އެމެރިކާ އެންމެ ފަހުން ޔޫރަޕަށް ޚިޔާނާތްތެރި ވަނީތަ؟

ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޔޫކްރެއިން އާއި ޔޫރަޕް ބައިވެރި ނުކޮށް އެމެރިކާއިން ސީދާ ގޮތެއްގައި ރަޝިއާ އާއެކު މަޝްވަރާތައް ފެށުމާއި ޔޫރަޕްގެ ދާޚިލީ ކަންކަމާ އެމެރިކާ ބެހުމާއި އެ ނޫންވެސް އެމެރިކާއިން އެކިބާވަތުގެ ފިއްތުންތައް ޔޫރަޕަށް ކުރިމަތިކުރާތީ އެކަމާ ދެކޮޅަށް ފަރަންސޭސިވިލާތް އިސް ނަގައިގެން ޕެރިހުގައި އިއްޔެ ވަނީ ވަރަށް ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

ޔޫރަޕްގެ ލީޑަރުން އެމެރިކާއާ ދެކޮޅަށް ބޭއްވި މި ބައްދަލުވުން ވަނީ، މިކަން އިންތިޒާމުކުރި ފަރަންސޭސިވިލާތް އުންމީދު ކުރިގޮތާ މުޅިން ޚިލާފަށް ނާކާމިޔާބު ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބައްދަލުވުން ނާކާމިޔާބުވީ ދެކަމަކާ ގުޅިގެންނެވެ. އެއްކަމަކީ މިކަމަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އިސްވެރިންނަށް ދައުވަތު ދިން ނަމަވެސް ހާޒިރުވީ އެންމެ 10 ގައުމެއްގެ އިސްވެރިންކަމަށް ވުމެވެ. ދެވަނަ ކަމަކީ އެއްވެސް ކަމަކަށް އެއްބަސް ނުވެވި ބައްދަލުވުން ނިންމާލަން ޖެހުމެވެ.

އެމެރިކާއާ ދެކޮޅަށް ކުރާނެ ކަމަކާމެދު އަދި އަޅާނެ ފިޔަވަޅަކާމެދު މި 10 ގައުމުގެ ލީޑަރުން ކުރެއްވި މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވުނެވެ. އެެހެންކަމުން ބައްދަލުވުން ނިންމާލެއްވުމަށްފަހު ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވިދާޅުވީ މިއީ ނުރަސްމީ ބައްދަލުވުމެއްކަމުގައެވެ. މަޝްވަރާތައްވެސް ކުރިޔަށްދިޔައީ ނުރަސްމީ ގޮތެއްގައި ކަމުގައެވެ. މި ބައްދަލުވުމުން އެއްވެސް ކަމަކަށް އެއްބަސް ނުވެވޭ ކަމުގައެވެ.

އެެމެރިކާއާ ދެކޮޅަށް ޔޫރަޕްގެ ލީޑަރުން އިއްޔެ ފްރާންސްގައި ބޭއްވި ބައްދަލުވުން

ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ ޔޫރަޕާ މެދު ގެންގުޅޭ ސިޔާސަތު ވަރަށް ތަފާތެވެ. މި ސިޔާސަތުގެ ސަބަބުން ޔޫރަޕްގެ ގައުމުތައްވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ރުޅިއައިސްފައެވެ. ނަމަވެސް ދިފާއީ ކަންކަމުގައާ އަދި ޗައިނާއާއި ރަޝިއާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކާ މުއާމަލާތް ކުރުންފަދަ ސްޓްރެޓީޖިކް ކަންކަމުގައި ޔޫރަޕުން އެމެރިކާއަށް ބަރޯސާ ވެފައިވާލެއް ބޮޑުކަމުން އެމެރިކާއާ ދެކޮޅަށް ތެދުވުމަކީ އަދި އެމެރިކާ އާ ވަކިން ބައިނަލްއަގްވާމީ ސްޓޭންޑެއް ނެގުމަކީ ޔޫރަޕަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް، ޔޫރަޕަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އޭނާ ވަނީ ޔޫރަޕްގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުން ކުޑަކަމާއި ޑިމޮކްރަސީގެ އުސޫލުތަކަށް އަމަލުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޔޫރަޕްގައި ހަނިކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައި ޔޫރަޕްގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިއީ މިހާތަނަށް އެމެރިކާ ނުކުރާ ކަމެކެވެ. އެެހެންކަމުން މިމައްސަލާގައި ޔޫރަޕްގެ ގައުމުތައް ވަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ވޭންސް ގެ ވާހަކަތަކަކީ ޔޫރަޕްގެ ދާޚިލީ ކަންކަމާ ބެހުންކަމާއި އެކަން ގަބޫލު ނުކުރެވޭނެކަމަށް ވިދާޅުވެ ޔޫރަޕްގެ ދަށުލެވެލްގެ ބައެއް މަސްއޫލުވެރިން ވަނީ އެމެރިކާއަށް ފާޑުވެސް ވިދާޅުވެފައެވެ.

