މަޖިލިސް މައްސަލައިގައި މިއަދު ހަވީރު ހުކުމް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އެމްޑީޕީން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އަޅުވައި މަޖިލީސް ހުއްޓުވާތީ، އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރު 16:00 އަށް ތާވަލު ކޮށްފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހު 29 ގައެވެ. މަސްލަހަތު އޮތް ކަމަށް ބުނެ، އެ މައްސަލައިގެ ތެރެއަށް ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް އަދި، ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ތަދައްޚުލްވެފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލިއިރު، ހުކުމް ކުރާނެ ވަކި ތާރީޚެއް ނުބުނެއެވެ. އެކަމަކު، ސުޕްރީމް ކޯޓުން މިހާރު ވަނީ މިއަދު ހަވީރަށް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައެވެ.

އެމްޑީޕީން އެދުނީ މަޖިލީހުގެ ނައިބު ރައީސް ނޫނަސް، އެހެން މެންބަރަކަށް ވެސް ރިޔާސަތުގައި އިންނަވައިގެން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމޭނެ ގޮތެއް ކަނޑައަޅައިދެއްވުމަށެވެ. މަޖިލީސް ގަވައިދުގެ 205ވަނަ މާއްދައިގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނެ ސީދާ ގޮތެއް މިހާރު ނެތުމުންނެވެ.

މަޖިލީހުގެ ގަވާއިދުގައި ނައިބު ރައީސާއި ރައީސް ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓޭނެ އާންމު އުސޫލެއް އޮވެއެވެ. އެކަމަކު، ނަޝީދުގެ އިތުބާރުގެ މައްސަލައަށް އެ އުސޫލު ނުހިނގާނެ ކަމަށް މަޖިލީހުގެ އަމީންއާންމު ގަބޫލުކުރައްވާތީ، ނައިބު ރައީސް އީވާ ނެތި މަޖިލީސް ކުރިއަކަށް ނުގެންދެވެއެވެ.

މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ޑިމޮކްރެޓްސްއިން ބުނަނީ، މި މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ނޯންނާނެ ކަމަށެވެ. އެއީ، މި މައްސަލައިގައި ޝަރީއަތުން ކަނޑައަލައި ގޮތަކީ މަޖިލީހުގެ ގަވާއިދަށް ބަދަލު އަންނާނެ ކަމަކަށް ވުމުން، ގާނޫނު ހެދުމުގެ ބާރު ޝަރުއީ ކޯޓުތަކަށް ނޯންނާނެތީއެވެ.

އެކަމަކު، ހުކުމުގައި ހިމެނޭ މާއްދާއަކުން މަޖިލީހުގެ ގަވާއިދަށް މާއްދާއެއް އިތުރުވެދާނެ ކަމަކަށް އެމްޑީޕީން ގަބޫލެއް ނުކުރެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހުގައި ނަޝީދާ ދެކޮޅަށް އިހްތިޖާޖު ކުރަނީ --

އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އަށެއްގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. އެކަމަކު، މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ ސަލާން ވިދާޅުވާ ވަރުން، މުޅި އެ ހަފުތާގައި ވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އޭގެ ފަހުން، މި ހަފުތާގައި އީވާ ވަނީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަމީންއާންމަށް ސިޓީއެއް ފޮނުއްވައިފައެވެ. އެހެންވެ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.

comment ކޮމެންޓް