ނޫހުގައި ލިޔުނު ޕެރެގްރާފަކާ އަޅުވާފައި ދޫނިދޫ ޖަލުގައި 45 ދުވަހު ބޭއްވި ޒަމާން މާޒީވެއްޖެއެވެ. ލިޔުނު ލިޔުމަކާ ހެދި ޖަލަށް ގެންގޮސް ކުރި އަނިޔާއިން ދުނިޔެއިން މޮޔަވި ނޫސްވެރީން ވެސް ކުރީގައި އުޅުނެވެ. ދުނިޔޭގައި އަދިވެސް އެބަތިއްބެވެ.
އޭރު އުޅުނު ނޫސްވެރީން މާ ހިތްވަރު ވެސް ގަދައެވެ. އެ މީހުން ލިޔާން ފެށީމާ އަތް އަނބުރާލަނީއެވެ. އޮބިއަޅާ ބަންދުކުރަނީއެވެ. ބަސް ބުނުމުގެ މިނިވަންކަން އޮތީ އެހާ ވެސް ހަނިކޮށެވެ. ޙާއްސަކޮށް ސަރުކާރުން ނުރުހޭ ކަންކަން އެއީ ނުދެއްކޭ ވާހަކައެވެ.
އެ ހާލަތު ޔަގީނަށް ވެސް ބަދަލުވެއްޖެއެވެ. ފެހި ގާނޫނުއަސާސީއާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލިއެވެ. ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރީންގެ މުޅި ޒިންދަގީ ބަރުބާދުކޮށްލި ކޮށްލުން ނިމުމަކަށް އައެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުތަކުން ނޫސްތަކުގެ މާލީ މިނިވަންކަމަށް މަސައްކަތްކުރަން ޖެހޭ --- ފޮޓޯ/ ރައީސް އޮފިސް
ފެހި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި އޮތީ: "މިނިވަންކަމާ އެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
އެއާ ޖެހިގެން 28 ވަނަ މާއްދާގައި އޮތީ: "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."
ޖަލުގައި ގުދާރު ބިންދާލި އެތައް ނޫސްވެރިއަކު ގަލަމުގެ މިނިވަންކަމަށް ކުރި ޖިހާދުގެ ފޮނި މީރުކަން ޔަގީންވި ދެ މާއްދާއަށް އެ ދެ މާއްދާ ހެދި ދާނެއެވެ.
އެކަމަކު، ނޫސްވެރިކަމުގެ މިނިވަންކަން މިހާރު މި އޮތީ ތަންމިނަށް ހުޅުވިފައިތޯ، ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައި އެ ހުރި މާއްދާތައް އަކުރުން އަކުރަށް ފުދި ނިމިއްޖެތޯ މި ސުވާލުތައް އަދިވެސް ކުރަންޖެހެއެވެ. ޒަމާނާ އެކު ނޫސްވެރިން އޮބިއަޅަން ވެރިން ކުރާ މަސައްކަތް ވެސް ބަދަލުވެއްޖެއެވެ. ހުސް އެކަނި ރާއްޖެއަކު ނޫނެވެ.
ބަދަލުވީ އޮބިއަޅާ ގޮތް؟
ކުރީގައި ލިޔުމެއް ލިޔަން ހިތުލީމާ ވައްޓާލަނީ ޕޮލިސް ޖިޕެވެ. މިހާރު އަންނާނީ ފޯނެކެވެ. ހިނގަނީ އެއް ކަމެކެވެ. ދުލާއި ގަލަމުގެ މިނިވަންކަމުގައި އޮބިއަޅަނީއެވެ. ހިޔާލުގައި މަތިއަޅަނީއެވެ. މަދު ފަހަރުތަކުގައި ހަގީގަތުގެ މައްޗަށް ފަސްއަޅާ ފޮރުވޭތޯ ވެސް މަސައްކަތް ކުރަނީއެވެ.
ޝައްކު ނުހިނގާ އެއް ކަމަކީ ނޫސްވެރީން ޖަލަށްލައި، ތަޅައި، މަރައި އަނިޔާކުރުން ނިމުމަކީ ބޮޑު ކާމިޔާބެއް ކަމެވެ.

