ޑިމޮކްރަސީ "ބައްޕަގެ" އަސްލު ސޫރަ!

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ސަން ފޮޓޯ

އެއްބައެއްގެ ނަޒަރުގައި އެއީ އިސްލާމީ މި ދިވެހި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނެސް ދެއްވި ބަތަލެވެ. ހުދުމުހުތާރުކަމާއި އާއިލީވެރިކަމާއި ކޮރަޕްޝަން ނައްތާލަދެއްވި ފަހުލަވާނެވެ. ބަސްބުނުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދެއްވި ވެރިޔާއެވެ. ވެރިކަމުގެ ދަހިވެތިކަން ނެތް، ހިތްތިރި ރައީސެވެ. މީގެ 14 އަހަރު ކުރިން ރައީސް މުހައްމަދު ނަޝީދު، ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވީ މި ހުރިހާ ރީތި ނަމަކާއެކު، ޒަމާނީ ޑިމޮކްރަސީ ދިވެހި ރާއްޖެއަށް ގެނެސް ދެއްވި "ބައްޕަގެ" ގޮތުގައެވެ. އެކަމަކު މިއަދު ފެންނަ މަންޒަރު މުޅިން ތަފާތެވެ. ކީހާޅެން ފަރިއްސަށްވެ ނިމެނީއެވެ.

މިހާރު މި ހިނގައިގެން އުޅޭ ކަމަށް އެކަނި ބެލިޔަސް އެ ވިދާޅުވާ ޑިމޮކްރަސީގެ ބައްޕަގެ ހާލަތު އެބަ އެނގެއެވެ. އެމަނިކުފާނުގެ އެއްބަނޑު، އެއްބަފާ ކޮއްކޯފުޅު، ނާޒިމް ސައްތާރުގެ މައްޗަށް ކުރެވެނީ ކުޑަ ތުހުމަތެއް ނޫނެވެ. އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވެނީ މީހަކު ބުނާ ބަހަކުން ނޫނެވެ. ތުހުމަތު ފެށެނީ ސާފު ވީޑިއޯއަކުން ފެންނަ ހަޑި، ހުތުރު، ނަޖިސް އަމަލުތަކަކުންނެވެ. އެކަން ތަހުގީގު ކުރަން ފެށުމުން، ޑިމޮކްރަސީގެ "ބައްޕަ"އަށް ކަމަކު ނުދިޔައެވެ. އަމިއްލަފުޅު ކޮއްކޯފުޅުގެ ދިފާއުގައި ނުކުންނަވައި އެކަން ގުޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކޯލިޝަނުން ކުރައްވާ ހަރުކަށި ފިކުރުގެ އަމަލަކާއެވެ.

https://sun.mv/166854

މިއީ ކޮން ޑިމޮކްރަސީއެއްގެ އުސޫލެއްތޯއެވެ؟ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ދިގު ވެރިކަމުގައި ގެންގުޅުއްވި އާއިލީވެރިކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ނަޝީދުގެ ފަރާތުން މި ފެނުނީ އެއަށް ވުރެން ހުތުރު މަންޒަރެކެވެ. އޭރު މައުމޫންގެ އާއިލާ ބޭފުޅުންނާއި ސަރުކާރުގެ ވެރިންގެ އިތުރުން ނުފޫޒުގަދަ ބޭބޭފުޅުންގެ މައްސަލަތައް ނުބެލޭތީ ފާޑު ވިދާޅުވި މަނިކުފާނަށް ކޮއްކޯފުޅުގެ މައްސަލަ ބެލުން ހަޖަމެއް ނުވިއެވެ. ތިމާގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ކިތަންމެ ބޮޑު ތުހުމަތެއް ވިޔަސް އެ މައްސަލަ ބެލުމާ ފާޅުގައި ދެކޮޅު ހައްދަވަނީއެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ނަޝީދުގެ އެ އަމަލުން ސާފުވަނީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތައް ވެސް އެމަނިކުފާނު ގަބޫލުނުކުރައްވާ ކަމެވެ. ޑިމޮކްރަސީގައި ބުނަނީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

"ރައީސް ނަޝީދަކީ ޑިމޮކްރަސީއަށް ތަބާވާ، އަދި ސިޔާސީ ގޮތުން މެޗުއާ ބޭފުޅެއްނަމަ ތަހުގީގު ނިމެންދެން ވެސް މަޑުން ހުންނަވާނެ ދެއްތޯ؟ އިސްލާމީ ގައުމެއްގައި މި ކުރެވެނީ ކުޑަ ތުހުމަތެއް ނޫން. އެކަމަކު އެ އުޅުއްވާ ގޮތުން ވަރަށް ސާފު ނޫންތޯ ތިމާގެ މަސްލަހަތުކަން އިސް ކުރައްވަނީ. މިއީ ޑިމޮކްރަސީގެ ބަތަލަކު އަމަލު ކުރަން ޖެހޭ ގޮތެއް ނޫން ދެއްތޯ؟" ވަކީލް ވިދާޅުވިއެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު: ފޮޓޯ: ރައްޔިތުންގެ މަޖްލިސް

ނާޒިމްގެ ދިފާއުގައި ނަޝީދު އެ އުޅުއްވާގޮތުން އެމަނިކުފާނު ސިޔާސީ ގޮތުން "މެޗުއާ" ނޫންކަން ވެސް ސާބިތުވެއެވެ. މުޅި ރާއްޖެހެން ނާޒިމްގެ މައްސަލަ ތަހުގީގު ކުރަން ގޮވާލަ ގޮވާލައި ތިއްބާ އެކަމާ ފާޅުގައި ދެކޮޅަށް ނުކުންނެވީމާ ސިޔާސީ ގޮތުން ލިބޭނެ ހިތި ނަތީޖާ ވިސްނިވަޑައިނުގަތެވެ. ހަމަހަމަކަމާއި އިސްލާމީ އުސޫލުތައް މި ރާއްޖޭގައި ގާއިމު ކޮށްދެއްވާނެ ކަމަށް ދެން ނަޝީދު ވައުދު ވާނީ ކިހިނެއްތޯއެވެ؟ ނުވަތަ އެ ވާހަކަ ގަބޫލު ކުރާނީ ކާކުތޯއެވެ؟ ނަޝީދުގެ މި އަމަލުގެ ސަބަބުން އެމަނިކުފާނަށް ސަޕޯޓް ކުރާ މީހުންގެ ހިތް ވެސް މަރުވުން ނޫން ކަމެއް ނުވާނެއެވެ.

ދެން ރޭ އެ ކުރެއްވި ކަންތަކަށް ބައްލަވާށެވެ. ކޮއްކޯފުޅު ތަހުގީގު ކުރާތީ ރައީސް ޞާލިހު ދެކެ ކޯފާވާތީ، ކުރެއްވީ ބޮޑު ތުހުމަތެކެވެ. ސައްތައިން ސައްތަ އިސްލާމީ މި ގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޞާލިހު ހިލޭ އަންހެނަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފާޅުގައި ނަޝީދު ވިދާޅުވީއެވެ. އަދި ކޮއްކޯފުޅު އީވާ އަބްދުﷲ މެން މެދުވެރިކޮށް އެކަމަށް ބާރު ލިބޭ ފަދަ ސުވާލުތައް ފެންމަތި ކުރުވައި ހެދީއެވެ. މިއީ ވެސް ޑިމޮކްރަސީގެ ކޮން އުސޫލެއްތޯ ސުވާލު އުފެދެއެވެ؟

