ޔާމީނަކީ ރައީސަށް ވިޔަނުކުރެވޭނެ ހަތުރެއް: އޮއްސޭނީ ކާކު؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މި

ޕީޕީއެމް/ޕީއެންސީ ހިންގެވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރުއްވި ގޮނޑިކޮޅު ނަންގަވާފައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ އަރުވައިފައެވެ. ޔާމީންގެ ތަޚުތުގައި ރައީސް ވަނީ ވަޑުވައިފައެވެ. ދެ ޕާޓީ ހިންގުމުގެ އެންމެ އިސް ލީޑަރަކީ މިިހާރު ރައީސް މުއިއްޒެވެ.

އެންމެ އިހުގެ ތާރީޚުގައި ވެސް ފެންނާން އޮތް ހަގީގަތަކީ ވެރިންނަށް އެ ވެރިން ހިނގާންވީ މަގު އޮޅުވައިލަނީ އަރިހުގައި ތިއްބަވާ 'ސިޔާސީ އެކުވެރިން' ކަމެވެ. ރަސްރަސްކަލުން ޒަމާނުގައި ވެސް، އަދި އޭގެ ފަހުން ދިވެހީން ޒަމާނީ ޑިމޮކްރަސީއަށް ހިޖުރަކޮށްގެން ވެސް ދުށީ އެ ހަގީގަތެވެ. އަސުރުން އިރު ތިރިވާ ވަގުތުގައި ބައްލަވާށޭ މަނިއްޕުޅުގެ ބޮޑުކަމާއި މަތިވެރިކަން ވިދާޅުވެ، އެ ވަގުތުގައި ފެންނަ ފޭދޭ ހިޔަނި ދައްކަވައިގެން އުޅުއްވާ އަރިސް ބޭބޭފުޅުންނަކީ ގިނަ ވެރިންގެ ސިޔާސީ ބާރުވެރިކަން ގެއްލޭން މެދުވެރިވާ އާޚިރު ސަބަބެވެ.

ޕީއެންސީން އުޅެނީ ޕީޕީއެމް ހިންދައިލަންކަން ތުހުމަތު ކުރައްވައި ޔާމީން ޕީޕީއެމުން ވަކިވެ، މިހާރު ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ފެންނާން އޮތް ހަގީގަތަކީ މިއަދުގެ ޕީއެންސީގެ ސަރުކާރުގެ އެންމެ ބޮޑު ވާދަވެރިއަކީ ޔާމީން ކަމެވެ. އެ ކަމަކާ ދެބަސްވާނެ މީހަކު މި ރަށަކު ނޫޅޭނެއެވެ. ވެރިކަމަށް ހަފުތާއެއް ނުވަނީސް ދެ ރައީސުންގެ ކޯޅުން ފަޅައިގެން ދިއުމަކީ ވެސް އޭގެ ޒާތުގައި އާދައިގެ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ.

އަދުރޭގެ ހިސާބުގައި ޔާމީން ޗެލެންޖަކަށް ނުވޭ

އެންމެންގެ ހިތުގައި އޮތީ ބޮޑު އެއް ސުވާލެވެ. އެއީ، މަޖިލީސް އިންތިޚާބުގައި ދެ ފިކުރު ވަކިވަކީން ވާދަކުރީމާ ދެން ވާނީ ކިހިނެއްތޯއެވެ. ނޫސްވެރިން އެ ސުވާލު ޚުދު ރައީސާ ކުރިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ތިއްބެވީ 'ޕީޕީއެމް/ޕީއެންސީއާ އެކު' ކަމަށެވެ.

ނުސީދާކޮށް ވިދާޅުވީ، ޔާމީން ވަޑައިގަތަސް ގެއްލޭނެ އެއްޗެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

https://sun.mv/185742

ރޭ ތަޚުތުގައި ވެޑުވުމަށް ބޭއްވި ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމަށް ފަހު ރައީސް މުއިއްޒުގެ ޙާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ 'ބަޔަކު' ޕާޓީއެއް އުފެއްދުމަކީ އެ ކޯލިޝަނަށް އޮތް ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންވީމާ އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން،" އަދުރޭ ރޭ ވިދާޅުވިއެވެ.

