ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ކުރިން އިސްކޮށް ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްކުރެއްވި ނަމަވެސް އެ ކޯލިޝަނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމަކަށް ފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ވަކި މީހަކު ސިޔާސީ ޕާޓީއެއް އުފައްދައިގެން އެއަކުން އެ ކޯލިޝަނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަަމަށެވެ.
އަދި މިހާތަނަށް އައިއިރު ވެސް އެކަމުން އެއްވެސް އަސަރެއް ކޮށްފައި ނެތްކަމަށާއި އެއް ދުވަހުން އަނެއް ދުވަހަށް ޕާޓީ އަންނަނީ އިތުރަށް ބޮޑުވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު އަބްދުއްރަހީމް ވަނީ މިވަގުތު މަޖިލީހުގައި ސުޕަމެޖޯރިޓީ އިދިކޮޅަށް އޮތް ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކޯލިޝަނުން ސުޕަމެޖޯރިޓީ ނަގާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ޕީޕީއެމް
އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ކާމިޔާބު ކުރާނެ ފޯމިއުލާއަކީ ކޮބައިތޯ 'ސަން' އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވަނީ ހަތަރު ކަމެއް ފާހަގަ ކުރައްވާފައެވެ.
"އެ ފޯމިއަލާއަކީ އަޅުގަނޑުމެން ގަދަ އަޅާ މަސައްކަތް ކުރުން. ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތައް ފުއްދަމުން ގެންދިއުން. އެ ވައުދުތައް ފުއްދާތަން ރައްޔިތުންނަށް ފެނުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި ފޯމިއުލާގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަގުލަބިއްޔަތެއް ނަގާނަން."
ރައީސް ޔާމީންގެ ތާއިދާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ދެ ބޭފުޅުންގެ ގުޅުން މިހާރު މުޅިން ކެނޑިފައި އޮތުމުންނެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ވެސް އެމަނިކުފާނުގެ ބަހެއް ނެތެވެ.
އެއާއެކު ރައީސް ޔާމީންގެ އެންމެ އިސް ބޭބޭފުޅުން މިހާރު އަންނަނީ ޔާމީން މިހާރު މިނިވަން ނުވެ ހުންނެވުމުގެ ތުހުމަތު ރައީސް މުއިއްޒުގެ ކޮނޑުފުޅުގައި އަޅުވަމުންނެވެ.
އިންތިޚާބު ކާމިޔާބުކުރައްވައި ވެރިކަމަށް އައުމާ ހަމައަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ.