ދެކޮޅަށް ދެމޭ އޮއެވަރެއްހެން، ސިޔާސީ ބާރުވެރިކަން ވެސް އިރުވަރަށް ބަދަލުވެއެވެ. އެކަމުގެ، އެއް ހަގީގަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު 'ސުޕަ' މެޖޯރިޓީ ހުލިވީ ގޮތެވެ. އިންތިޚާބު ނިމި، ނަތީޖާ ހާމަކުރިއިއު އެ ޕާޓީގެ 65 މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވެ. އެއީ، މިވީހާ ތަނަށް ދިވެހީން ނުދެކޭ ކަމެކެވެ.
އޭރު އޮތް އެމްޑީޕީގެ ވެރިކަން މެދަށް ފެޅި، ޕާޓީ ދެކަފިވުމާ ހަމައަށް އެމްޑީޕީއަށް މަޖިލީސް އޮތީ ހިތަކަށް ލިބިފައެވެ.
ދައުރުގެ މެދުން އޭރު އެމްޑީޕީގެ ރައީސަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު 'ޕަވާ ސްޓްރަގަލް'ގައި ކުރި ހޯއްދެވީ ޞާލިޙް ކަމަށް ވިޔަސް، އެ މަނިކުފާނަށް އެ ދުވަހުން ފެށިގެން މަޖިލީހުގެ 'ސުޕަ' މެޖޯރިޓީ އޮތީ ގެއްލިފައެވެ. ބާކީ އޮތީ މެޖޯރިޓީއެވެ.
ނަޝީދު މަޑުމަޑުން އެއްފަރާތްވަމުން އެއްފަރާތްވަމުން ގޮސް، އަމިއްލަފުޅަށް ޕާޓީން ނުކުންނަވައި، އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުން 11 މެންބަރުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން، އެ ޕާޓީއަށް ވެރިކަން ވެސް ގެއްލުނު ފަހުން އިއްޔެ އަޑުއިވުނީ އަނެއްކާ ކުއްލި ގޮތަކަށް އެމްޑީޕީގެ މެންބަރުންތަކެއް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރި ވާހަކައެވެ. އެ ހިސާބުން އެމްޑީޕީގެ ސައިޒު 44 ކަށް ކުޑަވާނެއެވެ.
ސަރުކާރަށް ދެއްކި ބިރަށް ނިމުމެއް
ގާނޫނު އަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައި، އޮތް ކަމެއް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކުން ބަދަލުކޮށްގެން އެމްޑީޕީން ދިޔައީ ސަރުކާރަށް ބިރުދައްކަމުންނެވެ. ވައްވައް ޖަހައި، ދައްކަމުން ދިޔައީ އަދިވެސް އެ ޕާޓީއަށް ލިބިފައި އޮތް މަޖިލީހުގެ ބާރު މާ ގަދަ ކަމެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ފަސޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ގޮތަށް އިސްލާހަކާ އެކު، މަޖިލީހުގެ ގަވާއިދު ފާސްކުރަން މި މަހު 18ގައި ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީން ބޭނުންވި ގޮތަށް އިސްލާހު ފާސްވުމާ އެކު މި ހިނގާ 19ވަނަ މަޖިލީހުގެ ބާކީ މުއްދަތުގައި މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ އެކިއެކި މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުރުގެ ބާކީ އޮތް މުއްދަތަށް މެންބަރުން އިންތިޚާބު ނުކުރާން ނިންމައިފައެވެ.
އެހެންވެ، މިހާރު 53 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. އެމްޑީޕީގައި 56 މެންބަރުން ތިއްބަވައެވެ.
އެ ދުވަހު އިސްލާހު ފާސްވާން ހެދީމާ އިސްލާހުތައް ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ވެސް އެ ވާހަކައެވެ. އެ ޕާޓީން ކުރާން އޮތް އެންމެ މުހިއްމު ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުން ކަމަށެވެ. އެ ބިރު ދެއްކިތާ މިއަދަށް މިވީ 10 ދުވަހެވެ. އެކަމަކު، މިއަދު ދެނެއް އެމްޑީޕީއަކަށް އެ ކަމެއް ނުކުރެވޭނެއެވެ.
އެމްޑީޕީގެ މެންބަރުން ސޮއިކުރުން މިރޭ؟
މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވާން ތެޔޮލައިގެން ތިބިއިރު، އެ މީހުންގެ ސޮއި ހާމަކޮށް، ކާމިޔާބު އިއުލާނުކުރަން މިރޭ ދަރުބާރުގެއަށް އޮތީ ހާއްސަ ދައުވަތުތަކެއް ފޮނުވައިފައެވެ. އެއީ، ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ވަރުގަދަ ޖަލްސާއެކެވެ.
މި ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރަކު މިހާރު ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށެވެ. މިރޭ މިއޮތީ އެ މެންބަރުންގެ ނަންތައް ހާމަކޮށް، ރައީސް މުއިއްޒުގެ އަތްޕުޅަށް ފޯމު އެރުވުމެވެ. އެ ކާމިޔާބާ އެކު މަޖިލީސް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް އަންނާނެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި [އެމްއެންޕީއާއި އެމްޑީއޭއާ އެކު] 19 މެންބަރުންނަށް ބަދަލުވާނެއެވެ.
ސަރުކާރުގެ އިސްވެރިޔަކު އެފަދައިން ވިދާޅުވިޔަސް، އެ ޚަބަރުގެ ތެދުދޮގު ޔަގީންކުރަން ޕީއެންސީގެ ބައެއް ސެނެޓަރުންނަށް ގުޅައިލީމެވެ. އެކަމަކު، ފޯނުން އެ ވާހަކަ ދައްކައިކަށް ގިނަ ސެނެޓަރުންނަކަށް ނުކެރުނެވެ. އިރުކޮޅެއް ފަހުން، ބައްދަލުވެގެން އެ ޕާޓީގެ ސީނިއާ ސެނެޓަރަކު ވިދާޅުވީ މާދަމާ ރެއަށް ދަރުބާރުގެ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ބައެއް މެންބަރުން އަދި އަތުނުޖެހިގެން މިއުޅެނީ، އެކަމަކު މެންބަރުން ސޮއިކުރަން ތައްޔާރަށް ތިބީ،" އެ ބޭފުޅާ ވިދާޅުވިއެވެ.
"ސްކޫލު ޗުއްޓީ ވީމާ ބައެއް މެންބަރުން ރާއްޖޭގައި ނެތީ. ޕާޓީއަށް ބަދަލުވެއްޖެ، ބައެއް މެންބަރުން ސޮއިކޮށްފި، އަނެއްބައި މެންބަރުން ސޮއިކުރަން އެއްބަސްވެފައި ތިބީ. އެކަމަކު، މިރޭ ފަހަރެއްގައި ބައެއް މެންބަރުންނަށް އެ ޖަލްސާގައި ނުތިބެވިދާނެ،"
ވަރުގަދަ ޑީލެއް، ބޮޑު ވިޔަފާރިއެއް
އެނބުރެމުންދާ ސިޔާސީ އޮއެވަރާއި ބާރުވެރިކަމާ އެކު މެންބަރުންގެ ހިޔާލާތާއި ފިކުރަށް އެ އަންނަ ބަދަލަކީ އާ ކަމެއް ނޫނެވެ. ވެރިކަން ބަދަލުވީމާ، ގިނަ ފަހަރަށް މެންބަރުންގެ ވިސްނުމަށް ކުއްލި ބަދަލުތަކެއް އާދެއެވެ.
މަޖިލީސް މެންބަރުން، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމަކީ މަޖިލީހުގައި އަބަދު ވެސް ހިންގާ ފުޅާ ވިޔަފާރިއެކެވެ. އެއީ، އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މެންބަރުންގެ ހިޔާލަށް އަންނަ ކުއްލި ބަދަލުގެ ފަހަތުގައި ގިނަ ފަހަރު އޮންނަނީ ފައިސާއާއި ސިޔާސީ ބާރުވެރިކަމެވެ.
"އަސްލު ހަގީގަތުގައި ފައްޔާޒުމެން [އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް] އަޅުގަނޑުމެންނަށް އަޅައެއް ނުލައި. ދެން، ޕީއެންސީން ދިނީ ހަމަ ރަނގަޅު ޑީލެއް. އެއީ، ޕްރައިމަރީގައި ވާދަކޮށްފައި ޓިކެޓު ނުލިބިއްޖެއްޔާ ވަޒީފާ ވެސް ލިބޭގޮތަށް،" މިރޭ ޕީއެންސީއަށް ސޮއިކުރާ މެންބަރަކު ރޭ ވިދާޅުވިއެވެ.
އެ ވާހަކަ ދެ ފަޅިއަށް ބަހައިލީމާ ވީގޮތް ސާފުވެއެވެ. ފައްޔާޒު ގޯސްވީއަކީ ނޫނެވެ. އެ މެންބަރު ގޮނޑީގައި އިންނަވާތާ މިވީހާ ދުވަހު ފައްޔާޒް ރަނގަޅެވެ. ބަދަލުވީ ސިޔާސީ އޮއެވަރެވެ. ބާރުވެރިކަން ޕީއެންސީއަށް ބަދަލުވީއެވެ. އެ ބާރުވެރިކަމުގައި ދެމިހުންނަށް ޕީއެންސީއަށް ސޮއިކޮށްލީމާ ފަސޭހަވަނީއެވެ.
ހުލިވަމުން ކުޑަވަމުން އެމްޑީޕީން ދެއްކި އެންމެ ބޮޑު ބިރަށް ނިމުމެއް އައީއެވެ. މިރޭ އެ ނިންމައިލަނީ ހެޔޮވަރުގެ ޑީލެކެވެ.