އޮއްޓަރެއް ނެތް، ޖަޒުބާތު: ދިވެހީން ވީ މޮޅު!

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އަޙްމަދު ޝުރާއު/އަސްލު

ރާއްޖޭގެ ދެކުނުން ބައެއް ވިއްކާލީ ކަމަށް، ގެއްލުނީ ކަމަށް ތުހުމަތު ކުރައްވަނީ އެންމެ ރަނގަޅަށް އެ މައްސަލަ އެނގިވަޑައިގަންނަވާނެ ބޭފުޅުންނެވެ. މިނިވަންވެ، މިވީ 58 އަހަރު ދެކުނުން އިން ވަކިނުކުރެވޭކަން ވެސް އެންމެ ސާފުކޮށް އެނގިވަޑައިގަންނަވާނީ ހަމަ އެ ބޭފުޅުންނަށެވެ.

އިއްޔެ ހަވީރު، މާފަންނު ކޮޅުގައި ހުރި ދިމްޔާތަށް ނޫސްވެރިން އެއްކޮށްގެން ކުރީގެ ބަންޑާރަނައިބުންނާއި ފުންނާބު އުސް ގާނޫނީ ވަކީލުން ހިމެނޭހެން، އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮތްޕާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް ވެސް ހިއްސާވާހެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފުށުއަރާ ސަރަހައްދު ދިވެހިންނަށް ލިބެންވީ ސަބަބެއް ކަމަށް ދެއްކެވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް މި ސަރުކާރުން ވެސް ފުރަތަމަ ގެންގުޅުނު ދިފާއެވެ.

މިދިޔަ ހުކުރު ދުވަހު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ އެކު އެ ބޭފުޅުން އަންނަނީ އިންތިހާއަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު އަންނަނީ ހަމަ އެ ވަރަށް ސަރުކާރަށް ތައުރީފު ކުރައްވަމުންނެވެ.

އިޓްލޮސްއިން ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނެއް ކަމަށް ބަލައިގަނެ، ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކޮށްފައެވެ.

ޗާގޯސްއަކީ ދިވެހިންގެ ތަނެއް ނޫން

ސިޔާސީ ބޮޑު ހަރަކާތެއްގެ ފެށުންހެން ހީވި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުތަކުގެ ޚަބީރެއް ކަމަށްވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވަނީ ޗާގޯސްގެ މިލްކުވެރިކަމަށް މީގެ ކުރިން ދުވަހަކު ވެސް ދައުވާ ނުކުރީ އެއީ ދިވެހިންގެ ތަނެއް ނޫންވީމާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

"އެއީ [ޗާގޯސް]އަކީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް." އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ،"

ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަނައިބުންނާއި ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޑރ. މުހައްމަދު މުނައްވަރު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކަނޑުގެ ގާނޫނުގެ ދަށުން ދިވެހި ދައުލަތް "މާނަކުރެއްވީ" އޭނާ ކަމަށް ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވި ގޮތުގައި އެ ގާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުނީ ރާއްޖޭގެ ވަށައިގެން އާކިޕެލަޖިކް ބޭސްލައިންގެ ގޮތުގައި 12 މޭލު، ގުޅިފައިވާ ކަނޑުގެ ސަރަހައްދު (ކޮންޓިޖަސް ޒޯން)ގެ ގޮތުގައި 24 މޭލާ ހަމައަށް، އަދި އޭގެ ބޭރުން 200 މޭލަކީ ރާއްޖޭގެ ޙާއްސަ އިގުތިސޯދީ ސަރަހައްދު (އީއީޒެޑް)ގެ ކަމަށެވެ.

ސަރުކާރުން ބުނަމުން އައީ އެ ވާހަކައެެވެ. ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ބުނެވޭނެ އެއްވެސް ދަލީލެއް ނެތެވެ. ހެއްކެއް ނެތެވެ. އެ ހިސާބުން ވެސް ފުށުއަރާ ސަރަހައްދެއް އެބައާދެއެވެ.

މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވި ލީޑް ކައުންސެލް ޕްރޮފެސާ ޕަޔަމް އަހަވަން ވިދާޅުވީ އެ ވާހަކައެވެ. އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ނެތި، ފުށުއަރާ ސަރަހައްދެއް އޮތުމުން ދެން ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުގައި އޮންނަނީ އެތަން ބެހުމެވެ. އެއްވެސް ގައުމަކަށް އެ ސަރަހައްދު އެއްކޮށެއް ނުލިބޭނެއެވެ.

"100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުގައި ވާގޮތުން ދެ ގައުމުގެ ދެމެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދު ޖެހޭނީ އިކުއިޑިސްޓޭންޓް އުސޫލުން ބަހަން. ބޮޑު ބައި، 47،000 އަކަ ކިލޯމީޓަރު ލިބުނީ ރާއްޖެއަށް. މޮރިޝަސްއަށް ލިބުނީ 45،000 އަކަ ކިލޯމީޓަރު. ކޮންމެ ގޮތަކުން ބެލިޔަސް އެއީ ވަރަށް ރަނގަޅު ނަތީޖާއެއް،" ބައިނަލްއަޤްވާމީ ކަނޑުގެ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕަޔަމް ވިދާޅުވިއެވެ.

ވާހަކަ ދެކޮޅެއް ނުޖެހޭ

މި މައްސަލައިގައި ވަރަށް ބޮޑަށް ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އިން ވަކިކޮށް، ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން ޖެހުނީ ޗާގޯސްގެ މިލްކުވެރިކަން ދޫކޮށްލުމުންނެވެ.

"ޗާގޯސްގެ ސިޔާދަތީ ބާރު ދޫނުކުރި ނަމަ، އިކުއިޑިސްޓެންސްކޮށް ބަހާކަށް ނުޖެހޭނެ،" ނޫސްވެރިންގެ ބައްދަލުވުން ނިމުނުތަނާ ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/176682

އެކަމަކު، ރާއްޖޭގެ މިލްކުވެރިކަމެއް، އަދި އެފަދަ ދައުވާއެއް ވެސް ނެތް ތަނެއްގެ ސިޔާދަތީ ބާރު ދޫކޮށްލުމަކީ ރާއްޖެއަށް އޮތް ހައްގެއް ނޫނެވެ. ޗާގޯސް އަކީ އެއްވެސް އިރެއްގައި ދިވެހިންގެ ތަނެއް ނޫން ކަމަށް ހުދު މުނައްވަރު ވެސް ވަނީ ސާފު އިބާރާތުން ވިދާޅުވެފައެވެ.

ޕީޕީއެމުން ވެސް ތަކުރާރުކޮށް ކުރެއްވި ތުހުމަތު ދޮގުކުރެއްވީ އެ ބޭފުޅުންގެ ހިއްސާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް އިންނެވި މުނައްވަރެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަކަށް ނޯވެއެވެ. އެއީ، ދިވެހިންގެ ތަނެއް ނޫނެވެ. ދިވެހިން އެ ކަމަށް ދައުވާ ނުކުރީ ވެސް އެހެންވެއެވެ.

https://sun.mv/176840

އެހެންވެ، ޗާގޯސްގެ ސިޔާދަތީ ބާރު ދޫވީ އިހަށް ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި "ސިއްރު ސިޓީފުޅާ" ގުޅިގެންނޭ ބުނެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ، ދިވެހިންގެ އަތްމަތީގައި އޮތް ތަނެއް ނޫނެވެ.

ނުގެއްލޭނެ ގޮތެއް ބުނެ ނުދެވުނު

ނޫސްވެރިންގެ ބައްދަލުވުން ނިންމާފައި ވެސް އަޅުގަނޑު މުނައްވަރާ ތަކުރާރުކޮށް ސުވާލު ކުރީމެވެ.

"މަނިކުފާނު ވެސް ހިއްސާވާހެން ރާއްޖެއިން ހެވިފައި ގޮސް ނޫންތޯ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި ސޮއިކުރީ؟ އޭގައި އެބަ އޮވޭ، ކޮންމެ ގައުމަކަށް ވެސް 200 ނޯޓިކަލް މޭލު ލިބޭނެ ކަމަށް، ޗާގޯސް އަކީ ދިވެހިންގެ ތަނެއް ނޫންނަމަ، އެއީ އެހެން ބައެއްގެ ތަނެއް ނަމަ، ކޮންމެ ވެސް ދުވަހަކުން، ހަމަ ފުށުއަރާނެ ނޫންތޯ ކަނޑުގެ ސަރަހައްދު؟" މި ސުވާލު ކުރީމެވެ.

ޖަވާބުގައި މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ، ދިވެހިން ނޫން ބަޔަކަށް އެ ކަނޑުގެ ސަރަހައްދު ލިބިގެން ނުވާނެ ކަމަށެވެ. އެކަމަކު، ދެ ގައުމެއްގެ މެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދެއް އެއްކޮށް އެއް ގައުމަކަށް ލިބޭނެ ކަމަށް އެއްވެސް ބައިނަލްއަޤްވާމީ ގާނޫނެއްގައި ނޯންނާނެއެވެ.

ޑރ. މުހައްމަދު މުނައްވަރު --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އެ ތަނަކީ ކޮންމެ ބައެއްގެ ތަނަކަށް ވިޔަސް ކަނޑުން ބައެއް ގެއްލިގެން ނުވާނޭ،" މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ މިފަދައިންނެވެ.

"ތިއީ ސަރުކާރުން އޮޅުވާލަން ދައްކާ ވާހަކަ، ކަނޑުން ބައެއް ގެއްލުނީ ސިޓީއާ ގުޅިގެން. ދިވެހިންނަކީ ކަނޑުން ލިބޭ އެއްޗަކުން ކައިގެން ބޮއެގެން އުޅޭ ބައެއް، އެހެންވީމާ އެހެން ހުރިހާ ބަޔަކަށްވުރެން އަހަރެމެންނަކަށް ނޫންހޭ ހައްގީ އެ ސަރަހައްދު؟"

އޭނާ ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ވުރެ ރާއްޖެއިން ކަނޑުގެ ސަރަހައްދަށް ބަރޯސާވާ މިންވަރު މާ ބޮޑެވެ. އެހެންވެ، އެ ގައުމަށް ވުރެ ރާއްޖެއަށް އެ ސަރަހައްދު މާ ހައްގެވެ. އެކަމަކު، ފުށުއަރާ ސަރަހައްދެއް ހަމައެކަނި ރާއްޖެއަށް ލިބޭނެ އެއްވެސް ހަމައެއް ބައިނަލްއަޤްވާމީ ގާނޫނެއް ނުދަނެއެވެ.

ދިވެހި ދައުލަތުގެ ވަކީލު ޕަޔަމް ވިދާޅުވިފަދައިން މި މައްސަލަ ނިމުނީ ދިވެހިންނާ ދެކޮޅަށޭ ބުނެވޭކަށް ނޯންނާނެއެވެ. މި ނޫން ގޮތަކަށް މި މައްސަލަ ނިންމޭކަށް ވެސް ނޯންނާނެއެވެ.

"މިއީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ލިބޭނެ ނިންމުމެއް ނޫން. މި ވީހާތަނަށް އިން ކަނޑަނޭޅި އޮތް ސަރަހައްދެއްގެ އިން، ރާއްޖެއިން ބޭނުންވި ގޮތަށް މި ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވިއެވެ.

https://sun.mv/176669

މުނައްވަރު އޮޅުވާލެއްވީއެވެ. ދިވެހިން އެކުލަވައިލި ކަނޑުގެ ގާނޫނުން ރާއްޖޭގެ އިން ކަނޑައެޅުނީއެއް ނޫނެވެ. އަދި، ޗާގޯސްގެ މިލްކުވެރިކަމަށް މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށް މި ސަރުކާރުން ވެސް އައީ އިޓްލޮސްގައި ބުނަމުންނެވެ. އެކަމަކު، އިޓްލޮސްއިން ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނެއް ކަމަށް ބަލައިގަނެ، ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކޮށްފައެވެ.

އުޅެނީ ހަގީގަތް އޮޅުވާލަން

މުނައްވަރު ތަކުރާރުކޮށް، ވިދާޅުވީ ރައީސްގެ ސިއްރު ސިޓީފުޅާ ގުޅިގެން ބައެއް ގެއްލުނީ ކަމަށެވެ. އިދިކޮޅަށް އެންމެން އެއްވެ ދެއްކީ އެ ވާހަކައެވެ. އެކަމަކު، އެއީ ކަނޑައެޅިގެން އޮޅުވާލުމެކެވެ.

ރައީސް ފޮނުއްވި "ސިއްރު ސިޓީ"އާ ހަވާލާދީ އިޓްލޮސްގެ ނިންމުމުގައި ބުނެފައިވަނީ އެ ސިޓީގައި ވަނީ ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަކަން ބަޔާން ކޮށްދިނުމަށެވެ. މީގެ ފަހުން މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށާއި ޗާގޮސްގެ ސިޔާދަތީ ބާރު ހޯދަން ކުރާ މަސައްކަތުގައި އެއްބާރުލުން ދީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

ސިޓީއާ ގުޅިގެން، ފައިސާ ހޯދުމުގެ މައްސަލަ މޮރިޝަސް އިން އަނބުރާ ގެންދިޔައީއެވެ. ރާއްޖެ މޮޅުވިއޭ ބުނަނީ، ސިޓީފުޅާ ގުޅިގެން އެ މައްސަލަ އަނބުރާ ގެނެސް، ސަރަހައްދު ބެހީއިރު ބޮޑު ބައި ވެސް ދިވެހިންނަށް ލިބުމުންނެވެ.

އިން ވަކި ކުރުމުގައި މޮރިޝަސްއިން ބޭނުންވީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅައިށެވެ.

https://sun.mv/176683

އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް އިއްޔެ ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް ދިނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ކުރިން، އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް އެ ސަރަހައްދު ބޭނުން ކުރީއެވެ. އެކަމަކު، އެއީ ރާއްޖޭގެ ބާރު ހިނގާ ކަނޑުގެ ސަރަހައްދެއް ނޫނެވެ. ފަންސާސް އަށް އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ އެ ސަރަހައްދު ބަހައިފައެވެ. ބަހާފައި ލިބުނު ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ކަނޑުގެ ސަރަހައްދަށް އިތުރުވި ސަރަހައްދެކެވެ.

ސިޔާސީ ބޭނުމަށް، ސިޔާސީ ބޭފުޅުން އުޅުއްވަނީ މުޅި މައްސަލަ ސިޔާސީ ކުރައްވާށެވެ. ގައުމިއްޔަތުގެ ނަމުގައި އުޅުއްވަނީ ފިތުނަވެރިކަމެއްގައި ޖައްސާށެވެ. އިއްޔެ އެންމެން އެއްވެ ދެއްކެވީ ސިޔާސީ ވާހަކައެވެ. ޖަޒުބާތުން ފުރިގެންވާ ހީލަތްތެރި އޮޅުވާލުމެކެވެ.

comment ކޮމެންޓް