ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު އެކުލަަވައިލެއްވި ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެ އެކަން އިއުލާންކުރައްވައިފިއެވެ.
އެ ކޮމިޓީން ޕާޓީ ހިންގުމާ ހަވާލުވެ މިރޭވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ޕާޓީ އޮފީހުގައި ބާއްވައިފައެެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިިވެރިވި މެމްބަރުންގެ ތެރޭގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި، ކުރީގެ ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ އިތުރުން އެ ޕާޓީގެ ސެެނެޓުގެ ބައެއް މެމްބަރުން ހިމެނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންގެ ބަދަހި ގުޅުމަކީ މިއަދު ރާއްޖެއަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ އެއީ ރާއްޖެއަށް ދިމާވެފައި ހުރި މައްސަަލަތައް ހައްލުކުރަން މުހިންމު ކަމަކަށްވުން ކަމަށް މަލީހު ފާހަގަކުރެއްވިއެވެ.
މަލީހު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންގެ ގިނަ ކަންބޮޑުވުންތަކެއް މިހާރު އެބަހުރިކަމަށެވެ. އެއީ ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި އެހެން މަސައްކަތްތަކުގައި ކަމަށް ވެސް މަލީހު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ކަން ހައްލުކުރުމަށް ޓަކައި ރައީސް ޔާމީން 13 ފޯކަލް ޕޮއިންޓަކަށް 13 ބޭފުޅަކު މިހާރު ހަމަޖައްސަވައިފައިވާކަމަށެވެ.
"އަދި އެ ހުރިހާ ބޭފުޅުންގެ ނަންތަކާއި ގުޅޭނެ ނަންބަރުތައް އަޅުގަނޑުމެންގެ މި ދެ ޕާޓީގެ [ޕީޕީއެމް، ޕީއެންސީގެ] މެމްބަރުންގެ މައުލޫމާތަށް ޓަކައި ހިއްސާކޮށްލަން. ޕާޓީއާ ގުޅޭ އެއްވެސް ކަމެއްގައި، އެއްވެސް ކަންބޮޑުވުމެއްގައި ސީދާ އެ ނަންބަރުތަކަށް ގުޅުއްވައި އަޅުގަނޑުމެންގެ އާންމު މެމްބަރުންގެ ކޯލްތައް އެ ބޭފުޅުން ނަންގަވާނެ،" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މިއީ ޕީޕީއެމް އާ ޒަމާނަކަށް ގެންދިއުމުގެ މަސައްކަތް ފަށައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ތަހައްމަލުކުރި ނުހައްގު އަނިޔާއާ ދެކޮޅަށް ކުރާ ކަމެއްކަމަށެވެ.
މަލީހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޕީޕީއެމް ޕީއެންސީގެ މެމްބަރުން ވޯޓު ދިނީ ރައީސް ޔާމީންގެ ދިފާއުގައިކަމަށެވެ. އެއީ ރައީސް ޔާމީން މިނިވަންކުރުމަށް ދިން ވޯޓެއްކަމަށް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން އައްބާސް ވިދާޅުވީ އެއްވެސް ބިރަކާ ހެދި ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް އެ ޕާޓީގެ މެމްބަރަކު ދާންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެއާއެކު އޭނާވަނީ މެމްބަރުން ޕާޓީގައި ދެމިތިބުމަށް އިލްތިމާސްކުރައްވައިފައެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ލޯކަލް ކައުންސިލުގައި ވެސް ޕީޕީއެމްގެ މެމްބަރުން ވަޒީފާއެއްގެ ބިރަކަށް ވެސް ޕީޕީއެމް ދޫކޮށްލައިފައި އެހެން ޕާޓީއަކަށް ދާން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރޭ، ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ތިއްބެވި ގޮތަށް ޕީޕީއެމްގައި ތިއްބެވުމަކީ ވަރަށް މުހިންމު ކަމެއް،" ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް މަސައްކަތް ފަށައިފައިވާ މި ދަނޑިވަޅުގައި އައްބާސް ވިދާޅުވިއެވެ.
ކުއްލި ބައްދަލުވުމެއް، ޕާޓީގެ އެސްޖީއަށް ވެސް ނޭނގޭ
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޫސްވެރިން ހިމެނޭ ޕީޕިއެމްގެ ގްރޫޕުގައި ހިއްސާކޮށްފައެއް ވެސް ނުވެއެވެ.
މި ކަމާ ގުޅޭ އެއްވެސް ތަފްސީލެއް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލާއި، ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވެސް ހިއްސާ ނުކުރައްވައެެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ޕީޕީއެމް ހިންގުމުގެ އިދާރީ ހިންގުމުގައި އިސްވާނީ ޕާޓީގެ ރައީސްކަމަށެވެ. އެހެން ކަމުން ޕާޓީގެ ރައީސް ބޭނުންފުޅުވާ ކަންކަން ކުރުމުގެ އިޚްތިޔާރު އޮންނާނެކަމަށެވެ.
"ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ދެއްވައިފައި. އަދި ސެކްރެޓަރީ ޖެނެރަލް މިހާރުވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވިއެވެ.
ހީނާއާއި ތޮލާލް އެ ކަން ރައީސް ޔާމީނަށް އަންގަވައިފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. ސްޓިއަރިން ކޮމިޓީ ރައީސް ޔާމީން އުފެއްދެވީ އެހެންވެކަމަށް އައްބާސް ވިދާޅުވިއެވެ.
ނަމަވެސް އައްބާސްގެ އެ ވާހަކަތައް ހީނާ ވަނީ ޕީޕީއެމް މީޑިއާ ގްރޫޕުގައި ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސްޕޯކްސްޕާސަންކަމުން އިސްތިއުފާ ނުދެއްވާކަމަށެވެ.
މީގެ އިތުރުން ތޮލާލް ވެސް ވަނީ އޭނާ ޕާޓީގެ އިދާރީ ހިންގުމުގައި އުޅުއްވުމަށް އުޒުރުވެރިވާކަމަށް އަންގަވައިފައިނުވާކަމަށް ވިދާޅުވެފައެވެ.