ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަށް ދީފިއެވެ.
ރަސްމީކޮށް ފުޓުބޯޅައިން ރިޓަޔާނުކުރި ނަމަވެސް ސީޒަން ހުއްޓާލައިފައި އޮތުމުން އަޝްފާގު ހުރީ ފުޓުބޯޅައާ ދުރުގައެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު 'ސަން'އަށް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ޑިރެކްޓާ ޖެނެރަލްކަމަށް އަޝްފާގު އައްޔަންކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ނިމުނު ޖުލައި މަހުގެ ފަހުކޮޅެވެ.
އެކަމަކު، އޭނާގެ މުސާރައާއި އިނާޔަތްތަކާއި އެ ނޫން ވެސް ކަންކަން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލިސް ރައީސްގެ ގެކޮޅުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ)އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލާއި އަޝްފާގު ވަރަށް ގިނައިން އެއްކޮށް ފެނެއެވެ. މަޖިލީހަށް އަބްދުއްރަޙީމް އިންތިޚާބުވުމުން އުފާ ފާޅުކުރަން ލ. ފުނަދޫގައި ބޭއްވި ހަރަކާތްތަކުގައި ވެސް ފައިސަލާ އެކު އަޝްފާގު ބައިވެރިވިއެވެ.
އަޝްފާގަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ.
ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައިވާ އަޝްފާގު ވަނީ މެލޭޝިއާގެ ޕީޑީއާރުއެމްއަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބައެއް ލިސްޓުތަކުން ވެސް ޖާގަ ހޯދައިފައެވެ.