މާޗް 27، 2020: ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ފޮތުގައި ނޯޓުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު، އޭރުގެ ނޫސްވެރީން ޖަލުގައި ތަހަންމަލުކުރި އަނިޔާއިން ހޯދި މިނިވަންކަން އޮތީ ކިހާ މިންވަރެއްގާތޯ އެއީ ހަގީގަތުގައި ވެސް ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. ނޫސްތަކުގެ ބަލިފައިގައި ސަރުކާރުތަކުން ހިފާ ހިފުމުގެ އަސަރު މި ތަންތަނުގެ މިނިވަންކަމަށް ކުރަނީ ކިހާ ފުޅާކޮށްތޯ ސުވާލުކުރަންޖެހެއެވެ.
ޒަމާނަށް އައި ބަދަލާ އެކުގައި އޮބިއެޅުން އޭގެ ބަހަވީ މާނައިގައި ނިމިގެން ދިޔައެވެ. ގަދަ ބާރުން ކަންކަން ހުއްޓުވުން އެއީ ހަޑި ކަމެއްކަން ދުނިޔެ އެކީގައި ދަސްކުރީއެވެ. މިހާރު އެ ކަންކަން ކުރަނީ 'ޕްރޮފެޝަނަލް' ކޮންނެވެ. މަސްލަހަތު ހިފަހައްޓަން ނޫސްތަކަށް އިންވެސްޓް ކުރަނީއެވެ. އިޝްތިހާރުތަކާއި އެކިއެކި ސްޕޮންސަރުތަކުގެ ނަމުގައި ހަންފަތުރަނީއެވެ.
އެ ފައިސާއަކީ ނޫސްވެރީންގެ ކޮއްތެވެ. އަނބިދަރީންގެ ކާނާއެވެ. ގޭ ކުލި ދައްކަން އޮތް ހަމައެކަނި މަގެވެ. އެކަމުގެ ނާޖާއިޒު ފައިދާ، ނުފޫޒު ގަދަ ބޭބޭފުޅުން ނަންގަވައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
"ސްޕޮންސަރުން، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ވެސް ހިމެނޭހެން ހަމަ ބިރު ދައްކާ. ތިމަންނަމެން ބުނާ ކަންކަން ނުކޮށްދެވެންޏާ ކީއްކުރަންހޭ ސްޕޮންސާ ދޭންވީ ކިޔާފައި،" ރާއްޖޭގެ ބޮޑު ނޫހެއްގެ އެޑިޓަރަކު ނަން ނުޖަހާން ޝަރުތުކޮށް ކިޔައިދިނެވެ.
ނޫހަށް 'ސްޕެންޑު ކުރާ' ބޭފުޅަކު ހިތްނުރުހޭ ޚަބަރެއް، ހިޔާލެއް، ރިޕޯޓެއް ފެންނާކަށް އެ ބޭފުޅުން ނޭދެއެވެ. ހަގީގަތް އެއްފަރާތުގައި ބާއްވާފައި އެ ނަގަން މަޖުބޫރުކުރުވަން މަސައްކަތް ކުރުވައެވެ. ނޫސްތަކަށް ދިމާވެފައި އޮތް މާލީ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގަން ސަރުކާރުތަކުންނާއި ސިޔާސީ ބޭބޭފުޅުންނާއި ވިޔަފާރިވެރިން ވެސް މަސައްކަތް ކުރެއެވެ.
ރާއްޖެއިން ދަނީ އަހަރަކަށް ވުރެ އަހަރެއް މިނިވަން ނޫސްވެރިކަމުގައި ފަހަތަށެވެ. މިދިޔަ 2022 ވަނަ އަހަރު 59.55 ޕޮއިންޓާ އެކު 87 ވަނައިގައި އޮތްއިރު ޖެހިގެން އައި 2023 ވަނަ އަހަރު ވަނީ 100 ވަނައަށް ވެއްޓިފައެވެ.
ނޫސްވެރީން ޖަލަށްލައިގެން ކުރީގައި ދެއްކި ބިރު މިހާރު ދައްކަނީ ފައިސާއިންނެވެ. ބަދަލުވީ ބިރު ދައްކާ ގޮތެވެ. ބިރުދެއްކުން ނިމި، ނޫސްވެރީންގެ ގަލަމުގައި ހިފަހައްޓަން އުޅޭ އުޅުން ނިމުމަކަށް އަތުވެއްޖެއޭ ބުނުން ތެދަކަށް ނުވާނެއެވެ. ކުރީގައި ގަދަ ބާރުން ދެއްކި ބިރު ނިމިއްޖެއެވެ. އެ އަނިޔާ ފިލައިގެން ގޮސްފިއެވެ. މިހާރު އެ ބިރު ދައްކަނީ ފައިސާއިންނެވެ. އެ ނުފޫޒުގެ އަސަރު ވަކި ކުޑައެއް ވެސް ނޫނެވެ.
މާލީ މިނިވަންކަން ނެތި ނޫސްވެރިކަން މިނިވަނެއް ނުވާނެ
ގައުމެއްގެ މިނިވަންކަން ޔަގީންވާ ހިސާބަކީ ވެސް އިގުތިސާދީ މިނިވަންކަމެވެ. ވަކިވަކި ފަރުދުންނަށް ވެސް، ވިޔަފާރިތަކަށް ވެސް އަދި ނޫސްވެރިކަމަށް ވެސް އޮތީ އެ ހަމައެވެ.
ނޫސްވެރީން ޖަލަށްލައި، ބިރުދެއްކުން ނިމުމަކަށް އައުން އެއީ ކުޑަ ކާމިޔާބެއް ނޫނެވެ. އެކަމަކު، ނޫސްތަކުގެ މާލީ މިނިވަންކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަކުރަން އަދިވެސް ކުރަން ބައިވަރު މަސައްކަތް އެބަހުއްޓެވެ. ސްޕޮންސަރުންގެ ނުފޫޒުން އެއްކިބާވެފައި އޮތް، މިނިވަން ނޫސްވެރިކަމެއް އުފަންކުރަން ސަރުކާރުތަކުން ވެސް އެހީވާން ޖެހެއެވެ.
މައިގަނޑު ދެ ގޮތަކަށް ދުނިޔޭގެ ގައުމުތަކުގައި އެކަން ކުރެއެވެ. އެއް ކަމަކީ، ނޫސްތަކުން ވިޔަފާރީގެ ތެރެއަށް ވަނުމެވެ. އަނެއް ކަމަކީ، 'ސަބްސްކްރިޕްޝަން' މޮޑެލް ތައާރަފުކުރުމެވެ. އޭރުން ކިޔުންތެރިންގެ އަތުން ފީއެއް ނަގައިގެން ނޫސްތަކަށް މާލީ އެހީތެރިކަން ލިބޭނެއެވެ. ނިއުޔޯކް ޓައިމްސް ފަދަ ދުނިޔޭގެ ބޮޑެތި ނޫސްތަކުން އާމްދަނީގެ 60 އިންސައްތައަށް ވުރެ ވެސް ބޮޑުބައި ހޯދަނީ ކިޔުންތެރިންގެ ސަބްސްކްރިޕްޝަނުންނެވެ.
އެހެންވެ، މިނިވަން ނޫސްވެރިކަމަކަށް މާލީ މިނިވަންކަން ކޮންމެހެން ވެސް ބޭނުންވެއެވެ.
އެކަން ކުރަން ނޫސްވެރީންނާއި ނޫސްތަކުން ވެސް މަސައްކަތް ކުރަން ޖެހެއެވެ. އޮބިއެޅުން ނިމުނީ ކަމަށް ހަދައިގެން އަތް އުރާލައިގެން ތިބެންވެއްޖެނަމަ، އަހަރަކަށް ވުރެ އަހަރެއް މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ވެއްޓެމުންދާ ވެއްޓުން ތަކުރާރުވާނެއެވެ.