ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން: ތަރުޖަމާނު

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން"ކަމަށް ވިދާޅުވެ، ދެ ވެބްސައިޓެއް ސަރުކާރުން ބްލޮކްކުރި ކުރުން، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ދިފާއުކުރައްވައިފިއެވެ.

ޝަހީބް މި ފަދައިން ވިދާޅުވީ ރަޖިސްޓްރީނުކޮށް ހިންގާ ދެ ނޫސް ވެބްސައިޓެއް ކަމަށްވާ ކުރުސީ ޑޮޓް ކޮމާއި، ދިޔަވަރު ޑޮޓް ކޮމް ސަރުކާރުން ބްލޮކް ކުރުމާ ގުޅިގެން، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނަށް ރައްދު ދެއްވައި، ޝަހީބް ވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު އަޅައިފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

https://sun.mv/186403

އަދި އެމްޖޭއޭގެ ބަޔާނަކީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ނެރުނު ބަޔާނެއްގެ ގޮތުގައި ވެސް ޝަހީބްވަނީ ސިފަކުރައްވައިފައެވެ.

"ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭއިން ބަޔާނެއް ނެރުމުގެ ކުރިން ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" ޝަހީބް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވީއިރު، ނޫސްމަޖައްލާތަކުގެ ކޮންޓެންޓު މޮނީޓަރުކޮށް ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ އެ ކައުންސިލްގެ ގާނޫނުގެ 36ވަނަ މާއްދާގައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީ ވެސް "މީޑިއާ" ކަމަށް ބަޔާންކޮށްފައި އޮންނަކަމަށް ބުނެފައެވެ.

https://sun.mv/186402

އަދި ސަރުކާރުން އެއްވެސް އެންގުމަކާ ނުލައި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މެދުވެރިކޮށް ބްލޮކްކުރި ދެ ވެބްސައިޓުގައިވާ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް ވެސް އެމްއެމްސީއަށް ހުށަހަޅައިފައި ނުވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

"...އުސޫލެއް ނެތި ބްލޮކްކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެމްއެމްސީން ބުންޏެވެ.

ރަޖިސްޓަރުނުކޮށް ހިންގަމުން އައި ދެ ނޫސް ވެބްސައިޓެއް ބްލޮކްކުރުމާއެކު މި ކަމުގައި ސަރުކާރާއި ގިނަ ނޫސްވެރިންނާއި ޖަމިއްޔާތަކުގެ ޚިޔާލު ތަފާތުވުންތައް ގިނައެވެ.

comment ކޮމެންޓް