވެ. އެހެންވީމާ މިއީއަކީ ބަތްކައްކާއެއް ނޫނެވެ.