ރައީސް އަޒުލުކުރަން އުޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން: ގާސިމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ރައީސް އަޒުލުކުރަން ހުށަހެޅޭ އަދަދަށް ސޮއިހަމަކޮށްފައެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ. ހުށަހަޅާނެ ވަކި ތާރީޚެއް ވެސް މިހާތަނަށް އެ ޕާޓީއަކުން ނުބުނެއެވެ.

އަޒުލުކުރަން ކުރާ މަސައްކަތް އެއްވެސް ޝަރުތަކައިނުލާ ހުއްޓައިލަން ގޮވާލައި ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނު އަސާސީއާ ޚިލާފުނުވާހާ ހިނދަކު އަދި ރައީސްކަމުގެ ޝަރުތުން ކުރެ ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

"ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީ ވެސް، ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ،" ގާސިމް ވިދާޅުވިއެވެ.

"ޢަމުދުން ދައުރު ނިމެމުންދާ މަޖިލީހެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ،"

ގާސިމް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭނީ އެކަށޭނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ޖެއްސުން ކުރުމުގެ ނިޔަތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަކީ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ. އެ ކަންކަމުގެ ސަބަބުން ލިބޭނީ ނިކަމެތިކަންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެއްވެސް ޝަރުތަކައިނުލާ، ރައީސް އަޒުލުކުރުމުގެ މަސައްކަތް ހުއްޓައިލަން ޖެހޭ ކަމަށެވެ.

"މިހާތަނަށް ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލްކޮށް ދިނުމަށެވެ،" ގާސިމް ވިދާޅުވިއެވެ.

https://sun.mv/188089

މީގެ އިތުރުން، ގާސިމް ވަނީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަން ކުރެއްވުމަކީ 'ވަރަށް އަގުހުރި' މަސައްކަތެއް ކަމުގައި ސިފަކުރައްވައިފައެވެ. އަދި، އަލުން ވަޒީރުން އައްޔަންކުރުމަކީ ދުސްތޫރީ ހަމަތައް ހިފަހައްޓައިދެއްވުން ކަމަށް ސިފަ ކުރެއްވިއެވެ.

އެމްޑީޕީން އިއްޔެ ބުނީ، ސީދާ ތާރީޚެއް ނުނިންމި ނަމަވެސް މި ދައުރުގައި ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަމައެކަނި އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭ ގޮތަށް މި ފަހުން މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. އެކަމަކު، އެކަން ކޮށްފައިވަނީ މަޖިލީހަށް ލިބިދީފައިވާ އިޚުތިޔާރުގެ ބޭރުން ކަމަށް ބުނެ، ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް