މަހުލޫފް، ޑިމޮކްރެޓްސްއަށް: އިބޫ ނޫން ގޮތެކޭ ބުނުމަކީ ބަރުލަމާނީއަށް ނޫނެކޭ ބުނުން

މިނިސްޓަރު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

ދަ ޑިމޮކްރެޓްސްގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ނޫން ގޮތެކޭ ބުނުމަކީ އެމްޑީޕީގެ މެންބަރުން ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށް އެޅޭ ބާރެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން "އިބޫ ނޫން ގޮތެކޭ" ބުނަމުން ދިއުމަކީ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫން ގޮތެކޭ ބުނުމަށް ދެވޭ ޖާގައެއް ކަމަށެވެ.

މީގެ އިތުރުން ދެ ޕާޓީ ގުޅުމަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ ހިތްހަމަ ނުޖެހުންތައް އެއްފަރާތްކޮށް އެއްބަޔަކު އަނެއްބަޔަކާ ގުޅެން ޖެހޭ ކަމަށެވެ. އަދި، ޑިމޮކްރެޑްސްގެ ލީޑަރުން މިކަމާ މެދު ވިސްނުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

''މިއީ އޮތް ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފަންވީ ވަގުތު. ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު. ބައެއްގެ ފިތުނައިގައި ނުޖެހި އެއްބައިވާންވީ ވަގުތު،'' މަހުލޫފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ނިޒާމާ ގުޅޭ ގޮތުން އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެންމެ ފަހުން ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދެވީއެވެ.

https://sun.mv/182368

ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. މިދިޔަ ބުދަ ދުވަހު އެ ގަރާރު ފާސްކުރީ އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭހެން މަޖިލީހުގެ 35 މެންބަރުންގެ ތާއިދާ އެކުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަޝްވަރާކޮށް، ނިޒާމާ ގުޅޭ ވޯޓު ނަގަން ބޭނުންވާ ބަޖެޓު ލިބިއްޖެނަމަ އަންނަ މަހުގެ 29ގައި ނިޒާމާ ގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް