ނިމޭ ސަރުކާރު؛ ދަތި އުނދަގުލުގެ ތެރެއިން ހަމަޖެހުން ގެނުވި ފަސް އަހަރު!

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް -- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ސިޔާސީ ވެރިން ޖަލުގެ ތޭރިތަކު ތެރޭ ތިއްބެވިއިރު، އެ ވެރިންނާއި އެ ވެރީންގެ އާއިލާތަކަށް ހަމަޖެހުމަކާއި ތަސައްލީއެއް ގެނުވީ ހިންނަވަރު، ނޫރާނީއާގޭ، އިބްރާހިމް މުހައްމަދު ޞާލިޙް (އިބޫ)، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ހަމައިންނެވެ. އެއީ، އެކަކަށް ވެސް ބަލި ނުކުރެވޭނެ ކަމަށް ހީވި، މއ. ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަރު ވެރިކަން ނިމުނު ހިސާބެވެ.

ޔާމީން ގެނެސްދެއްވި ހަލުވި ދުވެލި، ހިޔަނިކޮށްލީ ހިނގާ ދިޔަ ބައެއް އަނިޔާވެރި ކަންކަމުގެ ސަބަބުންނެވެ. އޭރުގެ ސަރުކާރަށް ތޮޅެން ފެށި ކޮންމެ ސިޔާސީ ބޭފުޅަކު "އިއްތިފާގުން" ޖަލު ގޮޅިއަށް ދާން ޖެހުމުންނެވެ.

ޕީޕީއެމްގެ އެ ވެރިކަން ބަދަލުކުރަން އިދިކޮޅުން އޭރު އުފެއްދި އިއްތިހާދުގެ ކެންޑިޑޭޓަކަށް ވެވަޑައިގަތީ އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި އިބޫއެވެ. ބަސްފުޅު މަދު އިބޫ ވެވަޑައިގަތީ ޔާމީންގެ ވެރިކަން ބަަދަލުކޮށްލި ލީޑަރަށެވެ. އެއީ، އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ފެށުމެވެ. ދަތި އުނދަގުލުގުގެ ތެރެއިން ހަމަޖެހުން ގެނުވި ފަސް އަހަރެވެ.

ކޯވިޑުން ސަލާމަތްވީ ހާލުގައި ނުޖެހި

އާލަމީ ވަބާ ކޯވިޑު19 އަކީ ރައީސް ޞާލިޙަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. ވެރިކަމަށް ވަޑައިގެން ފައިންޕުޅުން ވެލި ނުހިކެނީސް ކުރިމަތިލާން ޖެހުނީ އެ ހިތްދަތިކަމާއެވެ. މުޅި ރާއްޖެ ބަންދުކޮށްލަން މަޖުބޫރުވީއެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން ފަސް ތަރީގެ ރިސޯޓުތައް ވެސް އެއްކޮށް ބަންދުކުރަން ޖެހުނެވެ. ދިވެހި އިޤްތިޞާދުގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ބަންދުކުރަން ޖެހުނެވެ.

މުޅި އިޤްތިޞާދު ޖެހުނީ ބަންދުކޮށް، ހުއްޓައިލާށެވެ. އެންމެން ޖެހުނީ ގޭބަންދުގައި ހައްޔަރުވާށެވެ.

އޭޕްރީލް 2، 2020: ކޯވިޑާ ގުޅިގެން މާލެ ލޮކްޑައުންގައި އޮތް އިރުގެ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، ރާއްޖެ ވެގެންދިޔައީ ކޯވިޑުން އެންމެ ފުރަތަމަ އަރައިގަތް ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. އެންމެ ފުރަތަމަ ބޯޑަރު ހުޅުވައިލި އެއް ގައުމެވެ. އެއީ، ރެޔާއި ދުވާލު ރައީސް ޞާލިޙް ނެންގެވި ހަރުދަނާ ފިލާވަޅުތަކުގެ ފޮނިމީރު ނަތީޖާއެވެ. އެ ކްރެޑިޓު ހަގީގަތުގައި ވެސް ރައީސް ޞާލިޙަށް ދޭން ޖެހެއެވެ.

ކޯވިޑު ލައިގަނެ، އަވައްޓެރި ސްރީލަންކާ އޮތީ އަދިވެސް އަރައިނުގަނެވިފައެވެ. މުޅި އިޤްތިޞާދު އެފުށްމިފުށަށް ޖެހި، ގައުމު އޮތީ ނިކަމެތިކަމުގައެވެ. ތެލާއި ކަރަންޓާ ނުލައި ވެސް އެ ގައުމުގެ މީހުން އެތައް ދުވަހެއް ހޭދަ ކުރިއެވެ.

ރާއްޖެއަށް އެ ހާލަތު ކުރިމައްޗެއް ނުވެއެވެ. އެންމެންނަށް ހިލޭ ވެކްސިން ލިބުނެވެ. ކާޑަކަށް ނުޖެހެއެވެ. ބޭހަކަށް ނުޖެހެއެވެ. ތެލަކަށް ނުޖެހެއެވެ. ކަރަންޓު ވެސް ހުރިހާ ގެއެއްގައި 24 ގަޑިއިރު ލިބިފައި ހުއްޓެވެ. ގިނަ މީހުން ކެއީ ވެސް ހަމަ މޮޅު ކެއުމެވެ.

https://sun.mv/177996

ރައީސް ޞާލިޙްގެ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ލިބުނު ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމެނުނެވެ. ދިވެހީންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނެވެ. މަޖުބޫރުކޮށް، އެންމެން ވެކްސިން ޖެހުމުން މަޑުމަޑުން ލުއިތައް ދެމުން ގޮސް، އެންމެ އަވަހަށް ކޯވިޑުން ވީއްލި އެއް ގައުމަކީ ވެސް ރާއްޖެއެވެ. ދެ ފަހަރެއްގެ މަތިން ލޮކްޑައުން ކުރި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިމަތިވިހާ ހިތްދަތި ކަމެއް ދިވެހީން ތަހައްމަލު ކުރަން ނުޖެހެއެވެ.

"އޭރުގެ ބިރުވެރި ޙާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވޭ. ޚިޔާލު ތަފާތުވެ ހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން." ރައީސް ޞާލިޙް އެންމެ ފަހުން ދެއްވި ޚިތާބުގައި ވިދާޅުވިއެވެ.

"ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރ ހުޅުވި އެއް ޤައުމަކީ ރާއްޖެ. ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ކާމިޔާބު ބޮޑު. ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ޙަޔާތުގެ އިމްތިޙާނު. އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަޙްރޫމްވާން މަޖުބޫރުވި ޙާލަތަކީ އެއީ،"

https://sun.mv/184489

އެއީ، މި ނިމޭ ސަރުކާރުގެ ކާމިޔާބީގެ ލިސްޓުގެ އެންމެ އުހުގައި ލިޔާނެ ރަން ކާމިޔާބެކެވެ. ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް ވެސް އެންމެ ފަހުރުވެރިކަމާ އެކު ދެއްކެވި އެއް ވާހަކައެވެ. ކޯވިޑު މެނޭޖު ކުރެއްވި ރައީސަކީ ރައީސް ޞާލިޙެވެ.

ވެންޓިލޭޓަރު ހިޔާނާތް ހިލިގަތުން

ކޯވިޑުން އަރައިގަނެ، ރައީސް ޞާލިޙް ހޯއްދެވި ފުރިހަމަ ކާމިޔާބީގައި ޖެހުނު ފުރަތަމަ ލައްގަޑަކީ ވެންޓިލޭޓަރު ހިޔާނާތެވެ.

އެ މައްސަލައިގައި މި ނިމޭ ސަރުކާރުގެ ފުރަތަމަ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން މަގާމުން ދުރުކުރި ނަމަވެސް އެ ވަރަކުން ރައްޔިތުންނަކަށް ނުފުދުނެވެ. އެ މައްސަލަ އޮތީ "ވާނުވާ"ގައެވެ. އެއީ، މި ސަރުކާރު ވެއްޓޭން ދިޔައިރު ފަހު އެތިފަހަރަކަށް ޖަހައިލަން ގިނަ ސިޔާސީން ބޭނުން ކުރި "ނޭވާ ހޮޅިން ވައްކަން ކުރި ސަރުކާރު"ގެ ލަގަބު ބޮލު އަޅަން ޖެހުނު ހާދިސާއެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން --- ސަން ފޮޓޯ / އަހްމަދު ސައީދު

އެމްޑީޕީގެ ތެރޭގައި އުފެދުނު 'ޕަވާ ސްޓްރަގްލް' ނުވަތަ ދެ ރައީސުންގެ ވާދަވެރިކަމުގައި ވެސް އޭރު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު އެންމެ ބޮޑަށް ދެއްކެވީ ވައްކަމާއި ހިޔާނާތުގެ ވާހަކައެވެ. ކުރީ ސަރުކާރުގެ ވައްކަމާއި ހިޔާނާތް ނުބެލުނު ތާގައި މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ހިޔާނާތަށް ގުނާ، ވެންޓިލޭޓަރު ހިޔާނާތް ވެސް ނުބެލުނެވެ. އެއީ، ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ފާސް މާކްސް ނުލިބޭން މެދުވިރިވީ އެއް ސަބަބެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަސް ފަހަރެއްގެ މަތިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ކޮންމެ ވެސް ކަމެއް ސާފުނުވާތީ އަނބުރާ ފޮނުވައިލަނީއެވެ. އެއްގޮތަކަށް އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރެއް ނުވިއެވެ.

އޭރުގެ ހެލްތް މިނިސްޓަރު އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހަތަރު ފަހަރެެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އެހެންވެ، އެކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލް ވެސް ކޮށްފައެވެ.

ކޮވިޑުގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އަމީނާ އެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ގައެވެ.

ވެންޓިލޭޓަރު މެޝިނެއް

އެކަމަކު، ކުށުގެ "އުންސުރުތައް" ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރާން ނިންމީއެވެ. އޭގެ ފަހުން ވެސް އޭސީސީން ހަތަރު ފަހަރަށް އެ މައްސަލަ ރިވިއު ކޮށްފައި ފޮނުވިއެވެ. އެއްގޮތަކަށް ވެސް އެ މައްސަލައިގެ އުންސުރުތައް ހަމަނުވެގެން އެ މައްސަލަ އޮތީ "ވާނުވާ"ގައެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކަށް، އެއްވެސް ގެރެންޓީއަކައިނުލައި ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ. އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިދިޔަ އަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެއީ، މި ސަރުކާރަށް ފަރިކޮށްފައި ދައްކަން ލިބުނު ކޮވިޑުން އަރައިގަތް ގޮތުގެ ރިޕޯޓަށް ހުތުރު އެރުވި ލައްގަނޑެވެ. ކޮވިޑުން ރެކިވަޑައިގެންނެވުނު ނަމަވެސް ރައީސް ޞާލިޙަށް "ނޭވާހޮޅިން ވައްކަން ކުރުމުގެ" ޓެގަކުން ނުރެކެވުނެވެ.

ދެ ރައީސުންގެ ވާދަވެރިކަން

އެމްޑީޕީ ވުޖޫދުވެ، ފުރަތަމަ 15،16 އަހަރު ނަޝީދާ ނުރުހުންވި އެންމެނަށް ޖެހުނީ އެއް ހާލެކެވެ. އެއީ، 'ސުލޫކުން' ބޭރުވެ، ޕާޓީން ބޭރު އަރުވައިލުމެވެ. އެ ޕާޓީގެ މެދުނުކެނޑި ރަސްކަން ކުރައްވަމުން ގެންދެވީ އޭރު އެ ޕާޓީގެ އާންމު މެންބަރުންގެ ލޯބިވާ "އަންނި"އެވެ.

އެކަމަކު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިޙަށް ވެދުމަށް އަރުވަން ޖެހުނު ހިސާބަކީ ނަޝީދު އެމްޑީޕީގެ ކުރަމުން އައި ރަސްކަމުގެ ނިމުމުގެ ފެށުމެވެ.

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ޔާމީންގެ "އަނިޔާވެރިކަމުން ސަލާމަތްވާން" ގައުމު ދޫކުރައްވައި ޖަލަށް ފިއްލަވައިގެން ނަޝީދު އުޅުއްވީ އިނގިރޭސިވިލާތުގައެވެ. "ވީ ހާލެއްގައި ވާން" އެނބުރި ރާއްޖެ ވަޑައިގަތީ ޔާމީންގެ ވެރިކަން ނިމި، ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުންނެވެ. ރޭގަނޑުގެ އަނދިރިކަން ނިމި ފަތިސް ވީ ފަހުންނެވެ.

އެ ދުވަހު، އެ މަނިކުފާނުގެ އިސްތިގުބާލުގައި އޮތް މުޅި ގައުމާ މުޚާތަބު ކުރައްވާ ނަޝީދު ވިދާޅުވީ، "އިބޫގެ ވެރިކަން ދިފާއު ކުރަން" ތާއަބަދު ދެމިހުންނަވައިނެ ކަމަށެވެ. އެކަމަކު، ކަންވީ މުޅީން އިދިކީއްޔަށެވެ. ރައީސް ޞާލިޙާ ދެކޮޅަށް އެންމެ ބޮޑު ބިޔަ މަސައްކަތެއް ކުރެއްވި ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭބޭފުޅުންނެވެ. ވެރިކަމަށް ދެ އަހަރެއްހާ ދުވަސް ވެލީއިރު، ދެ ރައީސުންގެ ގުޅުން ދިޔައީ ގޯސްވަމުންނެވެ.

ފުރަތަމަ ދެ ބޭފުޅުން ފާޅުގައި ދެކޮޅަށް ނުކުންނެވީ އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބޭއްވި އެތެރޭ އިންތިޚާބުގައެވެ. ނަޝީދު، އެ މަނިކުފާނުގެ އަރިސް އިމްތިޔާޒު ފަހުމީ ގޮވައިގެން ކެމްޕޭން ކުރެއްވީއިރު، ރައީސް ޞާލިޙް ތާއީދު ކުރެއްވީ އެ މަނިކުފާނުގެ އެންމެ އަރިސް އެއް ވަޒީރު ކަމުގައިވާ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެ ފަހަރު ފަސޭހަކަމާ އެކު ފައްޔާޒު ކާމިޔާބު ކުރެއްވުންވީ ނަޝީދަށް އެމްޑީޕީގައި ކުރިމަތިވެވަޑައިގެން ފުރަތަމަ ނާކާމިޔާބަށެވެ.

އެއަށް ފަހު، ދެން އެ ޕާޓީގެ ބޭއްވި "އެކްސްޓްރާ-އޯޑިނަރީ" ކޮންގުރެހުގައި ނަޝީދު ގެންދެވީ އެކިއެކި ގޮތްގޮތުން ނުރުހުންވެ، ބަރުލަމާނީ ނިޒާމެއް ނުގެނެސްފި ނަމަ، ރައީސަށް ކުރިމަތިކުރުވާނެ ކަންކަމަށް އިންޒާރު ކުރަމުންނެވެ. އެކަމަކު، ޕާޓީ ތެރޭގައި ތާއީދު އޮތީ ކޮން ބޭފުޅަކަށްކަން ވަރަށް ސާފުކޮށް ރައީސް އެ ދުވަހު ނަޝީދަށް ދައްކައިލިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

އެ ފަހަރު ހަނގުރާމަ ނުފެށެނީސް ނަޝީދު ފަހަތަށް ޖެހިވަޑައިގަތް، އެމްޑީޕީގެ ކޮންގްރެހަށް ހުށަހެޅި ބަރުލަމާނީ ގަރާރު އަނބުރާ ނަންގަވާފައި ރައީސް ޞާލިޙާއި ދެ ބޭފުޅުން ބައްދަވައިލެއްވީއެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް އެއީ ދެ ބޭފުޅުންގެ އެންމެ ފަހު ބައްދަވައިލެއްވުމެވެ.

ހޫނުވެ، ރޯވަމުން، ބޮޑުވަމުން ދިޔަ އެމްޑީޕީގެ އެތެރޭ ވާދަ ފަޅައިގެން ދިޔައީ، މި އަހަރުގެ ޖެނުއަރީގައި ބޭއްވި ޕްރައިމަރީއަށް ފަހުއެވެ. ދެ ބޭފުޅުން ސީދާސީދަލަށް ވާދަކުރެއްވިއެވެ. އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވައި، ފޯރިގަދަ ކެމްޕޭނެއް ކުރެއްވިއެވެ. ބޮޑު ތަފާތަކުން އެ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރެއްވުމާ އެކު ނަޝީދު މުޅީން ހިމޭންވިއެވެ. ނުކުމެވަޑައިގެންފައި ދެން ވިދާޅުވީ، ނަތީޖާ ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި ރައީސް ޞާލިޙްގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށެވެ.

