ނަމެއް ވިދާޅުނުވެ، ޔާމީން އެދިވަޑައިގަތީ ސެނެޓުން ކެންޑިޑޭޓަކު ނިންމަން

ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕީޕީއެމާ އެކު އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ކޯލިޝަން ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދޫކޮށްލަން ލީޑާޝިޕުން ނިންމި ނަމަވެސް، އެ މަނިކުފާނު އަމިއްލަފުޅަށް ކެންޑިޑޭޓަކު ކަނޑައަޅަން ޔާމީން ދެކޮޅު ހައްދަވައިފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެހެންވެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

https://sun.mv/180247

އީސީގެ ނިންމުން، ސުޕްރީމް ކޯޓަށް ހުށަހަޅަން ޕީޕިއެމުން އަންނަނީ ތައްޔާރު ވަމުންނެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމައިފާނެތީ، ޔާމީން ވަނީ ޕީއެންސީން 'ބެކަޕް' ކެންޑިޑޭޓެއް ނެރެން އެދިލައްވައިފައެވެ.

އެހެންވެ، މިދިޔަ ހޯމަ ދުވަހު އެ ކޯލިޝަންގެ ލީޑާޝިޕުން ނިންމީ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ޔާމީނަށް ދޫކޮށްލައިށެވެ. އަދި، އެ މަނިކުފާނު ކަނޑައަޅުއްވާ ކެންޑިޑޭޓަކަށް ސެނެޓުން ތާއީދު ކުރާށެވެ.

https://sun.mv/180215

އެކަމަކު، އަމިއްލަފުޅަށް ކެންޑިޑޭޓަކު ކަނޑައަޅަން ޔާމީން ވަނީ ދެކޮޅު ހައްދަވައިފައެވެ. ގާނޫނީ ވަކީލުން މެދުވެރިކޮށް ލީޑާޝިޕަށް ފޮނުއްވި މެސެޖެއްގައި އެ މަނިކުފާނު އެދިވަޑައިގެންފައިވަނީ ޕީއެންސީގެ ކެންޑިޑޭޓަކު އެ ޕާޓީގެ ސެނެޓުން ކަނޑައެޅުމަށެވެ.

ޕީއެންސީގެ ޓިކެޓުގެ ޝައުގުވެރިކަމުގައި ލީޑާޝިޕުގެ ގިނަ ބޭފުޅުންތަކެއް ތިބިއިރު، އެ ކޯލިޝަންގެ އެތެރޭގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި، ކެންޑިޑޭޓަކު ކަނޑައަޅަން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.

ޕީއެންސީ އަކީ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފައި ބޭބޭފުޅު މައުމޫން އަބްދުލައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެެވެ.

ޕީއެންސީގެ ރައީސަކަށް ހުންނަވަނީ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އަދި، އެ ކޯލިޝަންގެ ގިނަ މަޖިލިސް މެންބަރުންތަކެއް ވެސް ތިއްބަވަނީ ޕީއެންސީގައެވެ.

comment ކޮމެންޓް