ބައްދަލުކުރެއްވުމުގައި ރައީސް އެދިވަޑައިގަތީ ނަޝީދުގެ ތާއީދަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ ތާއީދަށް އެދިވަޑައިގަތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނަޝީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ ބޭފުޅުން ދެއްކެވި ވާހަކައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ކަމަށެވެ.

އޭގެ ތެރޭގައި، އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅިގެން ކަންތައް ކުރަންވާ ގޮތާއި އިންތިޚާބުގެ ދެވަނަ ބުރާ ގުޅުން ހުރި މަޝްވަރާތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ބޭފުޅުންގެ ނިއުޓްރަލް ސްޓޭންޑުގައި ތިއްބަވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރާނެ ކަމަށް ނިންމާފައިވީ ނަމަވެސް ނަޝީދު، ރައީސަށް ތާއިދު ކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު ވާހަކަދެއްކެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އޭގެ ތަފްސީލްތައް އަދި އަޅުގަނޑުމެން ފަހުން ހާމަކުރާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން ދެ ބޭފުޅުން އެއްބަސްވެވަޑައިގަތީ ދެވަނަ ބުރަށް ފަހު އެ ވޯޓުގެ މަސައްކަތްތައް ފެށުމަށް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ނިޒާމާ ގުޅޭ ގަރާރު މަޖިލީހުން ފާސްކުރީ އެމްޑީޕީ މެންބަރުންގެ ތާއިދާއެކުގައެވެ. އެ ވޯޓު ނަގަން މަޖިލީހުން އީސީއަށް އެންގުމުން، އެ ކޮމިޝަނުން ވަނީ ބަޖެޓު ލިބުމާއެކު ވޯޓުގެ ތައްޔާރީތައް ފެށޭނެ ކަމަށް ބުނެފައެވެ.

ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅި ޝަރުތަކީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙް މީގެ ކުރިން ވިދާޅުވެފައި ވަނީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި، ދަ ޑިމޮކްރެޓްސްއިން އެދުނު ގޮތަށް އެ ވޯޓު ނަގަން އެ މަނިކުފާނު އެއްބަސްވެވަޑައިގަތް ނަމަވެސް، ނިޒާމާ ގުޅޭ ގޮތުން އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ބަދަލުނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަޝީދު މިއަދު ރައީސާ ބައްދަލުކުރެއްވިއިރު، މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ނިޒާމީ މަޝްވަރާއަށް ޕީޕީއެމް/ ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޔާމީން ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅުހައްދަވާފައެވެ.

comment ކޮމެންޓް