ބަލި ގަބޫލުނުކުރައްވައި ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ގެންދެވީ ރައީސް ޞާލިޙަށް ޖެއްސުން ކުރައްވަމުންނެވެ. އެކަމަކު، ރައީސް ޞާލިޙް "ކަހާތަން ހިރުވައި ވެސް ނުލުމުން" ދެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.

އެއީ، 18 އަހަރަށް ވުރެ ގިނަ ދުވަހު ރަންރީނދޫ އޮޑީގައި ނަޝީދު ކުރެއްވި ދަތުރުގެ ނިމުމެވެ.

އެ މަނިކުފާނު މިހާރު އުފައްދަވައިގެން އުޅުއްވާ ދަ ޑިމޮކްރެޓްސްގެ އޮތީ ސިޔާސީ ގޮތުން އެންމެ އަމާޒެކެވެ. އެއީ، އެމްޑީޕީ ރޫޅައިލުމެވެ. އެ ޕާޓީ ބަލިކޮށްލައި، އެ ޕާޓީގެ ސަޕޯޓު އަތުލައިގަތުމެވެ.

ނަޝީދަށް ބޮމުގެ ހަމަލާއެއް

އެމްޑީޕީގެ ރައީސް ކަމުގައި ނަޝީދު ހުންނަވަނިކޮށް، 2021 ވަނަ އަހަރުގެ ރޯދަ މަހު، ނީލޯފަރު ހިނގުމުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން، އެ މަނިކުފާނަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގައި ނަޝީދު އަވަހާރަނުވީ ކިރިޔާއެވެ. އެއީ، ތަހުގީގަށް ފެނުން ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ކުރި ކަމަކެވެ.

އެ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު، ނަޝީދު ހިންގަވާފައި ވަޑައިގަތީ އާއިލީ ގެކޮޅު ގ. ކެނެރީގައި ކައިރީގައި އޮތް އެ މަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވާށެވެ. ދިޔަ މަގުމަތީ އެ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން ބޮމެއް ގޮއްވައިލީ އެ ވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި މީހެކެވެ. އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅުގެ އެތައް ތަނަކަށް ރޭޒަރު ފުށްތައް އެރިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބުނު ޒަހަމްތައް ފެންނަ ފޮޓޯއެއް--

ވަގުތުން އެ މަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެއަށް ފަހުގައި ޖަރުމަނު ވިލާތުން ވެސް ފަރުވާ ހޯއްދެވިއެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ވެސް ހިންގުނެވެ.

އެކަމަކު، އޭރު އުފެދިފައި އޮތް ދެބަސްވުމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރެއްވީ، އެ ހަމަލާއާ ސަރުކާރާ ގުޅުމެއް ވާ ކަމަށެވެ. އެއިން އެއްވެސް ތުހުމަތެއް ސާބިތުނުވިޔަސް އެއީ މި ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ބޮމުގެ ހަމަލާއަށް ފަންޑު ކުރި މީހުން ނުހޯދުމަކީ މި ސަރުކާރުގައި ނަޝީދު އެޅުވި ހުތުރު ލަގަބެކެވެ. އެ ލަގަބުން ވެސް މި ސަރުކާރަކަށް ނުރެކެވުނެވެ.

އިންޑިއާ އައުޓް ވަރުގަދަވުމާއި މައިތިރި ކުރުން

އަމިއްލަފުޅު އެކައުންޓަށް ފައިސާތަކެއް ޖަމާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރި ދައުވާ ސާބިތުވެ، ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ. އެކަމަކު، އެ މަނިކުފާނުގެ މައްޗަށް ދަށު ކޯޓުން ކުރި ފުރަތަމަ ހުކުމުން، ސުޕްރީމް ކޯޓާ ހިސާބުން ޔާމީން ސަލާމަތްވެވަޑައިގަތެވެ.

މިނިވަންވެ، ނުކުމެވަޑައިގެން އިރު ޔާމީން ހުންނެވީ އިންޑިއާ ދެކެ އިންތިހާއަށް ކޯފާ އިސްކުރައްވައިގެންނެވެ. އެ މަނިކުފާނު ޖަލަށްލީ ސީދާ "އިންޑިއާއިން" ރާވައިގެން ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޕޯޓަރުންނާ އެކު އިންޑިއާ އައުޓް ޓީޝާޓު ތުރުކުރައްވައިގެން -- ފޮޓޯ/ ޕީޕީއެމް

ރާއްޖޭގެ ރަށްރަށުގައި އެކިއެކި ނަންނަމުގައި އިންޑިއާ ސިފައިން ތިބިކަން ތިލަކޮށް، އެ މީހުން ބޭރުކުރުމުގެ ކެމްޕޭން ހިލިގަތީ އެހާ ހިސާބުންނެވެ. އޭގެ ކުރިން ވެސް އެކިއެކި މީސް މީހުން އެ ވާހަކަތައް އެކިއެކި މޭރުމުގައި ދެއްކި ނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭން ވަރުގަދަ ކުރެއްވީ ޔާމީނެވެ. ބޮޑު އަކުރުން "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓު ތުރު ކުރައްވައިގެން ޔާމީން ނުކުމެ ހަރުއަޑުން އިންޑިއާ ސިފައިން ބާލަން ގޮވަން ފެށިއެވެ.

މުޅި ރާއްޖޭގައި އެއް އަޑަކުން އެ އަޑު ގުގުމާލައި، ސަރުކާރާ ދެކޮޅަށް ވަރުގަދަ ރޫހެއް އުފަންކުރިއެވެ. އެއީ، މި ސަރުކާރުގެ ނިމުމުގެ ފެށުމެވެ.

ކޮންމެއަކަސް "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ސަރުކާރުން ރޭވުންތައް ރާވަން ފެށިއެވެ. ރައީސް ޞާލިޙް ނިންމެވީ ރިޔާސީ ގަރާރަކުން އެ ކެމްޕޭން މަނާ ކުރާށެވެ. އެއީ، ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި އެ ޝިއާރުގެ ދަށުން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭ ގޮތަށް ކޮޅު ބައްދައިލާށެވެ.

އާންމުކޮށް ގޮތްދޫނުކުރައްވާ ޔާމީން އެ ފަހަރު ގޮތްދޫ ކުރެއްވިއެވެ. ގާނޫނާ ހިލާފު ކަންކަން ނުކުރައްވާނެ ކަމަށް ވިދާޅުވެ، "އިންޑިއާ އައުޓް"ގެ ސީދާ ނަމުގައެއް ދެނެއް ސިޔާސީ ހަރަކާތެއް ނުހިންގައެވެ. ސަރުކާރުން ބޭނުންވި ގޮތަށް އެ ވާހަކަ ދެއްކުން މަޑުވިއެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީން ދިޔައީ ވަރަށް އިންތިޒާމުވެގެން އެ ނަފުރަތުގެ ހުޅުކޮޅު ރޯކުރަމުންނެވެ. އެއީ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ކޯލިޝަނުން ޖެހި "ކާލާމަންނަ"އެވެ.

ޕީޕީއެމް އޮފީސް އިމާރާތުގެ ބޭރުގައި އެލުވާފައިވާ 'އިންޑިއާ އައުޓް' ބެނާއެއް -- ފޮޓޯ/ ސަން

ރައީސް ޞާލިޙަށް ވިސްނިވަޑައިގަތީ މާ ފަހުންނެވެ. ގަރާރަކުން މަނާ ކުރައްވައިގެން އެ ކަން ހިނދައިނުލެވުނުކަން އެނގިވަޑައިގަތީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވީ ހިސާބުންނެވެ. ދެން، އެކިއެކި ނަންނަމުގައި ސިޓީބިޓީ "ލީކު" ވެސް ވިއެވެ. އޮޅިވަޑައިގެން އެ ހާމަ ކުރެއްވީން ކަމަށް ވެސް ބައެއް ޕޯޑިއަމްތަކުގައި ރައީސަށް ވިދާޅުވެވުނެވެ.

ހަގީގަތުގައި އިންޑިއާ އައުޓް މައިތިރިއެއް ނުކުރެވުނެވެ. އިންޑިއާ އައުޓަކީ މި ސަރުކާރު އައުޓު ކުރަން ޔާމީން ޖެއްސެވި މަޅިއެކެވެ. އެކަން ކޮށްފިއެވެ.

ކަނޑު ވިއްކައިލުން ނުވިކުނު

ޞާލިޙް ސަރުކާރު ބަލިކޮށްލަން އިދިކޮޅުން ވަރަށް ފޯރީގައި "ގަނޑު ވިއްކާލި" ކަމުގެ ޓެގު އެޅުވޭތޯ މަސައްކަތް ކުރިއެވެ. އޭރު ސަރުކާރުގައި ތިބި ޕާޓީތައް ނޫން އެހެން އެންމެން އެކައްޗެއް ކިޔައި ނޫސްވެރިންގެ ބައްދަލުވުންތަކާއި ސިޔާސީ ޖަލްސާތަކުގައި ލައްކަ އެއްޗެތި ވެސް ގޮވިއެވެ.

https://sun.mv/176917

އެކަމަކު، އާންމުން އެ މައްސަލައިގެ ތެރެއަށް ފީނި ވަރުންނާއި އެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތުގެ ހާމަކަން ބޮޑު ކަމުން "ކަނޑު ވިއްކާލި" ވާހަކައެއް ނުވިކުނެވެ.

"ކަނޑު ވިއްކައިލުމާ ދެކޮޅު އިއްތިހާދު"ގެ ނަމުގައި އިއްތިހާދެއް ވެސް އިދިކޮޅުން އުފަން ކުރިއެވެ. އެކަމަކު، އެ މީހުންނަށް ވެސް ކަނޑު ވިއްކައިލި ގޮތާ މެދު އެއްބަހެއް ނުވެވުނެވެ. އެއީ، އެ ސިޔާސީ ސަކަރާތް ކާމިޔާބުނުވި އެންމެ ބޮޑު އެއް ސަބަބެވެ.

ބުރިޖު ނޭޅި ލަދަކަށް

ޔާމީންގެ އެންމެ ފޮނި އެއް ކާމިޔާބީއަކީ ހުޅުލެ - ހުޅުމާލެއާއި މާލެ ގުޅުވައިދޭ ފާލަމެވެ. އެއީ، 2018 ވަނަ އަހަރު ޔާމީން ދެއްކެވި އެންމެ ބޮޑު އެއް ފޮންޏެވެ. މި ސަރުކާރުން ވެސް ވެރިކަމަށް އަންނަން އެކަހަލަ ފޮންޏެއް ކެނޑިއެވެ. އެއީ، މާލެއައި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުއްޓާ ގުޅުވައިދޭ ބިޔަ ފާލަމެއްގެ ވާހަކައެވެ.

މި ސަރުކާރުން ބޮޑެތި ހުރިހާ މަޝްރޫއުތަކެއް އިންޑިއާއަށް ދިން އުސޫލުން ތިލަމާލެ ބުރިޖުގެ މަޝްރޫއު ވެސް ދިނީ އިންޑިއާގެ އެފްކޮންސްއަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އެކަމަކު، ސަރުކާރު ބަދަލުވެ، އާ ރައީސް ހުވާ ކުރައްވަން ދެތިން ދުވަހަށް ވީއިރު ވެސް ބުރިޖެއް ދިވެހީންނަކަށް ނުފެނެއެވެ. އެއް ފަހަރަކު އެ ބުރިޖު ހަދަން އުޅުނު އޮޑިއެއް އަރައި ވިލިނގިލި ފަރު ވެސް ހަލާކު އަރުވައިލިއެވެ. އަނެއް ފަހަރު ދެކުނީ އެތާގެ ތަނބުތައް ޖަހަން ގެންގުޅުނު ކެރޭނެ ވަކަ ދަނޑިއެއްހެން މެދުން ބިނދިގެން ވެއްޓޭ ތަނެވެ. ދެން ފެނުނީ ދޮލަނގުދޮލަނގުގައި ސިމެންތި އުފުލާ މަންޒަރެވެ. ނުފެނުނީ ބުރިޖެވެ. އެ ނޫން ހުރިހާ ކަމެއްހެން ފެނުނެވެ.

ބުރިޖު ނޭޅި، އެ ކުރިމަތިވީ ކަންކަމަކީ މި ސަރުކާރުގައި ޖެހުނު ލައްގަނޑެކެވެ. އެއީ، އަނެއްކާ ވެސް ރައީސް ޞާލިޙަށް ރެކިވަޑައިނުގަނެވުނު ލަދެކެވެ.

ފޮނި ކާމިޔާބުތައް:

ކުދި ރަށްރަށަށް އަޅައިލުން

ފާއިތުވި ހުރިހާ ސަރުކާރަކުން އިހުމާލުވީ ކުދި ރަށްތަކަށް ވަޑައިގެން އެ ރަށްތަކަށް އަޅައިލީ މި ސަރުކާރުގައެވެ. އެއީ، ރައީސް ޞާލިޙްގެ ކާމިޔާބީގެ ލިސްޓަށް އިތުރުވާނެ އަދަދެކެވެ. އެއަކަށް މީހަކު ޝައްކެއް ސުވާލެއް ނުކުރެއެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އެންމެ ބާރަށް ދެއްކެވީ ވެސް އެ ވާހަކަފުޅެވެ. އެ މަނިކުފާނު ކުދި ރަށްރަށަށް ކޮށްދެއްވި ކަންކަމެވެ. މުޅި މި ސަރުކާރުގެ ކާމިޔާބީގެ ލިސްޓުގައި އެކަން ގުނަން ވެސް ޖެހޭނެއެވެ. މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރެއްވީ ކުދި ރަށްރަށުގައި އަސާސީ ޚިދުމަތް ގާއިމުކޮށް ނިންމުމެވެ. އެއީ، ރައީސް ޞާލިޙްގެ ލެގަސީއެވެ.

މިނިމަމް ވޭޖު

އެކަށިގެންވާ އުޖޫރައެއް ނުލިބި ހަންވެފައި ތިބި ގިނަ ބަޔަކަށް ތަސައްލީއެއް ގެނެސްދިނީ ޞާލިޙް ސަރުކާރުގެ "މިނިމަމް ވޭޖު"ންނެވެ. އެއީ، މި ފަސް އަހަރުގެ ފޮންޏެކެވެ.

މަސައްކަތްތެރިންނާއި ކުންފުނިތައް ގިންތިކޮށް، ކޮންމެ ބަޔަކަށް ވެސް ލިބެންވާނެ އެންމެ ކުޑަ އުޖޫރައެއް ލިޔެ، އަމަލު ކުރާން ފެށީ މި ސަރުކާރުގައެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ އެކު ގިނަ ބަޔަކަށް ލިބެމުން އައި ކުޑަކުޑަ މުސާރަތައް ބޮޑުކޮށް، "ހައްގު މިންވަރު" ދޭން މަޖުބޫރުވާން ފެށިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ސަޕޯޓަރުންނާ އެކު -- ފޮޓޯ/ އެމްޑީޕީ

މަސައްކަތްތެރިންގެ މުސާރަތައް ބޮޑުކުރަން އަމިއްލަ ކުންފުނިތަކަށް ވެސް މަޖުބޫރުވިއެވެ.

ޓީޗަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ކުރުމަކީ އެ ބަދަލާ އެކު ސަރުކާރުން ގެންނެވި ހެޔޮ ބަދަލެކެވެ. ކުރިން މާ ކުޑަކުޑަ މުސާރައަކަށް ރެޔާއި ދުވާލު މަސައްކަތް ކުރަމުން އައި ނަރުހުންނާއި މުދައްރިސުންނަށް "ހައްގު މިންވަރު"ގެ ފޮނިކަން ދައްކައިދިނީ ނިމިގެން މިދާ ސަރުކާރުންނެވެ.

އިންޓަނެޓު އަގުހެޔޮ

އިންޓަނެޓްގެ އަގު ބޮޑު ވާހަކައާއި މަހުގެ މެދަށް ނުދަނީސް ޑޭޓާ ހުސްވުމުގެ ޝަކުވާ ނިމުމަކަށް ގެނުވީ މި ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން އިންޓަނެޓްގެ އަގު ހެޔޮކޮށްގެންނެވެ.

ދެހާސް އެކާވީހުގައި ގެނައި މި ބޮޑު ބަދަލުން އިންޓަނެޓް ޕެކޭޖްތަކުގައި ހިމެނޭ ޑޭޓާ ހުސްވުމުން ތްރޮޓަލް ވުމަށް ވެސް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވިއެވެ. އަދި، ޑިޖިޓަލް ރާއްޖެއަށް ބަދަލުވުމުގެ ފެށުން ކަމަށް ފާހަގަ ކުރެއްވެވިއެވެ.

މި ކާމިޔާބީގެ ތެރެއަށް އިހަށް ދުވަހު ތައާރަފު ކުރި ސްޓާލިންކު ވެސް ހިމަނާން ވާނެއެވެ. އެއީ، އިންޓިނެޓުގެ ސްޕީޑު ހަލުވިކޮށް، ރާއްޖެ ޑިޖިޓައިލް ކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ފޮނިމީރު ކަމެވެ.

ހިލޭ ޑިގުރީ

ވެރިކަމަށް ވަޑައިގަންނަވަން ރައީސް ޞާލިޙް ވެވަޑައިގެން އެންމެ ބޮޑު އެއް ވައުދުފުޅަކީ ޑިގުރީ ފެންވަރަށް ހިލޭ ކިޔެވޭނެ މަގު ފަހި ކޮށްދިނުމެވެ. އެކަން އެ މަނިކުފާނުގެ ފަސް އަހަރު ކޮށްދެއްވިއެވެ. އަދި، ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެ މަނިކުފާނުގެ ސަޕޯޓަރުން އެންމެ ފޯރީގައި އެ މަނިކުފާނަށް ސަނާ ކީ ވެސް އެ ސަބަބަށްޓަކައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށަށް ވަޑައިގެން ރައީސް ގެންދެވީ އެ ރަށްރަށުން ކިތައްކިތައް ކުދިން ހިލޭ ޑިގުރީއަށް ކިޔަވަމުން ދިޔަކަން އިއުލާނު ކުރައްވަމުންނެވެ.

ސަރުކާރުގެ ހިލޭ ޑިގުރީ ސްކީމުގެ ދަށުން ކިޔެވި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކުން ހަމަ ގައިމު ވެސް، ޞާލިޙް ސަރުކާރުގެ އެ ކާމިޔާބީގެ ފޮނިކަން ދެކިއްޖެއެވެ. އެއީ، މި ސަރުކާރުގެ އެންމެ ފުރިހަމަ އެއް ކާމިޔާބީއެވެ. އެއީ، ރައީސް ޞާލިޙްގެ ލެގަސީއެވެ.

މާލޭ މީހުންނަށް ގޯތި

އެތައް އަހަރެއް ވަންދެން މާލޭން ގޯތި ދޫނުކޮށް އޮވެފައި، ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ މާލޭ މީހުންނަށް ގޯތި ދޫކޮށްފައެވެ.

ގޯތި ލިބުނު މީހުންނަށް ގޯތި ބެހުމުގެ ކަންކަން މިހާރު ވެސް ނިމެން މިދާ ސަރުކާރުން އަންނަނީ ކުރަމުންނެވެ. ބައެއް މީހުންނަށް ބަންޑާރަގޯތި ބެހުމަކީ އެންމެ ރަނގަޅު ސިޔާސަތު ކަމަށް ނުފެނުނު ނަމަވެސް، މާލޭން ބިން ލިބުނު މީހުން ތިބީ އުފަލުންނެވެ. އެ މީހުންނަށް އެއީ ވަރަށް ބޮޑު ހެވެކެވެ. ލުޔެކެވެ.

ހުޅުމާލެއިން ގޯތި ކަނޑައި ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން --

މާލޭ މީހުން ޒަމާނުއްސުރެ ތަހަންމަލު ކުރަމުން އައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ތަސައްލީއެއް ގެންނަން ޞާލިޙް ސަރުކާރުން ދޫކުރި ގޯއްޗަކީ ސާޅީސް އެތައް އަހަރެއް ފަހުން މާލޭ މީހުންނަށް ލިބުނު ހަދިޔާއެކެވެ. އެއީ، ޞާލިޙް ސަރުކާރުގެ ލެގަސީއެކެވެ. ހަމަ ގައިމު ވެސް މާލޭ މީހުން ތިބީ އުފަލުންނެވެ.

ސިޔާސީ ހަމަޖެހުން

އާ ގާނޫނު އަސާސީގެ ދަށުން ކޮންމެ ސަރުކާރެއް ވެސް އުފެދެނީ ކޯލިޝަނަކުންނެވެ. އެ ކޯލިޝަން ވެގެންދަނީ ގިނަ ފަހަރަށް، އެ ވެރިކަންތައް ވެއްޓުމުގެ ފެށުމަށް ވެސް މެއެވެ. ފާޓުފުޅާ ކޯލިޝަންތަކުގެ ވެރިކަންތައް މާ އަމާނެއް ނޫނެވެ. ދައުރު މެދުން އޮންނަނީ ސިޔާސީ ހައިޖާނާއި ގަޑުބަޑެވެ.

އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ވެރިކަން، އެމްޑީޕީގެ ފުރަތަމަ ވެރިކަން "މަގުމަތީން ވެއްޓުނީ" ވެސް އެހެންވެއެވެ. ވެރިކަމަށް އަންނަން އުފެއްދި ކޯލިޝަން ރޫޅި، ދެން އުފެދުނު ސިޔާސީ ގަޑުބަޑުގެ ތެރެއިންނެވެ.

