ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކިޔަސް، އެ ބޭފުޅުން ހިތުގައި އަސްލު އޮތީ ބަޣާވާތްކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީއެންސީން މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ވާހަކަ އިދިކޮޅުން ދައްކަމުން އައި ނަމަވެސް އެ ބޭފުޅުން ހިތުގައި އަސްލު އޮތް އެއްޗެއް މިހާރު ބޭރު ކުރަމުންދާ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް" ރައީސް ވިދާޅުވިއެވެ.
މިއީ ޑިމޮކްރަސީގެ ހަމައެއް ނޫންކަން އެންމެނަށް ވެސް އެނގޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.
އިދިކޮޅުން ދައްކަމުން ގެންދާ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނަކީ ޒިންމާދާރު އަދި ތެދުވެރި ބޭފުޅުން ކަމަށާ، އެ ގޮތުން ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ބޭފުޅުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕީޕީއެމް ސަރުކާރުގައި އެ މަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ މެޖޯރިޓީ އޮތް އޭރުގެ ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނު ޖަވާބުދާރީ ކުރުވުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޕީޕީއެމްގެ މަޖިލިސް މެންބަރުންނެވެ.
އެ ގޮތުން ސަރުކާރު ކެންޑިޑޭޓުން ވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ކުރަން ޖެހުނު ކަންކަން ކުރަމުންގެންދާނެ ކަމަށާއި، ހަމަ އެއާއެކު، އެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް އޮވެގެން ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލްކޮށްނުދެވޭނެ ކަމަށް ރައީސް ތަރުކާރުކޮށް ވިދާޅުވެއެވެ.
ޕީއެންސީން ބުނާ ގޮތުގައި މިދިޔަ ފަސް އަހަރު ދުވަހު އެމްޑީޕީން ވެރިކަމުގައި އޮވެ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް ހޯދައިގެން ގެނެސްނުދެވުނު ތަރައްގީ، އެ ޕާޓީ މިހާރު އިދިކޮޅުގައި އޮވެ މަޖިލީހުގެ މެޖޯރިޓީ ހޯދިޔަސް ގެނެވޭނެ ގޮތެއް ނޯންނާނެއެވެ.