ރާއްޖެއާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮތް ގުޅުން ވަރަށް މުހިންމު ނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކޮންމެ ގައުމަކާ އެކު ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ, އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ, އަވައްޓެރި ގައުމުތައް ރާއްޖެއަށް ވަރަށް މުހިންމު ވާނެ ކަމަށާއި އެ ހަގީގަތެއް ބަދަލެއް ނުވާނެ ކަމަށެވެ. އަވައްޓެރި ގައުމުތަކަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި އޮވެމެ، ދިވެހީންނަށް އެންމެ ފައިދާހުރި ހުރިހާ މަގެއް ފަހިކުރަން އެބަޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތު އަބަދުވެސް އެއްގޮތަކަށް އޮންނާނެ ކަމަށާއި ދިވެހިންނަށް އިސްކަންދީ، ގައުމުގެ މިނިވަންކަން ހިމާޔަތްވެ، ރައްކާތެރިކަން ޔަގީންވެ ކަށަވަރުވާނަމަ ދިވެހީންނަށް ފައިދާވާ ހުރިހާ މަގުތަކެއް ބަލަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންނަށް ކުރިއެރުން ލިބޭ މަގުތައް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މެނިފެސްޓޯ ބަލައިގަނެ އެ ވިޝަން ރައްޔިތުން ގަބޫލުކުރެއްވި ކަމަށާއި އެ މަނިކުފާނުގެ އުންމީދަކީ އެ ވިޝަން ކާމިޔާބުކުރެއްވުން ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ވެސް އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެން ގައުމުތަކަށް ވެސް ވަޑައިގަންނަވަނީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އޭގެ މާނައެއް ނޫނޭ ޓްރެޑިޝަނަލީ ގާތް ގުޅުންތައް އޮންނަ ގައުމުތަކަކީ އަޅުގަނޑުމެންނަށް މުހިންމު ގައުމުތަކެއް ނޫން ކަމަކަށް. އެހެނެއް ނޫން. އެ ހުރިހާ ގައުމުތައް ވެސް އަޅުގަނޑުމެންނަށް މުހިންމު ވާނެ. އަޅުގަނޑުމެންނަށް އޮންނާނީ ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދިޔުން، ރައީސް ޑރ. މުހައްމަދު މުއިއްޒު
މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެ މަނިކުފާނު ވަނީ ދެއްވި ދައުވަތަށް އެސްޓޯނިޔާގެ ރައީސަށާއި ސަރުކާރަށް ޝުކުުރުއަދާކުރައްވާފައެވެ. އެސްޓޯނިއާގެ ސަރުކާރުން ދެއްވީ ދިވެހި ރައްޔިތުން ކުރިއަށް ދާން ބޭނުންވާ މަގުން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި، ސިޔާސީ މަޝްވަރާ ކުރުމަށާއި ސައިބަސެކިއުރިޓީ ދާއިރާއިން ދިވެހި ސަރުކާރާއި އެސްޓޯނިއާ ސަރުކާރާ ދެމެދު ދެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.