ޑިމޮކްރެޓުން، ރައީސް އަޒުލުކުރަން އުޅޭތީ މަހުލޫފު ނުރުހުންވެއްޖެ

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު: ޑިމޮކްރެޓުން ސަރުކާރު ވައްޓައިލާ ވާހަކަ ދައްކާތީ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައި -- ސަން ފައިލް ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމުގެ ވާހަކަ، ދަ ޑިމޮކްރެޓްސްއިން ދައްކާތީ ނިމުނު އެމްޑީޕީގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

މި ސަރުކާރު ފެށުނީއްސުރެ، ޑިމޮކްރެޓުން އަންނަނީ އެކިއެކި ސިފަސިފައިގައި ރައީސް މުއިއްޒު އަޒުލުކުރުމުގެ ވާހަކަތައް ދައްކަމުންނެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މީގެ ކުރިން ވަނީ ރައީސް އަޒުލުކުރަން ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު އަވަށްޓެރި އިންޑިއާއާ އެކު ގުޅުން ގޯސްވެފައި އޮއްވައި، އިއްޔެ ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ރައީސް އަޒުލުކުރަން ތައްޔާރުތޯ ސުވާލެއް މީސްމީޑިއާއަށް ދޫކޮށްލައްވައިފައެވެ.

އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި މިހާރު ވެސް އެމްޑީޕީގެ ކަންކަމުގައި އުޅުއްވައި މަހުލޫފު ވަނީ މި ސަރުކާރު އުފެދުނީ ޑިމޮކްރެޓުންނާއި އާޒިމްގެ ވެސް ތާއީދާ އެކު ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

"އަދި، މި ސަރުކާރަށް ދެ މަސް ނުވޭ،" މަހުލޫފު ވިދާޅުވިއެވެ.

"ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން، ބަޣާވާތަކުން ވައްޓައިލުމާ ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން. އިންތިޚާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ،"

https://sun.mv/186655

ސަރުކާރުގެ ދިފާއުގައި ކުރީގެ ވަޒީރު މަހުލޫފު ވާހަކަދެއްކެވީއިރު، މި ފަހުން އެމްޑީޕީއަށް ނިސްބަތްވާ 14 މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ގިނަ މެންބަރުންތަކެއް ޕާޓީ ބަދަލުކޮށް، ޕީއެންސީއަށް ބަދަލުވީ، ހަމައެކަނި އެމްޑީޕީއަށް ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި އޮއްވައެވެ. އެމްޑީޕީއާއި ޑިމޮކްރެޓުންނަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަނީ ރައީސް މުއިއްޒު އަޒުލުކުރަން ގޮވައިލަމުންނެވެ.

އެކަމަކު، މި ފަހުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެއީ 'ޖެއްސުމަށް' ދެއްކި ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް