ކޮވިޑް މެނޭޖުކުރި ގޮތް ގައުމުތަކުން ނަކަލު ކުރި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު ފ. ބިލެއްދޫގައި: އެ މަނިކުފާނު ވަނީ ކޮވިޑު މެނޭޖުކުރި ގޮތް ބޭރު ގައުމުތަކުން ނަކަލު ކުރި ކަމަށް ވިދާޅުވެފައި-- ފޮޓޯ/ ރައީސް އޮފީސް

ބައްދަލުވާ ބޭރު ގައުމުތަކުގެ ވެރިން، ރާއްޖެއިން ކޮވިޑު މެނޭޖުކުރި ގޮތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ކަމަށާއި އަދި އެ ގައުމުތަކުން ރާއްޖެއިން އެ ވަބާ މެނޭޖުކުރި ގޮތް ނަކަލު ކުރި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ބިލެއްދޫ އިންޖީނުގޭގެ އާ އިމާރާތް ހުޅުވަން މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ކޮވިޑުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހުނީ ސަރުކާރުން އެ ބުރަ އުފުލުމުން ކަމަށެވެ.

"ސަރުކާރަށް ބުރަ ބޮޑުވި، ރަނގަޅު ވާހަކައެއް އެއީ. އެހެންނަމަވެސް އެ ކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަން ޖެހޭ ޒިންމާއެއް ނަގާ، އެ ބުރަ ނަގާ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންތައް ކުރުމަކީ ކުރަން ޖެހޭނެ ގޮތް. މިއަދު އާދެވިފައި މިތިބަ ހިސާބަކީ އޭގެ ސަބަބުން އާދެވިފައި އޮތް ހިސާބެއް،" ބިލެއްދޫއަށް ދިން އެހީތަކުގެ ވާހަކަ ހިއްސާ ކުރެއްވުމަށް ފަހު، އެ މަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، ކޮވިޑުގެ ތެރޭގައި އެ ރަށު، 53 މަސްވެރިޔަކާއި 16 އެހެން މަސައްކަތްތައް ކުރާ ފަރާތްތަކަށް ހިލޭ އެހީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު ފ. ބިލެއްދޫގައި-- ފޮޓޯ/ ރައީސް އޮފީސް

"އޭރުގެ [ކޮވިޑު ދުވަސްވަރު] ލަންކާގެ މިނިސްޓަރެއް. ވިދާޅުވީ ތިމަންނަމެންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އޭރު ފައްޓާފައި ހުރި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހުއްޓާލުމޭ، މުޅި ރަށް ހުއްޓުމަކަށް އައޭ. ވަޒީފާތައް ގެއްލުނޭ، ވިޔަފާރިތައް ހުއްޓުނޭ. ލަންކާގެ ރައީސަށް ބޮޑުބޭބެ ކިޔާ ކުއްޖެއް އެއީ، ބުނީ އެއީ އޭ ތިމަންނަގެ އަންކަލްއަށް ހެދުނު އެންމެ ބޮޑު މިސްޓޭކަކީ،" ރައީސް ވިދާޅުވިއެވެ.

"ހަމަ އެގޮތަށް އަޅުގަނޑަށް ސީޝެލްސްގެ ރައީސް ފޯނު ކުރެއްވި އެ ދުވަސްވަރު، އޭރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރެއަކު މީހުން އެ ވަރަކަށް މަރެއް ނުވޭ. ވިދާޅުވީ، ކިހިނެއްހޭ ތި ރާއްޖޭގައި ކަންތައް ކުރަނީ. މީހުން މަރުނުވަނީ ކީއްވެގެން ހެއްޔޭ ރާއްޖޭގައި،"

އެ މަނިކުފާނު ވިދާޅުވީ 98،000 އެއްހާ މީހުން ދިރިއުޅޭ ސީޝެލްސްގައި ދުވާލަކު ތިން ހަތަރު މީހުން މަރުވާތީ އެ ގައުމުގެ ރައީސް ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ. އަދި، އެ ގައުމަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރާއްޖެއިން އަމަލުކުރި ގޮތް ހޯއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު ފ. ބިލެއްދޫގައި -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑަށް ފަހު، އެ ގައުމުގައި ރައީސާ ބައްދަލުވުމުން ވެސް، އެ ގައުމުން ބަލަމުން އައީ ރާއްޖެއިން އަމަލު ކުރި ގޮތް ކަމަށް ވިދާޅުވި، ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވިދާޅުވީ، ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ބަލައި، އެ ގޮތަކަށް ކަން ކުރަމުންނޭ ތިމަންނަމެން ގެންދިޔައީ. އެއީ، ތިމަންނަމެންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނަމެންނަށް ވެސް ފެނުނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮވިޑު އެހާ ފުރިހަމައަށް މެނޭޖު ކުރެވުނީ އެ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހިމަނައިގެން ސިޔާސަތުތައް އެކުލަވައިލުމުގެ ސަބަބުންނެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުން ސިޔާސަތުތައް އެކުލަވައިލާނީ ކަމާ ބެހޭ މާހިރުންގެ ވިސްނުމާއި ހިޔާލު ހޯދައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް