ޕީއެންސީގެ ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ޔާމީނަށް

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަން ތައްޔާރުވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި ޕީޕީއެމާ އެކު އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ނެރޭނެ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައެޅުމުގެ ބާރު ޔާމީނަށް ދޫކޮށްލަން އެ ދެ ޕާޓީގެ ލީޑާޝިޕުން މިއަދު ނިންމައިފިއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިއަދު ވަނީ ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައެޅުމުގެ ބާރު ޔާމީނަށް ދޫކޮށްލަން ނިންމައިފައެވެ.

"ލީޑާޝިޕުން ނިންމީ، ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ވެސް ރައީސް ޔާމީނަށް ދިނުމަށް. އެ މަނިކުފާނު ނިންމެވީމާ، ލީޑާޝިޕުން ފުރިހަމައަށް ތާއީދު ކުރާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން ރިޝްވަތު ބައްލަވައިގެން އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

https://sun.mv/180205

އެކަމަކު، ޖަލުގެ ތޭރިތަކުތެރޭ ހުންނަވައިގެން އެ މަނިކުފާނު ވަނީ އިންތިޚާބުގައި ވާދަކުރައްވަން، ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، އިއްޔެ އެ މަނިކުފާނު ވަނީ، ރަނިންމޭޓެއްގެ ގޮތުގައި އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި 2013 ވަނަ އަހަރު ވެސް އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައިފައެވެ.

އެހެންވެ، ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޕީޕީއެމުން މިހާރު އަންނަނީ ކުރަމުންނެވެ.

ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ، ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ލީޑާޝިޕުން ނުނިންމާ ކަމަށާއި އެ އިޚްތިޔާރު ޔާމީނަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި، އެ ޕާޓީގެ އެފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދު ހޯއްދަވާނެ ކަމަށެވެ.

ނަމަވެސް، މިހާރު ވެސް ޖަލުގައި އޮންނެވި ޔާމީންގެ ފޯމު ބަލައިގަތުމަކީ ނާދިރު ކަމެކެވެ. އެ މައްސަލައިގައި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ވެސް އޮތީ މަޑުޖެހިފައެވެ. އެހެންވެ، ޔާމީންގެ ފޯމު ބަލައިނުގައިންފާނެ ހާލަތެއްގައި 'ބެކަޕް' ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ފޯމު ހުށަހަޅަން ޔާމީން ވަނީ އެދިފައެވެ.

ޕީއެންސީ އަކީ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފައި ބޭބޭފުޅު މައުމޫން އަބްދުލައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެެވެ.

ޕީއެންސީގެ ރައީސަކަށް ހުންނަވަނީ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އަދި، އެ ކޯލިޝަންގެ ގިނަ މަޖިލިސް މެންބަރުންތަކެއް ވެސް ތިއްބަވަނީ ޕީއެންސީގައެވެ.

comment ކޮމެންޓް