އެ ތަޖުރިބާއިން އިބުރަތް ހޯދާ، ވެރިކަން ދެމެހެއްޓުމަށް ކޯލިޝަންގެ ހަގީގަތް ގަބޫލުކުރެއްވީ ރައީސް ޞާލިޙެވެ. އެ މަނިކުފާނުގެ ވެރިކަން ނިމޭއިރު، އަދިވެސް މަގާމުތަކުގައި ކޯލިޝަންގެ މެންބަރުން އެބަތިއްބެވެ. ނަމެއްގައި ނަމަވެސް ކޯލިޝަން އެބައޮތެވެ. ސިޔާސީ ގަޑުބަޑާއި ހައިޖާނެއް ނެތި، ރައީސް ޞާލިޙް މި ނިންމަވައިލައްވާ ފަސް އަހަރުގެ ސިއްރަކީ އެއީއެވެ.

ސިޔާސީ ހަމަޖެހުމާއި އަމާންކަމަކީ ރައީސް ޞާލިޙްގެ ލެގަސީއެވެ. ނިމުނު ރިޔާސީ ރޭހުގައި "އުފާވެރި އަމާން ރާއްޖެ" ވިއްކެވީ އެހެންވެއެވެ. "އުފާވެރި އަމާން ރާއްޖެ" އަކީ ނިމޭން މިދާ ސަރުކާރުގެ ކާމިޔާބެކެވެ. އެއަކަށް ދެބަސްވުމެއް ނެތެވެ.

ވެރިކަން ބީވުން

ނިމުނު ރިޔާސީ ރޭހަށް ރައީސް ޞާލިޙް ކުރިމަތިލެއްވީ ކޯލިޝަންގެ ހަގީގަތް ގަބޫލުކުރައްވައި ހުންނަވައިގެންނެވެ. މުޅި އިންތިޚާބުގައި ވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވީ ކޯލިޝަންގެ ހަގީގަތް ގަބޫލު ކުރައްވައިގެންނެވެ.

އެކަމަކު، ސަރުކާރު މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ނިންމީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިޚާބަށް ނެރޭށެވެ. ފުރަތަމަ ބުރުގައި ޖޭޕީން ވަކިން ވާދަކުރުމަކީ ރައީސަށް ކުރިމަތިވީ ގޮންޖެހުމެކެވެ. ދެވަނަ ބުރަށް ލިބުނު ވަގުތުގައި އެތައް ދުވަހެއް ގާސިމް އަރިހު ވިލާ ޕާކުގައި ހޭދަ ކުރެއްވީ އެހެންވެއެވެ. އެކަމަކު، ފަސް އަހަރު ސަރުކާރުގެ ފޮނި މީރުކަން ހޯދި ޖޭޕީން ދެވަނަ ބުރުގައި ވެސް ރައީސް ޞާލިޙްގެ ފަހަތްޕުޅަކަށް ނޭރިއެވެ.

ސިޔާސީ ހަމަޖެހުމާއި ޕާޓީގެ އެތެރޭ ދެބަސްވުންތައް ހިންދާން ރައީސް ކުރައްވަން ޖެހުނު ހިމޭން މަސައްކަތްތަކާ ހެދި ހަގީގީ ކެމްޕޭނެއް ކުރައްވަން އެ މަނިކުފާނަށް މާ ބޮޑު ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ. އެކިއެކި ގޮތްގޮތުން ނުފޫޒާއި ފައިސާ ބޭނުން ކުރައްވައިގެން ވަރަށް ތަފާތު ކެމްޕޭނެއް ކުރެއްވި ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރު ނިމުމުގެ ބޮޑު ހިއްސާއެއް އޮތީ ކޯލިޝަން ޕާޓްނަރުންނަށެވެ. އަދި، ފަހު ވަގުތާ ޖެހެންދެން އިދިކޮޅުން އެއްވާނެއްގައި ހިފަހައްޓައިލި "އިންޑިއާ އައުޓް"އަށެވެ.

ސެޕްޓެމްބަރު 3، 2023: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ވެރިކަމުގެ އިރާކޮޅު ކުރިމަތިވީ ކޯވިޑާއި އޭގެން އަރައިގަނެ ހޯދި ފޮނި ކާމިޔާބަށް ހިޔަނި އެޅުވި ވެންޓިލޭޓަރު ހިޔާނާތާއި ޕާޓީގެ އެތެރޭ ކުރައްވަން ޖެހިވަޑައިގެން ހަނގުރާމައާއި އިދިކޮޅުން އުފަންކުރި އިންޑިއާ އައުޓުގެ ވަރުގަދަކަން އެއީ ޞާލިޙް ސަރުކާރަށް ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަކު، ނިމޭން މިދާ ސަރުކާރުގެ ފޮނި ކާމިޔާބުތަކުގެ ލިސްޓެއް ވެސް ކުޑައެއް ނޫނެވެ.

"ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން. މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން. ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު،" އެ މަނިކުފާނުގެ ވަދާއީ ޚިތާބުގައި ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް މިނެކިރާފައި ރައްޔިތުން ރައީސް ޞާލިޙަށް ދެއްވީ 46 އިންސައްތަ މާކުހެވެ. ތާރީޚު އިޔާދަވެ، ދިވެހީން ބޭނުންވީ އަނެއްކާ ވެސް ބަދަލެކެވެ. ބަދަލުނުވެ އޮތީ އެ ސަރުކާރުގެ ކާމިޔާބީގެ ފޮނި މީރު ކަމާއި ޖެހުނު ހުތުރު ލައްތަކެވެ.

އެކަމަކު، އަހަރުތަކެއް ފަހުން ފަސް އެނބުރި ބަލާނަމަ އެންމެ ބޮޑުކޮށް ފެންނާނީ ދަތި އުނދަގުލުގެ ތެރެއިން ގެނުވި ހަމަޖެހުމެވެ. ގޯސްތަކެއް ހެއްދެވިޔަސް، އިހު އޮތް ސިޔާސީ ގަޑުބަޑުގެ ތެރެއަކަށް ނުދެއެވެ.

comment ކޮމެންޓް