މިހާރު ސަރުކާރުގެ އަމާޒަކީ 20 ވަނަ މަޖިލީހެވެ. އެއިން ސާފު އަޣުލަބިއްޔަތެއް ނުހޯދިއްޖެ ނަމަ އެއީ ސިޔާސީ ހަލާކެކެވެ. ހަފުތާ ނުފުރެނީސް ޔާމީން އުފައްދަވަން މަސައްކަތް ފެއްޓެވި އާ ޕާޓީގެ ސާފު މަގުސަދަކީ އެ ހަލާކުގައި ސަރުކާރު ސާފުކޮށް ޖެއްސުން ނޫން އިތުރު ކަމެއް ކަމަށް ދެކިގެން ނުވާނެއެވެ.

އަދުރޭ ވިދާޅުވާ ގޮތުގައި ޔާމީން ނެތުމުގެ އަސަރެއް ނުވެސް ފެނެއެވެ. އެއީ، މިދިޔަ މަހު 17ގައި ޕީއެންސީގައި ތިބީ 3022 މީހުން ކަމަށް ވެފައި، އެ އަދަދު މިހާރު މާ ބޮޑަށް ވެސް އިތުރުވެފައިވާތީއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެއަކުން އަސަރެއް ނުކުރޭ މިހާތަނަށް އައިއިރު،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

މިހާރު ޕީއެންސީ ހިންގަން އެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅަށް ޔާމީން އެނގިވަޑައިގަންނަވާނެ ބޭފުޅަކީ އަދުރޭއެވެ. އެންމެ ގިނަ ދުވަހު ޔާމީނާ އެކު ދެމިހުންނެވި އެއް ބޭފުޅަކީ އޭނާއެވެ. އެކަމަކު، އެ ހުރިހާ ކަމެއް އެންމެ ސާފުކޮށް ފެނިވަޑައިގަންނަވަން ޖެހޭ ބޭފުޅާ އެ ޖައްސަވައި ހިސާބުގައި 'ޔާމީނަކީ ޗެލެންޖެއް ނޫން' ކަމަށް ދެކޭ ނަމަ، އެއީ ސިޔާސީ އޮޅުވައިލުމެކެވެ. އޮޅުވައިލަައްވަނީ ރައީސަށް ކަމެއް، ރައްޔިތުންނަށް ކަމެއް، ނަފުސަށް ކަމެއް އެނގިވަޑައިގަންނަވާނީ އަދުރޭއަށެވެ.

ޔާމީނަކީ ވިޔަ ނުކުރެވޭނެ ހަތުރެއް

ޒަމާނީ ޑިމޮކްރަސީއެއްގެ ކުލަ ދިވެހި ވެރިކަމުގެ ނިޒާމުގައި ޖެހުނު ފަހުން މިއަދާ ޖެހެންދެން ތަކުރާރުކޮށް ފެނުނު އެއް މަންޒަރަކީ 'ބަދަލު ކުޅުންތެރިން' ނުކުންނަވައިގެން ވެރިކަމަށް ވަޑައިގަތުމެވެ.

އެންމެ ފުރަތަމަ އެ މަންޒަރު ދުށީ 2013 ގައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރު ވަންދެން ރަސްކަމެއްފަދަ ވެރިކަމެއް ކުރައްވާފައި 2008 ގައި ނާކާމިޔާބުވުމުން ދެން ނެރުއްވި ބޭފުޅަކީ ޔާމީނެވެ. މައިގަނޑަކަށް ކެމްޕޭންގައި ބޭނުންފުޅު ކުރެއްވީ އެއްބަފައި ބޭބޭފުޅު މައުމޫންގެ ތާއީދެވެ. ގިނަ ބޭބޭފުޅުން ޔާމީނަށް ވޯޓުދެއްވީ މައުމޫންގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

https://sun.mv/185154

އެކަމަކު، ވެރިކަމަށް ވަޑައިގަތުމަށް ފަހު އުފެދުނު އަރައިރުންވުންތައް ފުޅާވެ، ދައުރު ނިމޭން ދަނިކޮށް މުޅިން ފަޅަފަޅައިގެން ދިޔައީއެވެ. އެ ހިސާބުން މައުމޫނަށް ޕާޓީ ވެސް ގެއްލުމުން ދެން ހެއްދެވި ޕާޓީއަށް 3،000 މެންބަރުން ހަމަނުވެގެން އެ އޮތީ އުވާލައިފައެވެ. އެއީ، މައުމޫން ކުރެއްވި ސިޔާސީ ދަތުރުފުޅެވެ.

