ދައުރުން ބޭރު ޖަލްސާތައް ބާއްވަން މަޖިލީހުން ތައްޔާރުވެއްޖެ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް:ދައުރުން ބޭރު ޖަލްސާތައް ބާއްވަން މަޖިލީހުން ތައްޔާރުވެއްޖެ -- ފޮޓޯ/ މަޖިލީސް

މިވަގުތު ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮތް ނަމަވެސް، މުހިންމު ހާލަތެއް ދިމާވެއްޖެ ނަމަ، މަޖިލީހުގެ ޖަލްސާތައް ބާއްވަން މެންބަރުން ތައްޔާރަށް ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެޕާޓީއަށް ރައްޔިތުން ދެއްވީ ސަރުކާރަށް ދަތިނުވާ ގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންވެ، މަޖިލީސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެ ހާލަތެއްގައި ދައުރުން ބޭރު ޖަލްސާތައް ބާއްވައިގެން އެކަމެއް ކޮށްދޭ ގޮތަށް މަޖިލިސް ތައްޔާރަށް އޮތް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ/ މަޖިލިސް

"އިރާދަކުރެއްވިއްޔާ ސަރުކާރުން ތައްޔާރު ވީހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނަން"

ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މި ދައުރުގެ ތެރޭގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ 82.9 ޕަސެންޓު މަސައްކަތްތައް ނިންމާފައެވެ.

https://sun.mv/195838

އެގޮތުން، މި ދައުރުގައި 33 ޖަލްސާއެއް ބާއްވާފައިވާއިރު، ޖަލްސާތަކަށް 75 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި، 76 މަސައްކަތް ނިމިފައިވާއިރު، މިހާރު މަޖިލީހުން ނުނިންމާ ހުރީ 63 މައްސަލައެވެ.

މަޖިލީހުގެ ދެވަނަ ދައުރު ފަށާނީ އޮކްޓޫބަރު އެކެއްގައެވެ. ފުރަތަމަ ޖަލްސާ ބާއްވާނީ ތިނެއް ނުވަތަ ހަތެއް އޮކްޓޫބަރުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް