ދިފާއު ބަދަލުވީ ހަލާކަށް: ޔާމީނަށް އޮތީ ތަސްމީނުގެ ދަތުރު؟

ފެބްރުއަރީ 1، 2019: އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ލީޑާޝިޕަށް މިހާރު ވާނީ އެ ޕާޓީގެ ނައިބު ރައީސުންނެވެ. އެއީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް)އެވެ. އެކަމަކު، އެ ބޭފުޅުން އެކަހެރިކޮށްފައި އާ ލީޑާޝިޕެއް އެކުލަވައިލާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އޭގެން ބޭފުޅަކަށް ނުވެސް އެނގިއެވެ.

ކުރިން ވަކިނުވާނެ ކަމަށް ހީވި ދެ ޕާޓީ، ޕީއެންސީގެ އާ ސަރުކާރަށް ހަފުތާ ނުފުރެނީސް ރަނގަޅަށް ވަކިކޮށްލާފައި، އިން ކަނޑައިފިއެވެ.

'ވަގުތު ނުވާނެ' ކަމަށް ދައްކައި އާ ސަރުކާރާ ކިރިޔާ ވެސް ގުޅުމެއްވާ އެންމެން ލީޑާޝިޕުން ބޭރު ކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސީދާ އިރުޝާދުފުޅަށް ކަމަށް ވެއެވެ. ރޭ ބޭއްވި ނުކިއްސަރު ނޫސްވެރިންގެ ބައްދުލުވުމުން އެކަން ސާފުވިއެވެ. ފެންނަ ފެނުމާއި ބަސް މަގުން ޕީޕީއެމް އެ ތިބީ އިދިކޮޅުގައޭ ވެސް ހީވެއެވެ.

ހަނދާނަށް އަންނަނީ ޑީއާރުޕީއަށް ޖެހުނު ދަތުރެވެ. އެ ދަތުރު އެންމެ ސާފުކޮށް ފެނިވަޑައިގެން، އެންމެ ފުންކޮށް ހަނދާނުގައި ހުންނަވާނެ އެއް ބޭފުޅަކީ ޔާމީނެވެ.

މައުމޫނާ ދެކޮޅަށް ޔާމީން ފަރުމާ ކުރެއްވި ދިފާއު

އެއްބަފައި ބޭބޭފުޅުގެ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު، އެ މަނިކުފާނުގެ ހިޔަނިން ވެރިކަމަށް ވަޑައިގެން، ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ގާނޫނީ ބަހުސަކަށް ދިޔައީއެވެ. އޭރު ޕީޕީއެމްގެ ޒައީމު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދިޔައީ ޕާޓީގެ ނަން ބޭނުން ކުރައްވަމުންނެވެ.

އެކަމަކު، އޭރު ޕީޕީއެމްގެ އެންމެ އިސް ލީޑަރަކީ ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޕާޓީގެ އާންމު މެންބަރުންނާއި ބާރުވެރި މަގާމުތަކުގައި އޭރު ތިއްބެވި ޕާޓީގެ ލީޑަރުން ވެސް ތިއްބެވީ "ވަފާތެރިކަމާ އެކު" ޔާމީންގެ ފަހަތްޕުޅުގައެވެ. އެހެންވެ، ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިޚާބު ކުރި މައްސަލަ ކޯޓުގައި ހިނގަމުންދާތީ، ޕާޓީ ގެއްލިދާނެ ކަމުގެ ބިރަށް ޔާމީނަށް ޖެހިވަޑައިގަތީ ދިފާއެއް ފަރުމާ ކުރައްވާށެވެ.

މިހާރު ވެރިކަމާ އެ ހަވާލުވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަކީ މައުމޫނަށް ޕީޕީއެމްގެ ލިބި ޔާމީނާއި އެ މަނިކުފާނުގެ ސަޕޯޓަރުން މަގުމަތިވެދާނެތީ، ޔާމީން އަމިއްލަފުޅަށް ފަރުމާ ކުރެއްވި ދިފާއެވެ.

https://sun.mv/113364

އޭރު ޔާމީން އެންމެ އަރިސްކޮށް ގެންގުޅުއްވި ޕީއެންސީގެ މިހާރުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައިގެން އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވީ ސީދާ ޔާމީންގެ އިރުޝާދުގެ މަތީންނެވެ. ޕީއެންސީގައި ތިއްބެވީ ޔާމީނަށް ވަފާތެރި ޔާމީންގެ ސަޕޯޓަރުންނެވެ. އެއީ، ޔާމީންގެ ޕާޓީއެވެ. އެ މަނިކުފާނުގެ ސިޔާސީ ހަޔާތް ދިފާއު ކުރައްވަން އުފެއްދެވި "ބަޖެޓު ފިލްމެ"ކެވެ.

ކަން ދިމާ ކުރި ގޮތުން ޕީޕީއެމް ބީނުވެ އޮތުމުން، ޕީއެންސީ އޮތީ ހިޔާނީގައެވެ. ކުޑަމިނުން ފޭސްބުކް އެކައުންޓެއް ވެސް އެ ޕާޓީއަކަށް ނުހަދައެވެ. ޕީއެންސީއަށް ކިރިކިރިޔާ 'ހުކުރު ހަމަވާ' ވަރަށް މެންބަރުން ވައްދާފައި، ބޮޑު ފޮއްޓަށް ލާފައި އޮތީއެވެ.

ޕީއެންސީން ވަރުގަދަވުން

ޔާމީންގެ ސިޔާސީ ތަޖުރިބާހުރި އެހެން ލީޑަރެއް މި ވަގުތަކު މައިދާނަކު ނެތެވެ. ނިމުނު ހުކުރުގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޔާމީންގެ ދަރިވަރެކެވެ.

ބޮޑު ފޮއްޓަށް ލާފައި އޮތް ޕީއެންސީ ނަގަން ޖެހުނީ ޔާމީނަށް ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ހިސާބުންނެވެ. ކޯޓުގެ ހުކުމާ އެކު މުޅި ސެނެޓުގައި ޔާމީންގެ ބާރު ނިމުނު ކަހަލައެވެ. ތަކުރާރުކޮށް އެންގެވުމުން ވެސް ޔާމީނާ އެއްބަސްވީ މަދު ދެތިން ބޭފުޅެކެވެ. އެންމެން އެކަތި ގަނޑަކަށް ނުކުމެ، ޕާޓީ މަގުމަތިވިޔަ ނުދޭން ރައީސް މުއިއްޒާ އެކު ވަޑައިގަތީއެވެ.

https://sun.mv/181340

އެއީ، އެ ދުވަހާ ޖެހެންދެން ބަންދުކޮށްފައި އޮތް ޕީއެންސީ ވީއްލުނު ހިސާބެވެ. ޕާޓީ ވަރުގަދަވާން ފެށި ހިސާބެވެ.

ވެރިކަމަށް އައުމާ އެކު، ޕީއެންސީން އެ ވަނީ 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފައެވެ. ޕީޕީއެމް އޮފީހުން ނުކުމެ، އެ އޮފީސް ފެންނަ ހިސާބުގައި ވަކި އޮފީހެއް ވެސް ހަދައިފިއެވެ. ބައެއް ޕާޓީތަކަށް މެންބަރުން ކޮޅާ އެކު އެއްވުމުގެ އޮފާތައް ވެސް ދޭން ފަށައިފިއެވެ. އަމާޒަކީ ޕީއެންސީ ބޮޑު ކުރުމެވެ. ވަރުގަދަ ކުރުމެވެ.

ޕީއެންސީ ބޮޑު ވާނެ ވެސް މެއެވެ. ނަސީބު ކަން ދިމާކުރި ގޮތުން، އެ ޕާޓީ ބޮޑުވާ ވަރަކަށް ޔާމީންގެ ޕީޕީއެމް ކުޑަ ވާނީއެވެ. އެއީ، މި ފާއިތުވި 15 އަހަރު ދިވެހީން ދެކެފައި އޮތް ކަމެކެވެ. އަލަކަށް ހިލިގަނެގެން އުޅޭ ކޯޅުމެއް ނޫނެވެ.

އެކު އޮތް ދެ ޕާޓީ ދެކަފިވުން

އިންތިޚާބު ނިމި، ފުރަތަމަ ގެއަށް ވަޑައިގެންނެވިއިރު ވެސް ޔާމީން، ރައީސް މުއިއްޒާ ވާހަކަފުޅެއް ނުދައްކަވައެވެ. އެ މަނިކުފާނު ހުންނެވީ ބާކީ ކޮށްލައިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާތުން ބަލަން ހުރި މީހަކަށް ވިއްޔާ، ޔާމީން ހިމޭންކޮށް ފާޅުކުރެއްވި ހިތްހަމަނުޖެހުން ވަރަށް ސާފުކޮށް ފެނުނީހެވެ.

ހިތްހަމަނުޖެހުންތައް ކިރިކިރިޔާ ފަޅައިގެން ނުގޮސް އޮއްވައި، ކުއްލިއަކަށް ނުކުމެ ޕީޕީއެމޭ ކިޔާފައި ވާހަކަދައްކަވަން ފެއްޓެވީ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ވިދާޅުވީ، އެއީ ޔާމީން، އެ ޕާޓީ ހިންގަން ނެގި ކޮމިޓީ ކަމަށެވެ. ކުއްލިއަކަށް ވަރަށް އާދަޔާ ހިލާފަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން އޮތްކަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަކަށް ނޭނގެއެވެ. ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލަކަށް ވެސް ނޭނގެއެވެ.

ދެން، މަލީހު ނުކުންނަވައި މިއީ ޕީޕީއެމޭ ކިޔާފައި ވާހަކަފުޅު ދެއްކެވީމާ އެ ޕާޓީގެ ސެނެޓަރުން ފެށީ ހޭށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރީގެ ކަސްޓަމްސްގެ ވެރިޔާ އައްބާސް އާދިލް ރިޒާ ރޭ ވިދާޅުވީ، ޕީޕީއެމް ހިންގަން ޔާމީން ބޭނުންފުޅުވެގެން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ. އެއީ، ޔާމީނަށް ލިބިފައިވާ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ޕާޓީ ހިންގަން އޮތް ލީޑާޝިޕް އަތުން ޕީޕީއެމް އަތުލީއެވެ.

އެކަމަކު، އެއީ އިތުރުފުޅެކެވެ. ލީޑާޝިޕު މުޅިން އެއްފަރާތްކޮށްލުމުގެ ބާރެއް ޔާމީނަކަށް ނޯންނާނެއެވެ.

https://sun.mv/185042

"އެެ މަނިކުފާނަށް ލިބިވަޑައިގެންވާ އިހުތިޔާރެއް އެއީ ޑޭޓުޑޭ ރަންކުރުން [ދުވަހުން ދުވަހަށް ހިންގުން]. މި ވަގުތު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާ [ވަލީދު] ވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާދެއްވާފައި. އަދި ސެކްރެޓަރީ ޖެނެރަލް [މުހައްމަދު ތޮލާލް] މި ވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވިއެވެ.

އެކަމަކު، ތޮލާލު އުޒުރުވެރިއެއް ނުވެއެވެ. ހީނާ އިސްތިއުފާއެއް ވެސް ނުދެއްވައެވެ. އެ ބޭފުޅުން އެކަން ދޮގު ކުރައްވައެވެ. ތަރުޖަމާނު އިސްތިއުފާ ދެއްވައިފިއޭ ބަޔަކު ވިދާޅުވެއްޖެކަން ހީނާއަށް އެނގުނީ ވެސް ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ.

"އެހެންތޯ؟ ނުދެން އިސްތިއުފާއެއް،" ހީނާ އިސްތިއުފާ ދެއްވީތޯ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ.

މާ ކުރީގެ މޫނުތަކެއް ނެރުއްވައިގެން ރޭ ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ލީޑާޝިޕް ވަކިކޮށްލީއެވެ. ކުރިން ޔާމީނަށް ވަފާތެރިކޮށް ތިބި ލީޑާޝިޕް އާ ސަރުކާރާ ގުޅުމުންނެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/

"ޔާމީން އަމިއްލަފުޅަށް އެ ހައްދަވަނީ ގޯސް. މާ އަވަހަށް ތެޅިގަނެގެން އެ ހައްދަވަނީ ހައްތަހައި ވެސް ގޯސް. ދެރަވެސް ވޭ އެކަމަކު ކީއްކުރާނީ؟،" އަލަށް އުފެދުނު ޕީއެންސީ ސަރުކާރުގެ އިސް ބޭފުޅެއް ނަން ނުޖަހާ ގޮތަށް ވިދާޅުވިއެވެ.

މިއޮތީ އެކުއެކީ ހިންގި ދެ ޕާޓީ ރަނގަޅަށް ވެސް ދެކަފިވެފައެވެ. އަލިފާން އެ ހުރީ ހެޔޮވަރު ވަރަކަށް ހިފައިފައެވެ. ޔާމީން އެ ހުންނެވީ ދަހަނާ އަޅުއްވައިގެން މައިދާނަށް ނުކުންނަވައެވެ. ސުވާލަކީ އަނދާނީ ކިހާ ވަރަކަށް ކިހާ ތަނެއްތޯއެވެ.

ޔާމީންގެ ޕީޕީއެމަށް ތަސްމީނުގެ ޑީއާރުޕީ ކުރި ދަތުރު؟

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު 38،704 މީހުން އެބަތިއްބެވެ. ޔާމީން، އެ އުޅުއްވަނީ އެ މެންބަރުންކޮޅު ގެއްލިދާނެތީއެވެ. ޕީޕީއެމް ބާއްވާފައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެންގެވީ ވެސް ޕާޓީ ހިމާޔަތް ކުރަން ބޭނުންވެލެއްވި މިންވަރުންނެވެ.

މައުމޫން ވެރިކަމުގެ ފަހު ދައުރު 2005، ގައި އުފެދުނު ޑީއާރުޕީއަކީ އެ ވެރިކަން ނިމިމުކަށް އައުމާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ޕާޓީއެވެ. އޭރު އެ ޕާޓީގައި 30،000 އެއްހާ މެންބަރުން ތިބި ކަމަށް ވެއެވެ.

