އާ ސަރުކާރެއް ހިންގަން ފަށާފަހުން އަންނަ އިންތިޚާބުތަކަކީ އެ ސަރުކާރަކަށް އާއްމުންގެ ތެރޭގައި މަގުބޫލުކަން އޮތް މިންވަރު ބެލުމަށް ވަރަށް މުހިންމު އިމްތިހާނެކެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް އިއްޔެ 57 ދުވަސްވީއިރު އޮތް މާލޭ މޭޔަރުގެ އިންތިޚާބު ސަރުކާރަށާއި އިދިކޮޅަށް ވެސް އެހާ މުހިންމުވީ އެހެންވެއެވެ. ކުރިން މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒުގެ ކެންޑިޑޭޓާއި ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޑިޑޭޓުގެ ވާދަވެރިކަން ބޮޑުވީ ވެސް އެހެންވެއެވެ.
ރިޔާސީ އިންތިޚާބުގެ ބޮޑު ނާކާމިޔާބީއަށް ފަހު ވިންދު ދަށްވަމުން ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް މާލޭ މޭޔަރު އިންތިޚާބު އިއްޔެ ކާމިޔާބު ކުރެއްވީ، 7621 ވޯޓާއެކު 43.79 ޕަސެންޓުންނެވެ. ރައީސް މުއިއްޒުގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރަށް ލިބިލެއްވީ 5032 ވޯޓެވެ. އެއީ، 28.91 ޕަސެންޓެވެ. އިންތިޚާބުގައި ވޯޓުލުމަށް 55 ވޯޓު ފޮށި ބެހެއްޓިއިރު އޭގެ ތެރެއިން ތިން ވަރަކަށް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ކުރި ހޯއްދެވީ އެމްޑީޕީގެ އާޒިމެވެ. އެ ވެސް ގިނަ ފޮށިތަކަކުން ބޮޑު ތަފާތަކުންނެވެ. މާލޭގެ ގިނަ ދާއިރާތަކުގެ ބޮޑު އަގުލަބިއްޔަތެއް ވެސް ހޯއްދެވީ އެމްޑީޕީންނެވެ.
މޭޔަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ކައުންސިލަރުން އިއްޔެ އިންތިޚާބު ކުރިއިރު އޭގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
ވެރިކަން ކުރާ ސިޓީގެ މޭޔަރުގެ މަގާމަކީ ޚާއްސަކޮށް ކޮންމެ ޕާޓީއަކަށް ވެސް ވަރަށް މުހިންމު މަގާމެކެވެ. އެކަމަކު އެމްޑީޕީއަށް މި އިންތިޚާބު އެއަށް ވުރެ މުހިންމުވި ގިނަ ސަބަބުތަކެއް ހުއްޓެވެ. ވެރިކަން ގެއްލުމާއި މަޖިލީހުގެ 13 މެންބަރުން އެއް ފަހަރާ ޕާޓީ ދޫކޮށްލުންފަދަ އެތައް ސަބަބުތަކަކާހުރެ އާއްމު މެންބަރުން ތިބީ ހިތްމަރުވެފައެވެ. މި އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވިނަމަ އިތުރަށް ހިތް މަރުވީހެވެ. އެ ވެސް ވަޅުލެވޭ ވަރަށެވެ. އެހެންކަމުން މިއީ އެމްޑީޕީއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައި އަލުން ތެދުވަން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
"ހައްސާސް ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހީންނަށް ލިބުނު މުހިންމު ކާމިޔާބެއް. މުހިންމު މެސެޖެއް،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.
ސަރުކާރުގެ މިހާ ކުރީކޮޅު މި ލިބުނު ދަށް ނަތީޖާއަކީ ހަގީގަތުގައި ކުޑަ ގެއްލުމެއް ނޫނެވެ. ކުރިއަށް މަޖިލިސް އިންތިޚާބު އޮތްއިރު ސަރުކާރަށް މި ލިބުނީ ވަރަށް ވަރުގަދަ މެސެޖެކެވެ. ސުވާލަކީ މި އިންތިޚާބުން ސަރުކާރު ބަލިވި މައިގަނޑު ސަބަބަކީ ކޮބާތޯއެވެ؟
ރައީސްގެ ޗޮއިސް ގޯސްވީ؟
މޭޔަރު އިންތިޚާބުގެ ކެންޑިޑޭޓުންގެ ލިސްޓް ފައިނަލްވުމާ އެކު ރަށުތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ފަސޭހަކަމާ އެކު އާޒިމް އިންތިޚާބު ކާމިޔާބު ކުރައްވާނެ ވާހަކައެވެ.