އޭގެ ފަހުން ދެން ދުށީ ޔާމީން ދައުރުގައި ޖަލުގައި ހުންނެވި އޭރުގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 2018 ކާމިޔާބު ކުރެއްވި ތަނެވެ.

އެ ފަހަރު ވެސް ވެރިކަމުގެ މެދުތެރެއިން ދެ ބޭފުޅުންގެ ސައްލާތައް މަޑުމަޑުން އަރައިރުންވުމަށް ބަދަލުވެ، ދެ އެކުވެރިން ވެރިކަން ނިމޭން ދިޔައިރު ތިއްބެވީ ފައްކާވެފައި ތިބި ދެ ހަތުރުންނަށް އެކަށް ބަދަލުވެފައެވެ. އެކަމަކު، ޞާލިޙް ގަބޫލުކުރައްވައިގެން ހުންނެވީ ނަޝީދަކީ 'ޗެލެންޖެއް ނޫން' ކަމަށެވެ. ނިމުނު ރިޔާސީ ރޭހުން ފެނުނު ސާފު ހަގީގަތަކީ އެއީ ހެއްދެވުނު އެންމެ ބޮޑު ގޯސް ކަމެވެ.

އެ މާޒީގެ ހަގީގަތަކީ ވެރިކަމުން ވަކިވާ ކުރީގެ ރައީސަކީ 'މާ ބޮޑު ޗެލެންޖެއް' ކަމަށް ބާރުވެރިކަމުގައި ހުންނަވާ ރައީސަށް ވިސްނިވަޑައިނުގެންނެވި ނަމަވެސް އެއީ އެންމެ ބޮޑު 'ގެއްލުމެއްދޭ ހަތުރު'ކަމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ސަން ފޮޓޯ/

މި ވަގުތު ވެސް ޔާމީން އެ ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، އަމަލީ ގޮތުން ސިޔާސީ ކަންކަމުގައި ނުކުންނަވައިގެން ނޫޅުއްވެއެވެ. ކޮންމެހެން ދައްކަވަން ބޭނުންފުޅުވާ ވާހަކަފުޅުތައް ދައްކަވަނީ އެ މަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކުރައްވައިގެންނެވެ. މިހާރު ޔާމީންގެ އަރިހުގައި ހުންނެވި އެންމެ ގާތް އެކުވެރިޔާއަކީ ޖަމީލެވެ.

އެ މަނިކުފާނު ގަބޫލުކުރައްވަނީ ނަޝީދު ކުރެއްވި ސިޔާސީ ދަތުރާއި މައުމޫންގެ ދަތުރު ވެސް ތަފާތު ކަމަށެވެ. އަދި، އަމުދުން ޔާމީނާއި އެ ބޭފުޅުންނާ އަޅައިނުކިޔޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މިހާ ހިސާބަށް ރައީސް ޔާމީން އަޅުއްވާފައި ހުރި ފިޔަވަޅުތަކަށް ބަލަންޏާ، އަޅުގަނޑަކަށް ހިއެއްނުވޭ އެހެން ރައީސުންނާ އަޅާކިޔޭ ކަހަލަ ސިފަތަކެއްހެނެއް ހުންނެވީ. ވަރަށް ތަފާތު ސިޔާސީ ނިންމެވުންތަކެއް ނިންމެވި މުޅި ހަޔާތްޕުޅަށް ބެއްލެވި ކަމަށްވަންޏާ ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް ހަފުތާ ހަމަނުވަނީސް ޔާމީން ނިންމެވި ނިންމެވުމަކީ މައުމޫނާއި ނަޝީދަށް ވެސް ނިންމަވަން ކެރިވަޑައިނުގެންނެވި ނިންމުމެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. އެތައް ދުވަހަކަށް ދަންމަދަންމާފައި ޕާޓީގެ ބާރުވެރިކަން ހޯދަން އޭގެ ދެ ރައީސުން ވެސް މަރުފަލި ޖެއްސެވިއެވެ. ޕީޕީއެމް ހޯދަން މައުމޫން ވަޑައިގަތީ ކޯޓަށެވެ. އެމްޑީޕީ ލިބޭތޯ ނަޝީދު ހެއްދެވީ ގޮތްޕެކެވެ. މިހާރު ދުރުން ބަލައިލީމާ ޖަމީލު އެ ވިދާޅުވާ ވާހަކަފުޅުގައި އޮތް ހަގީގަތް އެބަ ސާފުވެއެވެ.

