މާލޭގެ 71 ޕަސެންޓު ސަރުކާރަށް ނޫނެކޭ ބުނެފި، މުޅި ރާއްޖެއިން ނޫނެކޭ ބުނާ ދުވަސް ކައިރިވެއްޖެ: ޞާލިޙް

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ވިދާޅުވީ މާލޭގެ 71 ޕަސެންޓު މީހުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށް އަދި މުޅި ރާއްޖެއިން ނޫނެކޭ ބުނާ ދުވަސް ކައިރިވެއްޖެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި މި ސިޓީގެ 71 ޕަސެންޓު މީހުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި މުޅި ރާއްޖެއިން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް ކައިރިވެއްޖެ ކަމަށް، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ޕާޓީން އުފާ ފާޅުކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ޞާލިޙް ވިދާޅުވީ، އާޒިމް މާލޭ ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތައް ގެންނަވާނެ ކަމަށެވެ. އެކަން ކުރުމުގައި އޭނާއާއެކު އެމްޑީޕީ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް ރައްޔިތުން ނުކުމެ ނޫނެކޭ އެ ބުނީ ސިޔާސަތުތަކަށް ނޫނެކޭ އެބުނީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރު ވެރިކަމަށް އައި ގޮތަށް ދެއްކި ވާހަކަތައް އޮޅުވާލުމާއި ނަފުރަތަށް ހެދި ދޮގުތައް މިއަދު ހާމަވާން، ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަަށައިފި،" ޞާލިޙް ވިދާޅުވިއެވެ.

މާލޭ ރައްޔިތުން ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިއަށް މި އޮތް ތަނުގައި މުޅި ރައްޖެއިން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައޭ."

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން -- ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

އެ މަނިކުފާނު ދެން ރައީސް މުއިއްޒަށް ގޮވައިލެއްވީ އެމްޑީޕީގެ ސަރުކާރުގައި މާލޭ މީހުންނަށް ދިން ގޯއްޗާއި ފުލެޓު ރައްޔިތުންނަށް ދެއްވުމަށެވެ.

"ފުށިދިއްގަރު ފަޅަށް މާލޭ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ، ފުލެޓުތައް ހަވާލުކުރައްވާށޭ،" ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުން މާލޭ ރައްޔިތުންގެ ވޯޓު ހޯއްދަވަން ބޭނުންފުޅުވާނަމަ، ގޯއްޗާއި ފުލެޓުތައް ހަވާލުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މަޑުމައިތިރި ކަމާއެކުގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ގެނައި ސަރުކާރެއް މިއީ އެކަން އެގޮތަށް ނުކުރާ ކަމަށް ވަންޏާ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ،" ޞާލިޙް ވިދާޅުވިއެވެ.

މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އާޒިމް 7621 ވޯޓު ކާމިޔާބު ކުރައްވާފައިވާ އިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތޯ 5،032 ވޯޓެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ފުލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅާފައިވެއެވެ. އެ ސަރުކާރަށް ހަވާލުނުކުރެވި އޮތް ގޯތިތައް ދިނުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ނަމަވެސް މި ސަރުކާރުން އެންމެ އިސްކަންދޭ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ މަޝްރޫއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ކުރީ ސަރުކާރުން އިއުލާން ކުރި ނަމަވެސް އެ ލިސްޓުގައި ގޯސްތަކެއް އުޅޭ ކަމަށް ބުނެ އޭސީސީން ދަނީ އެ މައްސަލަ ބަލަމުންނެވެ.

މި ސަރުކާރުން ވަނީ، ފުލެޓުތައް ހަވާލުކުރާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ބުނެފައެވެ.

comment ކޮމެންޓް