ރޯދަމަހު އިންތިޚާބު ބާއްވަނީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން: ޝާހިދު

ކެމްޕޭން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ރަމަޟާން މަހު ބާއްވަން ސަރުކާރުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ތުހުމަތު ކުރައްވައި، އެގޮތަށް އަމަލުކުރަނީ އެތައް ބައެއްގެ ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަށް ޓަކައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، ރަމަޟާން މަހު އިންތިޚާބު ބާއްވަން މަޖުބޫރު ވާކަމަށް އީސީން ބުނާކަމަށެވެ.

"...މަޖުބޫރު ވެގެންނެއް ނޫން. އިލެކްޝަންސް ކޮމިޝަނަކަށް ކަންތައްތައް މަޖުބޫރެއް ނުވާނެ. އެއީ އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި އިލެކްޝަންސް ކޮމިޝަނަކީ ވަކި މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި، މުއައްސަސާއެއްގެ ގޮތުގައި ހަދާފައި އެ އޮތީ ކަންތައްތައް އެ އިދާރާއަށް މަޖުބޫރުވިޔަ ނުދިނުމަށްޓަކައި،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އީސީއަށް ކުރިމަތި ވަނީ ސަރުކާރުގެ ފިއްތުންތައް ކަމަށެވެ. އަދި ރަމަޟާން މަހު އިންތިޚާބު ބާއްވަން އެ ކޮމިޝަނުން ނިންމީ ސަރުކާރުގެ ފިއްތުންތަކަށް ބޯލަނބައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެެ.

ރަމަޟާން މަހު އިންތިޚާބު ބާއްވައިފި ނަމަ ވޯޓުލާން ދާން އުނދަގޫވާނެ އެތައް ބައެއް ތިބޭނެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އޭގެ ސަބަބުން އެ އަރައިގަނެވެނީ އެތައް ބައެއްގެ ވޯޓު ލުމުގެ ހައްގަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މި ސަރުކާރަކީ ވެސް ރަމަޟާން މަހު އަޅުކަން ކުރުމަށް ޚާއްޞަ އިސްކަމެއް ދީ، ބާރުއަޅާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރަމަޟާން މަހު އިންތިޚާބު ބާއްވަން ބޭނުންވުމުގެ ފަހަތުގައި އޮތީ ކޮން ބޭނުމެއްތޯ ޝާހިދު ސުވާލު އުފައްދެއްވިއެވެ.

"މިކަމުގެ ވިސްނުމަކީ ވޯޓުގެ ހައްގު އެތައް ބައެއްގެ އަތުން ނިގުޅައިގަތުން. އެތައް ބަޔަކު [ވޯޓުލާން] ދިޔަ ނުދިއުން،" ޝާހިދު ވިދާޅުވިއެވެ.

މާޗު މަހުގެ 17ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ އިރު، އެއީ ރަމަޟާންމަހުގެ ހަތް ވަނަ ދުވަހެވެ.

އެ ތާރީޚު ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް އެ ގާނޫނު ތަސްދީގުކުރައްވައިފައެއް ނުވެއެވެ.

comment ކޮމެންޓް