މައުމޫން ކޯޓަށް ވަޑައިގަތީ ވެސް އާ ޕާޓީއެއް އުފައްދަވަން ކެރިވަޑައިނުގަތުމުންނެވެ. މޯލްޑިވްސް ރީފޯމް މޫވްމަންޓުގެ ނަމުގައި ޕާޓީއެއް އުފައްދަވަން ނިންމެވީ އިތުރު ގޮތެއް ނެތުނީމައެވެ. ނަޝީދު ވެސް އެހެން ގޮތެއް ފެނޭތޯ މަރުފަލި ޖެއްސެވިއެވެ. ދަ ޑިމޮކްރެޓްސް އުފައްދަވަން ނިންމެވީ އެމްޑީޕީ ގެއްލިއްޖެކަން ސާފުވެ، ޕާޓީގައި މުޅިން އެކަހެރިވި ބާކީވެލެއްވީމައެވެ.

ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން މި ނެންގެވީ ހަމަ ވަރަށް އެޕްރޮޕްރިއޭޓް ވަރަށް ރައިޓް ޓައިމްގައި ޑިސިޝަން. އަޅުގަނޑަށް ހަމަ ފެނިގެންދަނީ ރާއްޖޭގައި މި ފިކުރު އެނބުރި އަންނާނީ މި ޕާޓީއަށޭ. މި ޕާޓީގެ ތެރެއިންނޭ މި ފިކުރު ދިރިގެންދާނީ،" ޖަމީލު ވިދާޅުވިއެވެ.

"އަސްލު ޓެސްޓު ފެނިގެންދާނީ އިންތިޚާބުތަކުގައި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ފިކުރު ދެމޭނެ. ނުވަތަ މި ފިކުރު އެބައެއްގެ ފަހަތުން ދާނެ ވަރުގެ ބަޔަކު ޕީއެންސީ ތެރެއަކު ނެތް. އެ ވަރުގެ ލީޑަރުންނެއް ނެތް. ލީޑާޝިޕެއް ނެތް. އެ ލީޑަރަކީ ރައީސް ޔާމީން،"

ޔާމީނަކީ ކުރީގެ ރައީސުންނަށް މެދުވެރިވި ގޮތަށް ބަލައިގެން ވިޔަ ކުރެވިދާނެ ހަތުރެއް ނޫނެވެ.

އެ ފަހަރު ފަހަރާ މި ފަހަރުގެ ނިންމުން ވަރަށް ތަފާތެވެ. ކުރީގެ ދެ ރައީސުން ގިނިކަންޏާ ނުކުމެވަޑައިގެންނެވީ ދައުރުގެ މެދަށް ވުރެ ވެސް ފަހުންނެވެ. އޭރު ސަރުކާރު އޮތީ ބާރުގަދަވެފައެވެ. އެކަމަކު، ޔާމީން އެ ނުކުންނެވީ ފުރަތަމަ ހަފުތާގައެވެ. ކުރިއަށް އޮތީ މަޖިލީސް އިންތިޚާބެވެ.

މަޖިލީހުގެ މެޖޯރިޓީ ގެއްލި، ބަލިކަށިވެދާނެ

މަޝްރަހު ދިރާސާ ކުރައްވާ ސިޔާސީ އެނަލިސްޓުންގެ ނަޒަރުގައި މި ފަހަރު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލޭނެއެވެ. ސަބަބަކީ ޔާމީންގެ އާ ޕާޓީއެވެ.