ރިޔާސީ ނިޒާމުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ ރައީސްގެ މަގާމުގައި ހުންނަވައި އެ ގައުމުގެ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ހާމަ ކުރަން ޖެހޭނީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެއްގައެއް ނޫނެވެ. ޑިމޮކްރަސީއާއި ގާނޫނުތަކަށް ތަބާވާ ބޭފުޅެއްނަމަ އަމަލު ކުރައްވާނެ ގޮތަކީ އެ ވިދާޅުވާ ހެއްކެއް ހުރި ނަމަ ތަހުގީގީ އިދާރާތަކާއި މަޖިލީހުގެ ތެރެއިން އެކަން ބައްލަވައި ގާނޫނީ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅެއް އެޅުއްވުމެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާގައި ޒުވާބު ކުރާ ފާޑަށް އެކަން ކުރެއްވުމުން މަގާމަށް ކުފޫ ހަމަވޭތޯ ވެސް ސުވާލު އުފެދެއެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. މިހާރު އިނގިރޭސި ވިލާތަށް ވަޑައިގަންނަވައި މަސައްކަތް އެ ފެއްޓެވީ ބައިނަލްއަގުވާމީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުމަށެވެ. މިއީ ރާއްޖޭގެ ތާރީހަށް ބެލިޔަސް، އަދި ނަޝީދުގެ މާޒީއަށް ބެލިޔަސް އާ ކަމެއް ނޫނެވެ. ރާއްޖޭގެ ވެރިކަމާ މެދު ހިތްހަމަ ނުޖެހޭ އިދިކޮޅު ބޭފުޅުން ބޭރުގެ ގައުމުތަކަށް ވަޑައިގެން ރާއްޖެއާ މެދު ޝަކުވާކޮށް، އެކިއެކި ފިއްތުންތައް ކުރިމަތި ކުރުވުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. ރާއްޖެއަށް ޕޯޗްގީޒުންނާއި އިނގިރޭސީގެ އިތުރުން އެފަދަ ނުފޫޒުތައް ގެނެސް ރާއްޖެ އަޅުވެތި ކުރީ އެގޮތަށެވެ. ނަޝީދުގެ ސިޔާސީ މާޒީއަށް ބަލާއިރު ވެސް ބޭރުގެ ގައުމުތަކުގައި ރާއްޖެއާ ގުޅޭގޮތުން ޝަކުވާކޮށް އެކިއެކި ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ދިވެހި ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ ހިންގި ބޮއިކޮޓް ކެމްޕެއިނުން ވެސް އެކަން ސާފުވާނެއެވެ. އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރާއްޖޭގެ އިގްތިސާދީ މައި ދާއިރާއާ ވެސް ދިމާކޮށްލެއްވިއެވެ.

ނަޝީދުގެ ވެރިކަމުގައި ޕާޓީ އިސް މެމްބަރުންނާއި އެ ސަރުކާރުގެ ވެރިން ކަމަށް ތުހުމަތު ކުރެވޭ އެތައް ބައެއްގެ ބަދުއަހުލާގީ ވީޑިއޯތައް ލީކްވިއެވެ. ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުމުގެ ބަދަލުގައި އެކަން ތަހުގީގު ކުރުމަށް އެ ސަރުކާރުން އެޅީ ހުރަހެވެ. ދައުލަތުގެ ވެރިންނަށް ބޮޑެތި ފާހިޝް އަމަލުތައް ކުރި ކަމުގެ ތުހުމަތު ކުރެވުމުން ފުލުހުންނަށް އޯޑަރުތައް ލިބުނީ މައްސަލަތައް ނުބެލުމަށެވެ. އެއާ އިދިކޮޅަށް މިސަރުކާރުގައި އަމިއްލަ ޕާޓީ އާއި އިދިކޮޅު ޕާޓީގެ މެމްބަރުންނަށް ކުރެވުނު ބަދުއަހުލާގީ މައްސަލަތަކުގެ ތަހުގީގު ބަލަން ފެށުމުން ޑިމޮކްރަސީގެ ބައްޕައަށް އެކަން ކަމަކު ނުދިޔައެވެ.

ކީހާޅެން ފަރިއްސަށް

ވިދާޅުވާ ބަހާއި އަމަލާ ދިމާނުވުމަކީ ނަޝީދަށް އާ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމާއެކު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ވިދާޅުވީ ވެރިކަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ހުރިހާ ކަމެއް އަމިއްލަ ކޮންޓްރޯލްގެ ތެރެއަށް ގެންނަވައި މުޅިން މަގުކޮއްޓެވީ ވެރިކަމާ ދިމާލަށެވެ. ހުދުމުހުތާރު ވެގެން މައުމޫނަށް ފާޑު ވިދާޅުވިއިރު މުޅި އެމްޑީޕީ ޒަމާނުން ސުރެއް ނަޝީދު ކޮންޓްރޯލް ކުރެއްވި ގޮތަކީ ހިނި އަންނަ ޒާތުގެ ކަންކަމެވެ.