އެމްޑީޕީން މާލޭގެ ރަސްކަން ހޯދަން ނެރުނު އާޒިމަކީ ވިޔަފާރި ބޮޑެތި ކުންފުނިތައް ހިންގުމުގެ ދާއިރާއިން 30 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެމްޑަބްލިޔުއެސްސީގެ އިސް މަގާމުތައް ފުރުއްވަމުން ގޮސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމް ކުރެއްވިއެވެ. އޭގެ އިތުރުން، ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ. އަދި، ނިމުނު ރައީސް ޞާލިޙްގެ ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރުއްވީ އާޒިމެވެ. އެމްޓީސީސީގެ ސީއީއޯއަކަށް ހުންނަވައި އެތައް ހާސް ޕްރޮޖެކްޓެއް އާޒިމްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވިއެވެ. މިފަދަ ސަބަބުތަކާހުރެ އާޒިމްގެ ހިންގުންތެރިކަން ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ.
އާޒިމާ އެކު އެމްޑީޕީއަށް އޮތް އަނެއް ބޮޑު އެޑްވާންޓޭޖަކީ ޕާޓީގެ މެންބަރުންގެ އިތުރުން ވޯޓުތަކެއް ހޯދެން އޮތުމެވެ. މަޝްހޫރު ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ އާޒިމްގެ އާއިލާއަކީ އެހާ އެމްޑީޕީ އާއިލާއެއް ނޫނެވެ. އެހެންކަމުން އެމްޑީޕީގެ ވޯޓުގެ އިތުރަށް އެއީ ލިބޭނެ ވޯޓުތަކެކެވެ. އަނެއްކޮޅުން ވިޔަފާރިއާއި ހިންގުމުގެ ދާއިރާގައި އެހާ ގިނަ ދުވަހު އުޅުއްވާފައި ހުންނެވުމުގެ ސަބަބުން އާޒިމް ދަންނަ އަދި ގާތްގުޅުމެއް އޮންނަ މީހުން އެހާ ގިނަވުމަކީ ވެސް އެމްޑީޕީއަށް ލިބުނު އެޑްވާންޓޭޖެކެވެ.
އަނެއްކޮޅުން އާޒިމް ހޮވުމަށްޓަކައި އެމްޑީޕީގެ ލީޑާޝިޕް މަސައްކަތް ކުރެއްވީ ވަރަށް ބަދަހިކޮށެވެ. ކުރީގެ ރައީސް ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެ ޕާޓީގެ މަޖިލިސް މެންބަރުން ގޭގެއަށް ވަޑައިގެން ކެމްޕޭނަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި، އޭގެ ތެރޭގައި ގިނައީ މާލޭގެ ގަދަރުވެރި ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުންނަށް ހޯއްދެވޭ ވޯޓު ގިނަވާނެއެވެ.
ރައީސް މުއިއްޒުގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަކީ ވެސް ގާބިލު ބޭފުޅެކެވެ. ސިޔާސީ މުޅި ހަޔާތް ގާނޫނީ ދާއިރާގައި ހޭދަކުރައްވާފައިވާ އަދި ބަންޑާރަނައިބުކަން ވެސް ކުރައްވާފައިވާ އާޒިމާ ވެސް މި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި، ރައީސް މުއިއްޒާ އެކު މުޅި ސަރުކާރު އެކުގައި ނުކުމެ ގޭގެއަށް ވެސް ވަޑައިގަތެވެ. ރައީސް މުއިއްޒުގެ ކެންބިނެޓުގެ ގިނަ މިނިސްޓަރުން ވަކިވަކިން ވެސް މާލޭގެ ގެތަކަށް ހިންގެވިއެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ބޭފުޅުންނެވެ.
ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރެވޭނީ ހިންގުންތެރި މީހަކަށްކަން މާލޭ ރައްޔިތުން ގަބޫލުކުރާކަން އިއްޔެގެ ނަތީޖާއިން ފެނިގެންދިޔަ ކަމަށެވެ.