އަނެއްކޮޅުން ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު އެއްފަރާތްކޮށް ޔޫރަޕް ބާކީ ކޮށްލުމަށްފަހު ޔުކްރެއިން ހަނގުރާމަ ފަދަ ޔޫރަޕަށް ހައްސާސް ބޮޑެތި މައްސަލަތަކުގައި އެމެރިކާ ސީދާ ގޮތެއްގައި ރަޝިއާ އާ މަޝްވަރާތައް ފެށުމަކީވެސް ޔޫރަޕް އެމެރިކާ ދެކެ އިންތިހާއަށް ރުޅިއައިސްފައިވާ ކަމެކެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ޓީމު ދެކޭގޮތުގައި ރަޝިއާ ޔުކްރެއިން އާ ހަނގުރާމަ ފަށާ ހާލަތަށް ޔުކްރެއިން ގެންދިޔައީ ޔޫރަޕްގެ ގައުމުތަކާ އަދި އެމެރިކާގެ ކުރީގެ ސަރުކާރުންނެވެ.

ޔުކްރެއިން ހަނގުރާމައަށް ތިން އަހަރުވާއިރުވެސް މައްސަލަ ސުލްހަ ވެރިގޮތުގައި ހައްލުކުރުމަށް ޔޫރަޕާއި އެމެރިކާގެ ކުރީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ތިލަފަތް ހަމަ ވިސްނުމެއްވެސް ގެންގުޅެފައެއް ނުވެއެވެ. ގެންގުޅެމުން ދިޔައީ ހަރުކަށިކަމާއި ގޮތްދޫނުކުރުމެވެ. ދެކެމުން ދިޔައީ ރަޝިއާ އަސްކަރީ ގޮތުން ބަލުކުރެވޭނެކަމުގެ ހުވަފެނެވެ.

ޓްރަމްޕްގެ ސަރުކާރު ދެކޭގޮތުގައި އެމެރިކާއާއި ޔޫރަޕުން ފައިސާ އާއި ހަތިޔާރު ދީގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ރަޝިއާ އަކީ އެމެރިކާއާއި ނޭޓޯގެ އެހެން ހުރިހާ ގައުމުތަކާ އެއްވަރަށް ހަތިޔާރު އުފައްދާ ގައުމަކަށްވާތީއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރަށްވާތީއެވެ.

ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ޔޫރަޕާ އަދި ޔުކްރެއިން އާ ނުލައި އެމެރިކާއާއި ރަޝިއާ ކުރިޔަށް ގެންދަނީ

އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާ އިނދަޖެހޭނެކަމަށް އެ ދެ ފަރާތުން އަންދާޒާ ކުރިއެވެ. ނަމަވެސް ރަޝިއާ އަކީ ރެސޯސްފުލް ގައުމަކަށް ވެފައި ޗައިނާއާއި އިންޑިއާ އިގްތިސާދީ ގޮތުން ރަޝިއާ އަށް އެއްބާރުލުން ދިނުމުގެ ނަތީޖާއަކަށްވީ އެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާ އަކަށް ނުކުރުމެވެ.

