ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އަންނަ އަންގާރަ ދުވަހު ގޮތެއް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަގާ ވޯޓު މިމަހުގެ 30ގެ ކުރިން ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާއެކުއެވެ.
ނަމަވެސް އެމްޑީޕީން އަދި މިހާތަނަށް ރަސްމީކޮށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ނިޒާމީ ވޯޓާ ގުޅިގެން ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވަން މަސައްކަތްކުރަމުންދާ ކަމަށެވެ.
"އިންތިޚާބާ ގުޅިގެން ގިނަ މެންބަރުން ނެތުމުން ގޮތެއް ނިންމަން ލަސްވަނީ، ވީހާވެސް ގިނަ މެންބަރުން ބައިވެރިކުރަން ބޭނުންވަނީ،" އިބުރޭ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ ގިނަ މެންބަރުން މިހާރު ވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ނިޒާމު ބަދަލުކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިތުބާރު ނުކުރާނެ ކަމަށް ވެސް ބައެއް މެންބަރުން ބުނެފައިވެއެވެ.
އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނުން މަޝްވަރާކޮށްފައި ވަނީ ނިޒާމީ ވޯޓު 29ގައި ނެގުމަށެވެ. ނަމަވެސް ނިޒާމީ ވޯޓާ ގުޅިގެން ސާފުކުރަން ހުރި ބައެއް ކަންކަން ސާފުކުރުމަށް އީސީން މަޖިލީހަށް ވަނީ އަލުން ސިޓީއެއް ފޮނުވައިފައެވެ.
މަޖިލީހުން ވަނީ އީސީގެ އެ ސިޓީއަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފައެވެ.
ނަޝީދަށް ތާއީދުކުރާ މެންބަރުން ހިމެނޭ ޑިމޮކްރެޓްސްއިން މަޖިލީހުގައި އަންނަނީ ނިޒާމީ ވޯޓު ނެގުމާ އެއްކޮޅަށް ވަކާލާތުކުރަމުންނެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދުކުރުމަށް ހުށަހެޅި ޝަރުތަކީ ވެސް ދެވަނަ ބުރުގެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް އެއްބަސްވުމަށެވެ. ނަމަވެސް އެމްޑީޕީން އޭރު ބުނެފައި ވަނީ ގޮތެއް ނިންމާނީ އިންތިޚާބަށް ފަހު ކަމަށެވެ.