"އާޒިމާ ބޮޑަށް ކެމްޕެއިންގައި ވެސް ވާހަކަ ދައްކަވާއިރު ގާނޫނުގެ ވާހަކަ ދެއްކެވެނީ. އެކަން ވާނީ ވެސް އެހެން. އެއީ އާޒިމާގެ ދާއިރާ. އަނެއްކޮޅުން އާޒިމް މަސައްކަތް ކުރައްވާފައި ހުންނެވީ ބިނާ ކުރުމުގެ ދާއިރާގައި. ކަންކަން ހައްލު ކުރުމުގެ ދާއިރާގައި. މާލޭގައި ގިނައީ މުނިސްޕަލް މައްސަލަތައް. އެކަންކަން ހައްލު ވާނީ ގާނޫނީ ބޭފުޅަކަށް ވުރެ ހިންގާ ބޭފުޅެއްކަމަށް ރައްޔިތުން ގަބޫލުކުރި މަންޒަރު މި ފެނުނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަ ކުރެއްވި އަނެއް ކަމަކީ އާއްމުންގެ ތެރޭގައި އާޒިމާއަށް ވުރެ އާޒިމްގެ މަގުބޫލުކަން ބޮޑު ވުމެވެ. އެހެންކަމުން މި އިންތިޚާބުގައި އެމްޑީޕީއަށް މިހާ ބޮޑު ކާމިޔާބެއް ހޯއްދެވުނު ސަބަބަކީ އެމްޑީޕީގެ ޗޮއިސް ވަރަށް ރަނގަޅުވުމެވެ. އާޒިމާއަކީ ގާބިލް ބޭފުޅެއް ނަމަވެސް ސިޓީ ކައުންސިލްފަދަ މުނިސްޕަލް ހިދުމަތްތައް ދޭ ތަނެއް ހިންގަން އެއީ ރަނގަޅު ޗޮއިސް ނޫން ކަމަށް ރައްޔިތުން މިވަނީ ނިންމައިފައެވެ.
ރައީސް މުއިއްޒާއި ޔާމީންގެ ދެބަސްވުމުގެ ނަތީޖާ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެ ދެ ބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. އެންމެ ފަހުން ޕީޕީއެމް ދޫކުރައްވައި ޔާމީން ނުކުންނަވައި އަމިއްލަފުޅު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އިއްޔެގެ އިންތިޚާބުން ދެ ބޭފުޅުންގެ ބައިބައިވުން ވަނީ ފެނިގެންގޮސްފައެވެ.
ޔާމީންގެ ތާއީދާ އެކު މޭޔަރުގެ އިންތިޚާބަށް ވާދަ ކުރެއްވި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވަނީ 1888 ވޯޓު ހޯއްދަވާފައެވެ. ނަމަވެސް އޭގެ ތެރޭގައި ގިނަވާނީ ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ ވޯޓު ކަމަށް ބެލި ނަމަވެސް އެ އަދަދު އާޒިމާއަށް ލިބުނު ވޯޓާ އެއްކޮށްލުމުން ވެސް އާޒިމްގެ މައްޗަށް ކުރިއެއް ނުހޯދެއެވެ.
އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ފިކުރުގެ ތެރެއިން އުދެދުނު ޕާޓީއެކެވެ. އިއްޔެގެ އިންތިޚާބުން ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުޙައްމަދު ސައިފް ފާތިހެވެ. އެއީ، 2336 ވޯޓެވެ. އެމްޑީޕީ ބައިބައި ނުވެ އޮތްނަމަ އެ ވޯޓުތައް ވެސް އެކުވުން ގާތެވެ.
ކޮންމެއަކަސް ޔާމީންގެ އަރިސް ބޭފުޅުން ގަބޫލު ކުރައްވާގޮތުގައި ސަރުކާރަށް ލިބުނު މި ބޮޑު ނާކާމިޔާބީގެ އަސްލަކީ ރައީސް މުއިއްޒާއި ޔާމީނާ ދެމެދު އޮތް ދެބަސްވުންތަކެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވި ގޮތުގައި މާލޭ ސިޓީގެ މޭޔަރު ހޮވަން ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބު ނުކުރެވުނީ އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކުރީގެ ލީޑަރު ޔާމީނަށް، ރައީސް މުއިއްޒު ކެހި ދިނުމުންނެވެ.
ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޔާމީނަށް ކެހި ދެއްވާފައިވާ ކަމަށާއި އެކަން ދިވެހިން ބަލައިނުގަންނަ ކަމަށެވެ. އެގޮތުން ރައީސްގެ ކެމްޕޭން ޖަލްސާތަކަށް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ހާޒިރުނުވެވޭތީ އެ މަނިކުފާނަށް ޚާއްޞަކޮށް ބެހެއްޓި ހުސް ގޮނޑި ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެއީ، ވެރިކަމަށް ދެ މަސް ވެސް ނުވަނީސް މި ސަރުކާރަށް ރައްޔިތުން އިތުބާރު ނެތް ކަމަށް ބުނުން ކަމަށް ޖަމީލް ގަބޫލުކުރައްވައެވެ.