މިއީ ހަގީގަތް ނަމަވެސް މި ހަގީގަތް ގަބޫލުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަދިވެސް ޔޫރަޕް ބޭނުމެއް ނުވެއެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެމެރިކާގެ ސިޔާސަތު މިވަނީ 180 ޑިގްރީއަށް ބަދަލުވެފައެވެ.

ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާ ދެކެ ޔޫރަޕް ރުޅި އަންނަ އަނެއް ސަބަބަކީ ޔޫރަޕުން ނޭޓޯއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން އިތުރުކުރަން އެމެރިކާ ބާރު އަޅައި ޔޫރަޕަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދިޔުމެވެ. އަދި އެމެރިކާއަށް އެތެރެކުރާ ޔޫރަޕްގެ މުދަލުން ނަގާ ޓެކްސް އާއި ޓެރިފް ބޮޑުކުރަން އެމެރިކާ ނިންމުުމުންނެވެ. މިއީ ޔޫރަޕް އިގްތިސާދީ ގޮތުން ބަލިކަށިވެ އެމެރިކާ ފައިބުޑަށް ވައްޓާލުމަށްޓަކައި ކުރި ވަރަށް ވޭން ދެނިވި ކަމެއްކަމަށް ޔޫރަޕް ދެކެއެވެ.

ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޔޫކްރެއިން އާއި ޔޫރަޕް ބައިވެރި ނުކޮށް އެމެރިކާއިން ސީދާ ގޮތެއްގައި ރަޝިއާ އާއެކު މިހާރުވަނީ ވާހަތައް ފަށާފައެވެ. މިކަމާބެހޭ ފުރަތަމަ ބައްދަލުވުން ބޭއްވީ ސައޫދީ ގައެވެ. ބައިވެރިވެ ވަޑައިގަތީ އެމެރިކާއާއި ރަޝިއާ ގެ ޚާރިޖީ ވަޒީރުންނެވެ.

ޔުކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމާބެހޭ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ޓްރަމްޕް އާއި ޕޫޓިން އެވެ. މި ބައްދަލުވުމުގައިވެސް ޔޫރަަޕާއި ޔުކްރެއިން ގެ ލީޑަރުންނަށް ފުރުސަތެއް ނެތެވެ. ނަމަވެސް އެނޫން އަރިމަތީ ބައްދަލުވުންތަކުގައި ޔޫރަަޕާއި ޔުކްރެއިން އަށް ފުރުސަތު ދޭނެކަމަށް ވެއެވެ.

މިމައްސަލާގައި ޔޫރަޕް ހިތްހަމަ ނުޖެހުނު ނަމަވެސް ބައިޑެން ގެ ދުވަސްވަރު އެމެރިކާ ޔުކްރެއިން ހަނގުރާމަ އަށް ޚަރަދު ކުރިގޮތަށް ޓްރަމްޕްގެ ސަރުކާރުންވަނީ ޔުކްރެއިން ހަނގުރާމަ އަށް ޚަރަދު ނުކުރާނެކަމަށް ސީދާ ގޮތެއްގައި ބުނެފައެވެ. ވީމާ، ރަޝިއާ އަށް ދޫނުދީ ހަނގުރާމަ ކުރިޔަށް ގެންދަން ޔޫރަޕް ބޭނުންވާނަމަ ހަނގުރާމައިގެ ހުރިހާ ޚަރަދެއްގައި ހިފަންޖެހޭނީ ޔޫރަޕެވެ. މިއީ އެމެރިކާއާ ނުލައި ޔޫރަޕަށް ކުރެވޭ ވަރަށް ވުރެ މާބޮޑު ޚަރަދެއްކަމަށް ތަޖުރިބާ ކާރުން ވިދާޅުވެއެވެ.