އެމްޑީޕީގެ ތެރެއިން ކުރިއަރަން މަސައްކަތްކުރި ބޭބޭފުޅުންނަށް ޖެހުނު ދަތުރު ހަދާން ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވީ އިބްރާހީމް އިސްމާއީލް (އިބްރާ)އެވެ. އޭނާއަށް އެ މަގާމުގައި ހުންނެވުނީ އެންމެ 132 ދުވަހުއެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހުއެވެ. ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީއެވެ.

https://sun.mv/162602

ދެން އެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ދީދީ (ޑީޑީ)އެވެ. އޭނާ އަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހުއެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވީއެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ސަބަބުތަކެއް ދައްކައި އޭނާ ވެސް ޕާޓީން ވަކި ކުރީއެވެ. އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހުނީ އެއް ދަތުރެވެ. ހަމަޖެހުނީ ޕާޓީއާ ދުރަށް ވަޑައިގަންނަވާށެވެ. ސަބަބަކީ ކޮބާތޯއެވެ؟

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައިވާ ބޭފުޅުން އެކަން އަންގައި ފޮނުވި ސިޓީތަކުގައި މުޅިންހެން ވިދާޅުވެފައި ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާއެކު އެ މަގާމުގައި އެ ބޭފުޅަކު ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރިން ވިދާޅުވެފައިވެއެވެ.

އެތައް ގޮތަކުން ވެސް މަސައްކަތް ކުރައްވައިގެން ނަޝީދަށް ބަލި ނުކުރެއްވުނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ދާދި ފަހުން ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއީލެވެ. ބާރު ދަށްވާން ފެށުމުން ދެން ނުކުންނެވީ އަމިއްލަފުޅު ޕާޓީ ހިންގަމުން އަންނަ ސަރުކާރާ ދެކޮޅަށެވެ.

އެއީ ޚުދުމުޚުތާރު ކަމާ ދެކޮޅު، ޑިމޮކްރަސީގެ ބައްޕަގެ ހާލަތެވެ. ވެރިކަމުގެ ލައްޒަތް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވާއިރު ރައީސް ޞާލިހާ ވެސް ޖެހުނު އެންމެ ބޮޑު މައްސަލައަކީ ބޮޑު ވަޒީރުކަން ނުދެއްވުމެވެ. ބޮޑު ވަޒީރަކަށް ވާން ބޭނުންފުޅު ވާ ވާހަކަ ފާޅުގައި ރައީސް ޞާލިހުގެ އަރިހުގައި ވިދާޅުވިއެވެ.

އާއިލީ ވެރިކަމުގެ ސިފަތަކާ ދެކޮޅަށް ވާހަކަ ދެއްކެވި މަނިކުފާނަށް މަޖިލީހުގެ ނައިބު ރައީސްއަކަށް އެމަނިކުފާންގެ ދަށުން މަސައްކަތް ކުރައްވަން ކޮއްކޯފުޅު އީވާ ނޫން ބޭފުޅެއް އެ 65 މެމްބަރުންގެ ތެރެއިން ފެނިވަޑައެއް ނުގެންނެވިއެވެ. ހިތްތިރި ކަމަށް މަޝްހޫރު ރައީސަށް ހޮޓެލް ޖެންގައި، ދައުލަތުގެ މާލިއްޔަތުން ހަތް ލައްކަ ރުފިޔާއަށް ވުރެން ބޮޑު އަދަދެއް ހަރަދު ކޮށްގެން ހުރުން މައްސަލައަކަށް ނުވިއެވެ.

މައުމޫންގެ ޚުދުމުޚުތާރުކަމާއި އާއިލީވެރިކަމާއި އަނިޔާވެރިކަމުގެ އިތުރުން ނާއިންސާފުގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި، ޑިމޮކްރަސީގެ ބައްޕަގެ ފަރާތުން މިފެންނަނީ ޑިމޮކުރަސީގެ ސިފަތަކެއް ނޫނެވެ. އެއީ އެއް ރިޕޯޓެއްގައި ދެއްކޭ ވަރަށް ވުރެން ވެސް ގިނަ ވާހަކައެވެ. މި ފެންނަނީ ގައުމުގެ މަސްލަލަތަށް ވުރެ އަމިއްލަފުޅު މަސްލަހަތު އިސްކުރައްވާ ތަނެވެ. ކުރިން ވިދާޅުވިހާ ޅެން، ފަރިއްސަށްވެ ނިމިއްޖެއެވެ. ޑިމޮކުރަސީގެ ބައްޕަގެ އަސްލު ސޫރަ ފެނިއްޖެއެވެ.

comment ކޮމެންޓް