މަޖިލިސް އިންތިޚާބުގެ 9 ފޯމު ބާތިލް، 4 ކެންޑިޑޭޓުން އަނބުރާ ނަން ނެގި

ކެންޑިޑޭޓުންގެ ނަމަބަރު ތަރުތީބު ކުރުމަށް މިއަދު ދަރުބާރުގޭގައި އީސީން ބާއްވާ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިންފިނިޓް މޮމަންޓްސް / މޫސާ ނަދީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން ނުވަ ކެންޑިޑޭޓުންގެ ފޯމު ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވާ ކަމަށާއި، އަދި ހަތަރު ކެންޑިޑޭޓުން ނަން އަނބުރާ ނަގައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް މިއަދު ދަރުބާރުގޭގައި އީސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ މިހާރު 368 ކަމަށެވެ.

ޝަރުތު ހަމަނުވާތީ ބާތިލް ކުރީ ކޮން ކެންޑިޑޭޓެއްގެ ފޯމު ކަމެއް އަދި ނަން އަނބުރާ ގެންގޮސްފައި ވަނީ ކޮން ކެނޑިޑޭޓުންނެއްކަން އީސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ޖުމުލަ 368 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ 327 ފިރިހެން ކެންޑިޑޭޓުންނާއި 41 އަންހެން ކެންޑިޑޭޓުން ކަމަށް ހަބީބް ވިދާޅުވިއެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަށް ވުރެ މި އިންތިޚާބުގައި ދާއިރާތައް ގިނައެވެ. ނަމަވެސް މި އަހަރުގެ އިންތިޚާބަށް ކުރިމަތި ލާފައިވަނީ 2019ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތި ލީ ވަރަށް ވުރެ މަދު ކެންޑިޑޭޓުންކަން އީސީން ފާހަގަކުރިއެވެ.

"...407 ފަރާތަކުން ކުރިމަތި ލާފައި، ކެންޑިޑެސީ ގަބޫލު ނުކުރަނީ ފަސް ފަރާތެއްގެ. ނަން އަނބުރާ ވަނީ 16 ފަރާތަކުން ގެންގޮސްފައި. މިދިޔަ 2019ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރީ 386 ކެންޑިޑޭޓުން،" ހަބީބް ވިދާޅުވިއެވެ.

މީގެ ކުރިން އީސީން ވަނީ އިންތިޚާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ނިސްބަތަކީ 10 ޕަސަންޓު ކަމަށް ވިދާޅުވެފައެވެ. އަންހެން ކެންޑިޑޭޓުން އެންމެ ގިނައިން ފޯމު ލާފައި ވަނީ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓިން 13 އަންހެން ކެންޑިޑޭޓުން ވާދަކުރެއެވެ.

comment ކޮމެންޓް