އެހެންކަމުން ހިތް ނުރުހުނު ނަމަވެސް ރަޝިއާ އަށް ދޫ ދިނުން ނޫންގޮތެއް ޔޫރަޕާއި ޔުކްރެއިން އަކަށް ނޯންނާނެއެވެ. މިހާރު ވަގުތު ފާއިތުވެފައިވާތީ ރަޝިއާ އަށް ދޭންޖެހޭ ދޫތަކަކީވެސް ވޭންދެނިވި ދޫތަކެކެވެ.

ރަޝިއާ ބޭނުންވާ ދޫތަަކަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާ އަށް ދޫކޮށްލުމެވެ. އެއީ ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. އަނެއްކަމަކީ ނޭޓޯގެ މެންބަރަކަށް ޔުކްރެއިން ނުހަދާނެ ކަމުގެ ގެރެެންޓީއެވެ. މިދެ ކަންތަކަށް އެއްބަސްވާން އެމެރިކާ އޮތީ ތައްޔާރަށެވެ. ނަމަވެސް މިއީ ޔުކްރެއިން އާއި ޔޫރަޕަށް ވަަރަށް ވޭން ހުރި ކަމެކެވެ.

ދެވަނަ ބޮޑު ހަނގުރާމައާއެކު ޔޫރަޕްގެ ބާރުތައް ވަނީ ބަލިކަށިވެ އޮއްސިފައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހުޅަނގުގެ ލީޑަރުކަމުގެ މަގާމު ހޯދާފައިވަނީ އެމެރިކާއެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން އާ އަދި މިހާރުގެ ރަޝިއާގެ ކުރިމަތީގައި ޔޫރަޕް ދިފާއުކޮށްދެނީވެސް އެމެރިކާ އެވެ.

ޔޫރަޕް ދިފާއީ ކަންކަމުގައި 80 އިންސައްތަ ބަރޯސާވަނީ އެމެރިކާ އަށެވެ. މުޅި ޔޫރަޕްގައި އޮތީ އެމެރިކާގެ އަސްކަރީ ބާރާއި ނުފޫޒެވެ. ޔޫރަޕްގެ ގައުމުތަކުގައި އެމެރިކާގެ އެތަށް ލައްކަ ސިފައިން ރުކުރުވާލާފައިވެެއެވެ. 80 އަށް ވުރެ ގިނަ އަސްކަރީ ބޭސްތަކާއި މަރުކަޒުތައް އެބަހުއްޓެވެ.

އަދުގެ ދުނިޔޭގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އަދި ހަތިޔާރާއި އަސްކަރީ ބާރުގެ ގޮތުން އެމެރިކާފަދަ ބޮޑެތި ބާރުތަކުގެ ލެވެލްގައި ހިމެނެނީ ރަޝިއާ، ޗައިނާ އެވެ. ޔޫރަޕް ނުހިމެނެއެވެ. ޔޫރަޕް އެއަށްވުރެ މާކުޑައެވެ. އެމެރިކާ، ރަޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުގެ ކުރިމަތީގައި ޔޫރަޕްގެ ގައުމު ތަކަކީ ވަރަށް ކުދިކުދި ގައުމުތަކެކެވެ. އެކަހެރިގޮތެއްގައި އެއްވެސް ދައުރެއް އަދާކުރެވޭ ވަރަށްވުރެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން މިދެ ގައުމާ އަޅާބަލާއިރު ވަރަށް ކުދި ކުދި ގައުމުތަކެވެ.

ޔޫރަޕްގެ ގައުމުތަކަކީ ޗައިނާއާއި ރަޝިއާގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ވަރުގެ ކުދި ގައުމުތަކެވެ. އެހެންކަމުން މުޅި ޔޫރަޕް އެކަތި ގަނޑަކަށް ވެގެން މެނުވީ ނުވަތަ އެމެރިކާގެ ހިމާޔަތުގެ ދަށުން މެނުވީ ޔޫރަޕްގެ ގައުމުތަކަށް ރަޝިއާއާއި ޗައިނާ ފަދަ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފަތިގަނޑު ހާކާލެވޭ ވަރުވެސް ނުވެއެވެ.

comment ކޮމެންޓް