ކުރީގެ ރައީސް ޔާމީންގެ އާ ޕާޓީ އުފައްދަން ހުއްދަދީފި

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އަދުރޭއަށް އަރުވަނީ-- ފޮޓޯ: އިލެކްޝަން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެެއްދުމުގެ ހުއްދަ އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަން ކޮމިޝަންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުވަތަ ރަޖިސްޓްރީ އެ ކޮމިޝަނުން ޕީއެންސީ އުފެއްދުމަށް ހުށަހެޅުއްވި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲއަށް ވަނީ އަރުވައިފައެވެ.

މީގެ ކުރިން ޕީއެންސީ އުފައްދަން ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ހުއްދައެއް ނުދިނެވެ. އިލެކްޝަނުން އޭރު ބުނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނީ ޕާޓީ އުފެއްދުމަށް އަދުރޭ ހުށަހެޅުއްވިއިރު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވުމުން ކަމަށެވެ. އަދުރޭ ފަހުން ވަނީ އާ ޕާޓީ އުފެއްދުމުގެ ގޮތުން ޕީޕީއެމްއިން އިސްތިއުފާވެސް ދެއްވައިފައެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާފައި މިވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ސުޕްރީމު ކޯޓުގައި އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

ކުރީގެ ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މުސްތަގްބަލާ މެދު ގޮތެއް ނުނިމި ކަށި ކުނބުރު ވަލެއްގެ ތެރޭގައި ހިނގަން ބޭނުން ނުވާ ކަމަށާއި، އެމަނިކުފާނަށް ތާއިދު ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެވެން އޮތީ އާ ޕާޓީއެއް ހަދައިގެން ކަމަށެވެ.

comment ކޮމެންޓް