ޒާތީ މައުލޫމާތުން ވައްކަންކޮށްފި، އިހުސާން ވަކިކުރަން ޖެހޭ: ޔާމީން

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ހޯމް މިނިސްޓަރު އިހުސާން މަގާމުން ދުރުކުރަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީއަށް މީހުން އިތުރުކުރަން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްފި ކަމަށާއި އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް 'ވަގު ފޯމު'ތަކެއް ފުރި މައްސަލަ ބޮޑުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ސިޔާސީ ޕާޓީއަށް މީހުން ވައްދާ ފޯމު ބަލައިގަތުން މެދުކަނޑާލައިފައެވެ. އީސީން ބުނީ، ދެން ޕާޓީ ބަދަލުކުރެވޭނީ އީ-ފާސް މެދުވެރިކޮށް، އެ މީހަކު އަމިއްލައަށް ކަމަށެވެ.

ޔާމީންގެ އާ ޕާޓީ، ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި މައްސަލައިގައި ހޯމް މިނިސްޓަރު އިހުސާން މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި، މައްސަލަ ނުބެލޭ ކަމަށްވަންޏާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް މަގާމުން ދުރަށްދާން ޖެހޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"މީގެ ޒިންމާ ހަމައެކަނި އުފުލަންޖެހޭނީ އިހުސާނެއް ނޫން. މީގެ ޒިންމާ ހަމަ ފެއާ އެންޑް ސްކުޔާ ރައީސުލްޖުމްހޫރިއްޔާ އެބަ އުފުލަންޖެހޭ،" ޔާމީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ މަގާމުން ވަކިކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވި -- ފޮޓޯ/ ޕީއެސްއެމް

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ކުރާ ވައްކަމަށް ވުރެ ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރާ ވައްކަން އޭގެ ޒާތުގައި ރައްޔިތުންނަށް އިހުސާސްވާލެއް ބޮޑުވާނެ ކަމަށެވެ.

މި މައްސަލައިގައި ޔާމީން ވަނީ ހޯމް މިނިސްޓްރީއާއި ޑީއެންއާރާއި އީސީއަށް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނާ ދިމާއަށް އިސް އުފުލައި ބަލައިލަން ބޭނުންފުޅު ނަމަ، މި ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެއިން އެއިން އެއްވެސް ބޭފުޅަކަށް މަގާމުގައި ނުހުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އީސީން މި މައްސަލަ ނަގަނީ މާ ލުއިކޮށް ކަމަށް ވިދާޅުވެ ވެސް އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

"އިލެކްޝަންސް ކޮމިޝަނުން އެހާ ލުއިގޮތަކަށް، އެހާ ފަސޭހަ ގޮތަކަށް މި އިޝޫ ޑިސްމިސްކޮށްލަނީ ކީއްވެގެންހެއްޔޭ؟،" ޔާމީން ސުވާލު އުފެއްދެވިއެވެ.

"އެ ބޭފުޅުން ކީއްވެތޯ، މީހަކު ޕާޓީ ބަދަލުކޮށްފައި އެހެން ޕާޓީއަކަށް ދާއިރު އެއްވެސް ވަރަކަށް މީގެ ތެދު ދޮގު އޮތް ގޮތެއް ބަލައިނުލަނީ ކީއްވެގެންތޯ؟ ހަމަ އޮޓަމެޓިކްލީ އެއް ޕާޓީން ކަނޑާލާފައި، އަނެއް ޕާޓީއަށް އެ ދަނީ.... މީހުންގެ ހައްގު ކަށަވަރުކުރުމަކީ މުއައްސަސާތަކުގެ ބޮލުގައި އެޅިފައި އޮތް ކަމެކޭ،"

ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން: ރޭގެ ޖަލްސާގައި ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ، އީސީއަށް މި ކަންކަމުން ބޯ ދަމައިނުގަނެވޭނެ ކަމަށެވެ.

ޕީއެންސީއަށް 'ވަގަށް މެންބަރުން ވައްދާ'ކަމުގެ މައްސަލަ މީސްމީޑިއާގައި ފެންމަތިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ވެސް ޕީއެންސީއަށް ވެއްދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އީސީން ވަނީ އެއީ ފިއްޓޭއަށް ނޭނގި ކޮށްފައި އޮތް ކަމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައެވެ.

ޕީއެންސީން ވަނީ 'ވަގު ފޯމު'ތަކެއް އީސީއަށް ހުށަހެޅުނު ކަމަށް އެއްބަސްވެފައެވެ. އެ ޕާޓީން ބުނީ، އެހެން އެކަން މެދުވެރިވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ޕާޓީގައި ނެތުމުން ކަމަށެވެ.

އެކަމަކު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ޑީއެންއާރުގައި ހުންނަ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރު ތެރެއިން ގަސްތުގައި ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތައް ޕީއެންސީން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރުކަމުން އިހުސާން ވަކިކުރަންޖެހޭ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމައިފައެވެ. ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ އިހުސާން މަގާމުން ދުރުކުރަންޖެހޭ ކަމަށް ގޮވާލައިފައެވެ.

comment ކޮމެންޓް