ޖެހިގެން 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ޑީއާރުޕީ ނާކާމިޔާބުވުމާ އެކު އެ ޕާޓީގައި މައުމޫންގެ ބާރުވެރިކަން ކުޑަވާން ފެށިއެވެ. ފަހުން، އެ ޕާޓީގެ ލީޑަރުގެ މަގާމަށް އަހުމަދު ތަސްމީނު އަލީ އިންތިޚާބު ކުރީއެވެ. އަސާސީ ގަވާއިދު އޮތީ ޕްރައިމަރީއަކައިނުލާ ތަސްމީނަށް ރިޔާސީ ޓިކެޓު ވެސް އެރުވޭ ގޮތަށެވެ.

މައުމޫނު ޑީއާރުޕީގައި ހުންނެވި އިރު، އެޕާޓީގެ އޭރުގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ އެކު ޕާޓީގެ ޖަލްސާއެއްގައި -- ސަން ފައިލް ފޮޓޯ

އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ތަސްމީނާއި މައުމޫންގެ ކޯޅުން ފެށިއްޖެއެވެ. ތަސްމީނު ބޭރުކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގިއެވެ. ވޯޓު ތަސްމީނު ކާމިޔާބު ކުރެއްވި ނަމަވެސް އޭރު މައުމޫން ގެންދެވީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެއީ، ޕީޕީއެމްގެ ފެށުމެވެ.

ޕީޕީއެމް އުފައްދަން މަދު ދުވަސްކޮޅެއް ތެރޭ މެންބަރުން ހަމަކުރިއެވެ. ޑީއާރުޕީގައި ތިބި އާންމު މެންބަރުން މަޑުމަޑުން ބައިބަޔަށް ޕާޓީން ވަކިވެ، ޕީޕީއެމާ ގުޅެމުންދިޔައެވެ. އާންމުކޮށް ވެސް މަޖިލީސް މެންބަރުން ހަދާހެން، އެ ބޭފުޅުން ވެސް ދެފަޅި ބައްލަވާފައި މަޑުމަޑުން ދިޔައީ ޕީޕީއެމާ ދިމާލަށެވެ. ޕީޕީއެމް ބޮޑުވެ ފުޅާވަމުން ދިޔަ ވަރަކަށް، ޑީއާރުޕީ ދިޔައީ ކުޑަވެ ހިނދެމުންނެވެ. މިހާރު ޕީއެންސީ ބޮޑުވާ ވަރަކަށް ޕީޕީއެމް ކުޑަވާ އުސޫލުންނެވެ.

އެންމެ ފަހުން ގޮސް، ޑީއާރުޕީ ކުޑަވެ މަގުމަތިވީއެވެ. ހުރިހާ ސަޕޯޓަރުން ތިބީ ޕީޕީއެމަށް ހިޖުރަކޮށްފައެވެ. ހަވާލުވާނެ ލީޑަރަކު ނެތިގެން އެއް ބޭފުޅެއް އަތުން އަނެއް ބޭފުޅެއް އަތަށް އަރަމުން އަރަމުން ގޮސްފައި 3،000 މެންބަރުން ވެސް ހަމަނުވެގެން އެންމެ ފަހުން އުވައިލީއެވެ. ރާއްޖޭގައި ފުރަތަމަ އުފެދުނު އެންމެ ބޮޑު ޕާޓީ ނިމިދިޔައީ އެހާ ހިތި ކޮށެވެ.

ޑީއާރުޕީ، ޕީޕީއެމް، ޕީއެންސީ، މިއީ ހައްތަހައި ވެސް އެއް ފިކުރެއްގެ ޕާޓީއެވެ. އެހެންވީމާ އޭގެން އެއް ޕާޓީ ބޮޑުވެއްޖެ ނަމަ އަނެއް ޕާޓީ ކުޑަ ވާނެއެވެ.

ފެންނަ ފެނުމުގައި ޕީޕީއެމަށް އޮތީ ޑީއާރުޕީގެ އެ ދަތުރެވެ. ޕީޕީއެމުގައި ތިބި އާންމު މެންބަރުން ހިޖުރަ ކުރަން ފަށައިފިއެވެ. އަލަށް މީހަކު ސޮއިކުރިޔަސް ކުރަނީ ޕީއެންސީއަށެވެ. ޔާމީނަށް ހަމަނިދި ނުކުރެއްވިގެން އެ އުޅުއްވަނީ ޑީއާރުޕީގެ މާޒީ އިޔާދަވާކަން އިހުސާސުވާ މިންވަރުންނެވެ!

އިހުގެ މީހުން ބުނެ އުޅެއެވެ. އެ އެއްޗެއް ނިމިދާނީ އެ އެއްޗެއް އައި ގޮތަކަށެވެ.

comment ކޮމެންޓް