ރައީސް ހަނދާން ކޮށްދެއްވީ ދިމާވި ދަތިތަކާއެކު ހޯއްދެވި ކާމިޔާބީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގޫތަކާ އެ ކަންކަން ކަނޑައްތުކޮށް ލިބުނު ކާމިޔާބީގެ ހަނދާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އާކުރައްވައިފިއެވެ.

ރައީސް މި ހަނދާންތައް އާކުރައްވާފައި ވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވާ މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ހާލަތު ވަރަށް ތަފާތުކަމަށެވެ. އޭރު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަން ނިމުމަކަށް ގެނައުމަށްކަމަށާއި ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަކީ އޭރު ރައްޔިތުން އެދެމުން ދިޔަ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރުގެ ބިރުވެރި ޙާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވޭ. ޚިޔާލު ތަފާތުވެ ހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން." ރައީސް ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކަކާއި ތަޢުލީމާއި، ޞިއްޙީ ޚިދުމަތް ގާއިމްނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވޭތިވެ ދިޔަ ފަސް އަހަރު އެކަމަށް މަސައްކަތްކޮށް، ޚިދުމަތްތަކުގެ ހަމަހަމަކަން ގާއިމްކުރެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތަޢާރަފްކުރީ އެ ސަބަބަށްޓަކައި. އެއީ ދަރިންނަށްޓަކައި މައިންބަފައިން ދެކެމުން އައި ޒަމާންވީ ހުވަފެނުގެ ތަޢުބީރު. މީހަކަށް ދިން އެއްޗެއް ފަހުން އަތުލެވިދާނެ. އަނބުރާ އަތުނުލެވޭނެ އެއްޗަކީ ދެވޭ ތަޢުލީމު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒްކޮށް މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވުނު ކަމަށެވެ. އަދި ލާމަރުކަޒު ކުރުމުގެ ގާނޫނަށް ބަދަލުގެނެސް ލާމަރުކަޒީ ނިޒާމުން ޤައުމު ކުރިއަރާނެ މަގު މިހާރު ފަހިވެފައި ވާކަމަށެވެ.

މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ޞިއްޙީ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު، ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫޢުވެސް ފަށައިފާ ވާކަން ރައީސްގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ.

"އިޖުތިމާޢީ ޚިދުމަތް ލާމަރުކަޒުކޮށް، މުޅި ރާއްޖެއަށް ފުޅާކުރުމުގެ ޢަމަލީ މަރުޙަލާ ފެށިން. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަމާން ރައްކާތެރި ޢާއިލީ ވެށްޓެއް ޤާއިމުކޮށްދިނުމަށް، ރާއްޖޭގެ ހަތް ސަރަހައްދެއްގައި އަމާންވެށި ޤާއިމުކޮށްފިން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާނެ ކަންކަން، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދިނިން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްދީފިން،" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތަކަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ކޮވިޑުގެ އާލަމީ ވަބާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އާމްދަނީގެ ގޮތުން އަތްފައި ބަނދެވި، ޤައުމު ފުރަބަންދުވި ހާލަތުގައި ވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެގޮތް ކަށަވަރުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތް ހޯދާ އެގޮތަށް ކަންކަން ބައްޓަންކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވީ، މި ދަތި ހާލަތުގައި ވެސް އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެއެރިކަމެވެ. ސަރުކާރު މުވައްޒަފުންގެ ވަޒީފާ ނުގެއްލި މުސާރަ ދިން ކަމެވެ. ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ޙާލަތަށްދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީ ދީ ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކުރިކަމެވެ.

"ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރ ހުޅުވި އެއް ޤައުމަކީ ރާއްޖެ. ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ކާމިޔާބު ބޮޑު. ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ޙަޔާތުގެ އިމްތިޙާނު. އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަޙްރޫމްވާން މަޖުބޫރުވި ޙާލަތަކީ އެއީ،" އެ ބިރުވެރި ދުވަސްތަކުގެ ހަނދާން އާކުރައްވާ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ވެސް ކުރިއަށް ދާކަމަށެވެ. މިއީ އިގްތިޞާދީ ބޮޑު ބަދަލެއް ކަމަށާއި، މިކަން ފުރިހަމަވުމުން 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު، މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ޙައްލު ހޯދުމަށް ގިނަ އަމަލީ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދުވަސްތަކަކީ ރާއްޖޭގެ ތާރީޚުގައި ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު މުއްދަތުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓިކަމަށް ރައީސް ވިދާޅުވިއެވެ.

"ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން. މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން. ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު،" އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/184486

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކަކަށް އެދޭ ކަމަށެވެ.

comment ކޮމެންޓް