ސަރުކާރުގެ މަގުބޫލުކަން ހަމަ ދަށީތަ؟
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި ދެ މަސް ނުވެއެވެ. އެހެންކަމުން ސަރުކާރެއް ހިންގުން ގޯސް ކަމަށް ނިންމަން އަދި މާ އަވަހެވެ. މި ދެ މަސް ތެރޭގައި ތަރައްގީގެ ގޮތުންނާއި ވެލްފެއާގެ ގޮތުން ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ނިންމައި މިވަނީ މަސައްކަތްތަކެއް ފައްޓަވައިފައެވެ. އަދި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމާއި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުން ފަދަ މަޝްރޫއުތައް ވަނީ ފައްޓަވައިފައެވެ.
ސަރުކާރަށް އަމާޒުވެފައިވާ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ ސިޔާސީ މަގާމުތަކަށް ތަޖުރިބާ މަދު މީހުން ގިނައިން ލުމެވެ. މިނިސްޓަރުންގެ ފެންވަރުގައި ވެސް ތަޖުރިބާ މަދު ބައެއް ބޭފުޅުން ތިއްބެވުމެވެ. ހާއްސަކޮށް ޑެޕިއުޓީ މިނިސްޓަރުން ފަދަ މަގާމުތަކަށެވެ. މީގެ ކުރީ ސަރުކާރުތަކުގައި ދާއިރާގެ ތަޖުރިބާ މަދު މީހުން ގިނައިން ތިބެނީ ކޯޑިނޭޓަރުންގެ ފެންވަރުގައެވެ. ނަމަވެސް މި ސަރުކާރަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާ ބޭފުޅުން އެބަތިއްބެވެ. އޭގެ ސަބަބުން ސަރުކާރަށް ބޮޑެތި ޑެމޭޖްތަކެއް ވެސް އެބަ ލިބެއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީއަށް ކުޑާމީސްކޮށް ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުމުން މުޅި ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެކަމަށް ހުއްޓުން ވެސް އެއީ ލިބުނު ބޮޑު ގެއްލުމެކެވެ.
އިއްޔެގެ އިންތިޚާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ އިންތިޚާބުގައި މި ސިޓީގެ 71 ޕަސެންޓު މީހުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި މުޅި ރާއްޖެއިން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް ކައިރިވެއްޖެ ކަމަށެވެ.
"ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް ރައްޔިތުން ނުކުމެ ނޫނެކޭ އެ ބުނީ ސިޔާސަތުތަކަށް ނޫނެކޭ އެބުނީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރު ވެރިކަމަށް އައި ގޮތަށް ދެއްކި ވާހަކަތައް އޮޅުވައިލުމާއި ނަފުރަތަށް ހެދި ދޮގުތައް މިއަދު ހާމަވާން، ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،" ޞާލިޙް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން މި ނާކާމިޔާބީ ސިފަކުރަނީ އެހެން ގޮތަކަށެވެ. ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ނާކާމިޔާބުވީ، އެ އިންތިޚާބަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުންނެވެ. އޭނާ ވިދާޅުވީ، މި އިންތިޚާބުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި މި ނަތީޖާއާ ގުޅިގެން އެ ޕާޓީން އާންމު މެންބަރުންގެ ފަރާތުން މާފަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ސަރުކާރުގައި ތިބެ، ސަރުކާރު އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއިން ހަގީގަތުގައި މި އިންތިޚާބަށް ދޭންވާ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް ނުދެވުނު. އޭގެ ނަތީޖާއަކަށް މިވީ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް ނުލިބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އިންތިޚާބުން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދައަށް ޕީއެންސީން ކުރާނެ ކަމަށެވެ.
ކުރިއަށް މަޖިލިސް އިންތިޚާބު އޮތްއިރު ހަގީގަތު ވެސް މިއީ ސަރުކާރަށް ލިބުނު ރަނގަޅު މެސެޖެކެވެ. މިގޮތަށް މަޖިލިސް އިންތިޚާބާ ކުރިމަތިލައިފިނަމަ ސަރުކާރަށް ވުރެ އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑި ކާމިޔާބު ކޮށްފާނެއެވެ. އެއީ، ވެރިކަން ކުރަން ސަރުކާރަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން ސަރުކާރުން ވިސްނުންތެރި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ސަރުކާރުގެ މަގުބޫލުކަން ދަށްވާނަމަ އެ ސަބަބު ދެނެގަނެ އެކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހެއެވެ. އިއްޔެ ނަތީޖާ ހަމަގައިމު ވެސް އިންޒާރަކަށް ފުދެއެވެ.
ސަރުކާރަށް ކެންޑިޑޭޓުން ކަމުދިޔަސް އާންމުންނަށް ކަމުނުދާ ނަމަ، އެ މީހުން ވޯޓެއް ނުދޭނެއެވެ.