"މައުމޫންގެ 10 އިންސައްތަ ކަންނޭނގެ ގިނަ ވެގެން ޔާމީން ދޫކޮށްލާފައި ނުކުތީ، އެކަމު އެ 10 އިންސައްތައިން 2018ގައި ޔާމީން ނާކާމިޔާބުވީ. މި ފަހަރު އެމްޑީޕީ ތެރެއިން ހަތް އިންސައްތަ ނަޝީދާ އެކުގައި ދިޔައީ. އެކަމަކު، އެ ހަތް އިންސައްތައިން ޞާލިޙް ނާކާމިޔާބުވީ،" ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެ ބޭފުޅާގެ ނަޒަރިއްޔާތުގައި އެ ފަހަރުތަކުގެ ރިޔާސީ ރޭހުގައި ފެނުނު ވާދަވެރިކަން މި ފަހަރު އޮންނާނީ މަޖިލީސް އިންތިޚާބުގައެވެ. އެހެންވެ، ސަރުކާރު ހިންގާ ފިކުރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެކަމަކު، ރައީސް ހުންނެވީ ސާބިތުކަމުގައެވެ. ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭނެކަން ރައީސް މުއިއްޒަށް ޔަގީނެވެ.

https://sun.mv/185737

"މިއީ ފެށުމެއް، ދެން ކުރިއަށް އޮތް އިންތިޚާބުތަކުގައި މި ޕާޓީން ކުރެވޭ ކަންކަން ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ. އެގޮތުން ކުރިއަށް އޮތް މަޖިލީސް އިންތިހާބު، މަޖިލީހުގެ ސުޕާ މެޖޯރިޓީން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެކަމަކު، ސިޔާސީ ތަބީއަތާ ޔާމީންގެ އާ ޕާޓީގެ ހިނގަމުންދާ ހަލުވި ދުވެއްޔަށް ބަލައިނަމަ ރައީސް އެ ވިދާޅުވާ ސުޕަ މެޖޯރިޓީއަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މިހާރު ފެންނަ މަންޒަރަކީ ވެސް އެއީއެވެ.

މަޖިލިސް އެއީ އެންމެ ބޮޑު ޓެސްޓު

ޔާމީނަކީ ޗެލެންޖެއް ނޫން ކަމަށް ބައްލަވައިގެން އަދުރޭ އެ ޖައްސަވާ ހިސާބާއި ސަރުކާރު ބަލިވެ، ޔާމީންގެ އާ ޕާޓީ ބޮޑުވެ ފައްކާވާނެ ކަމަށް ޖަމީލު އެ ކުރައްވާ ވިޔައިގެ ހަގީގަތް ހާމަވާނެ އިންތިޚާބަކީ އަންނަ އަހަރުގެ އޭޕްރީލުގައި ބާއްވަން ތައްޔާރުވަމުން އަންނަ 20 ވަނަ މަޖިލީސް އިންތިޚާބެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

މަޖިލީހުގެ ގޮނޑިތައް ބެހޭ ގޮތަކުން ސިޔާސީ ކުރިމަގު އުޖާލާކޮން ޕާޓީއެއްގެކަން ސާފުވާނެއެވެ. އެނގޭ ހަގީގަތަކީ 2028 އަންނައިރުގައި ދެ ރައީސުންގެ މި ހިނގާ ވާދަވެރިކަން އޮންނާނީ ހިނދިފައެވެ.

ޖަމީލް ވިޔަކުރައްވާ ފަދައިން ޔާމީންގެ އާ ޕާޓީއަށް މަޖިލީހުގެ ގިނަ ގޮނޑި ލިބިފައި، ސަރުކާރަށް މެޖޯރިޓީ ގެއްލިއްޖެ ނަމަ ސަރުކާރު ބަލިވެ، ނިކަމެތިވާނެއެވެ. އަދި، 'ކޮންޒަވޭޓިވް' ފިކުރުގެ މައްޗަށް ޔާމީން އަނެއްކާ ވެސް ގަނަވެގަންނާނެކަމާ މެދު ކުޑަ ވެސް ޝައްކެއް ނުހިނގައެވެ.

އެކަމަކު، ރައީސް މުއިއްޒު އެ ވިދާޅުވާ މޭރުމުން އެ މަނިކުފާނުގެ ޕީއެންސީއަށް ސުޕަ މެޖޯރިޓީ ނުވަތަ މެޖޯރިޓީ ލިބިއްޖެ ނަމަ އެއީ ޔާމީންގެ ސިޔާސީ ކަފުނެވެ.

ޔާމީންތޯ ރައީސް މުއިއްޒުތޯ ނިންމާނީ ރައްޔިތުންގެ ތާއީދަށް ބަލައިގެންނެވެ. މަޖިލިސް 20 ބެހިގެންދާ ގޮތަކުން ސިޔާސީ މައިދާނަށް ގުނޑުންވާނެއެވެ.

comment ކޮމެންޓް