ރައީސް ޔާމީން! މި ނޫން ލަވައެއް ކިޔަން ޖެހޭ!

ހަވާލޭ ވަތަން ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ރައީސް ޔާމީން! ރައީސް ޔާމީން! ރައީސް ޔާމީން!

މި ނޫން ހަމަ އެއްވެސް އެހެން ނަމެއް ކިޔާކަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ވެސް އަދި އާއްމު މެމްބަރަކަށް ވެސް ނުކުރެއެވެ. ކިޔައިފިނަމަ އެ މީހަކާ ދޭތެރޭ ދެން ކަންތައް ވެގެން ދާނެ ގޮތެއް ނޭނގޭތީއެވެ. ޖަލު ހުކުމެއްގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. މި ހާލަތުގައި ވެސް އެ ހުވަފެން އެހެން ބޭފުޅަކު ދުށުން މިވަނީ ބޮޑު ކުށަކަށް ހަދައިފައެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ރޭ ދިން މަރުގެ އިންޒާރުން ވެސް މިކަން ސާފުވެއެވެ. ޔާމީންގެ ބަދަލުގައި އިންތިޚާބުގައި ވާދަކޮށް ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭ ވަރުގެ ލީޑާޝިޕެއް ހުރި ބޭފުޅަކަށް ޕީޕީއެމްގެ ތެރޭގައި ހުރީ މުއިއްޒެވެ. އެހެންވެ އޭނާއަށް އެ ފުރުސަތު ދިނުމަށް އެދޭ ބަޔަކު ޕީޕީއެމްގެ ތެރޭގައި އެބަތިއްބެވެ. އެ ވާހަކަތައް ދެކެވި، އެ ކަމަށް ނުރަސްމީކޮށް މަސައްކަތް ފެށުމާއެކު ޕާޓީ ތެރެ މިވަނީ ގޯސްވެފައެވެ.

ސުވާލަކީ މިހާ ހިސާބަށް ކަންކަން ދާން ޖެހޭތޯއެވެ؟ އަދި މިއީ ޑިމޮކްރަސީއެއްގައި ކަން ހިނގަން ޖެހޭ ގޮތްތޯއެވެ؟ ވެރިކަމަށް ކުރިމަތިލާން އުޅުމަކީ މިހާ ބޮޑު ކުށަކަށް ހަދަން ޖެހޭތޯއެވެ؟

ފުރަތަމަ ކަމަކަށް ސިޔާސީ ދާއިރާގައި ގިނަ ބޭފުޅުން ހަރަކާތްތެރިވަނީ ވެރިކަން ކުރުމުގެ ހުވަފެން ދެކިގެންނެވެ. އެކިއެކި މަގާމުތައް އަދާކުރަމުން ގޮސް، މީހުންގެ ތާއީދު ހޯދައި އެ ގައުމެއްގެ ވެރިއަކަށް ވުމަކީ ގިނަ ސިޔާސީ މީހުންގެ ހުވަފެނެކެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަން އޮންނަން ޖެހޭ ގޮތެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް ވިއްޔާ އެ ޕާޓީގެ އެތެރެއިން ޑިމޮކްރަސީގެ އުސޫލުން ކުރިއަރައި ދިއުމުގެ ފުރުސަތު ފަހިވެފައި އޮންނަން ޖެހެއެވެ.

ނަމަވެސް ރާއްޖޭގެ ބައެއް އެހެން ޕާޓީތަކެކޭ އެއްގޮތަށް ޕީޕީއެމްގެ ތެރެއިން އެ މަންޒަރެއް ނުފެނެއެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ވެސް ރިޔާސީ ޓިކެޓް އެހެން ބޭފުޅަކު ހޯދަން އުޅުން މިވަނީ ބޮޑު ކުށަކަށް ހަދައިފައެވެ. ސިޔާސީ މައިދާނުގައި ބަސްބުނުމާއި އެ މީހެއްގެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް އޮންނަން ޖެހެއެވެ. ނަމަވެސް ޕީޕީއެމްގެ އެތެރޭގައި ރައީސް ޔާމީން ބޭނުންވާ ގޮތް ނޫން ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނޯވެއެވެ. ނަފްސު ގަބޫލު ނުކުރާ ކަމެއް ނަމަވެސް ޖެހެނީ އާއެކޭ ބުނާށެވެ.

ޑިމޮކްރަސީ ކުރިއަރާނީ އެންމެން ބައިވެރި ކޮށްގެން، އިންސާފުވެރި ވާދަވެރިކަމާއި، ތަފާތު ވިސްނުންތައް ތަމްސީލުކުރުމުގެ އުސޫލުގެ ތެރެއިންނެވެ. އެންމެ ބޭފުޅެއް، ނުވަތަ މަދު ބައެއްގެ އަތުގައި ހުރިހާ ކަމެއް ނިންމުމުގެ ބާރޮ އޮވެއްޖެ ނަމަ ކަންކަން ވާނީ ވަރަށް ހުދުމުހުތާރު ގޮތަށެވެ. ޕީޕީއެމްގެ ތެރެއިން ފެންނަނީ އެ މަންޒަރެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް 2018 ގައި ވެސް އަދި މި ފަހަރު ވެސް ޔާމީނަށް ދިނީ ޕްރައިމަރީއަކާ ނުލައެވެ. އެކަމަށް އެދޭ ބޭފުޅުންނަށް ވާދަ ކުރުމުގެ ފުރުސަތެއް ނުދެއެވެ. ދުޅަހެޔޮ ޑިމޮކްރަސީއެއްގައި ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ހުރަސްތަކެއް ނެތި، ޕާޓީގެ އިސްވެރިންގެ ތަދައްޚުލުވުމެއް ނެތި އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ލިބެން ޖެހެއެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހެޅުމާ އެކު އެ ކޮމިޝަނުން ނިންމާފައި މިވަނީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތުގައި، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީނަށް ނެތް ކަމަށެވެ. އެ މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. އެ އިންތިޒާރު ކުރަނީ އެ ކޯޓުގެ ނިންމުމަކަށެވެ. އެންމެ ފުރުސަތު ބޮޑު ގޮތަކީ ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމެވެ. އިންތިޚާބުގައި ވާދަ ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާއިރު މި ހާލަތުގައި އެ ޕާޓީން އިތުރު ގޮތެއް ހޯދަން ޖެހެއެވެ. އެގޮތެއް ކަނޑައަޅަން އެންމެ ރަނގަޅީ ޕާޓީގެ އާއްމު މެންބަރުންގެ ލަފާގެ މަތިން ކަމަށް ފެނެއެވެ. ހަމައެކަނި ޔާމީނަށް ނުވަތަ އެ މަނިކުފާނަށް ކޮންޓްރޯލް ކުރެވޭ މަދު ބަޔަކަށް ފެންނަ ގޮތް އެއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ.

ޔާމީން ނޫން ޗޮއިސް އަކަށް ޕީޕީއެމްގެ އެތެރެއިން ފުރުސަތު ނުދޭން އެމަނިކުފާން ގޮތް ދޫނުކުރައްވާ ސަބަބު ވަރަށް ސާފެވެ. ޔާމީނަށް ރިޔާސީ ޓިކެޓް ލިބި، ވެރިކަން ލިބުމާއެކު ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕާޓީ ގެއްލުނު ގޮތް އެމަނިކުފާނަށް އެނގިލައްވާތީއެވެ. އަދި ރައީސް އިބްރާހީމް ޞާލިޙަށް ވެރިކަން ލިބުމާއެކު ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ތެރޭގައި ކުރަމުން އައި ރަސްކަން ނިމުމަކަށް އައި ގޮތް ވެސް އެނގިލައްވާތީއެވެ. އެ ތަޖުރިބާ ކުރައްވައި ޕީޕީއެމްގެ ކޮންޓްރޯލް ގެއްލެން ޔާމީން ބޭނުންފުޅު ނުވާނެތީއެވެ. އެއީ މިކަން އޮތްގޮތެވެ.

ނަމަވެސް ސުވާލަކީ އެންމެ ބޭފުޅެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ޕާޓީއެއް ގުރުބާން ކުރެވޭނެތޯއެވެ؟ ހަމަގައިމުވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން އެ ޕާޓީގެ 40،000 އާއްމު މެންބަރުން ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އިންތިޚާބަށް ކެންޑިޑޭޓަކު ދައްކަން ޖެހެއެވެ. އަދި، އެ ކެންޑިޑޭޓަކީ ޔާމީންގެ ކޮންޓްރޯލް އޮތް ބޭފުޅަކަށް ވުރެން ބޮޑަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ، އަދި އާއްމު މެންބަރުންގެ ތާއީދު އޮތް ބޭފުޅަކަށް ވާން ޖެހެއެވެ.

މި ފަހުގެ ތާރީހެއްގައި މިހާ ފޯރި ކުޑަ އިންތިހާބެއް ނާދެއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެވުމުން އެމަނިކުފާން ވެސް ބޭނުންވީ އެމްޑީޕީއިން އެހެން ކެންޑިޑޭޓެއް ނުނެރުމަށެވެ. އެއީ، މިހާރު އެ މަނިކުފާނަށް ޖެހިފައިވާ ހާލު ޖެހޭނެތީއެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕުން އެ ފުރުސަތެއް ނުދިނެވެ. ޕްރެޝަރުތައް ކުރިމަތި ކުރުވިއެވެ. ނަތީޖާއަކަށްވީ ރައީސް ޞާލިޙަށް ކެންޑިޑޭޓުކަން ލިބި އިންތިޚާބު ކާމިޔާބު ކުރުމެވެ.

ރައީސް ޔާމީން! ރައީސް ޔާމީން! މިހެން ކިޔައިކިޔައި ޕީޕީއެމްއަކަށް ވެސް ތިބެވޭކަށް ނެތެވެ. އިންތިޚާބު ބޯމަތިވެއްޖެއެވެ. ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރަން އެބަޖެހެއެވެ. ވަކި ބޭފުޅަކު ބޭނުންހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޕީޕީއެމްގެ އެތެރެއިން އަދި ފެންނަނީ ޑިމޮކްރަސީއާ ބީރައްޓެހި ހުދުމުހުތާރު ކަމެކެވެ. އެކަން ބަދަލުވާން ޖެހެއެވެ.

comment ކޮމެންޓް