ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

މެންބަރު ހަސަން ލަތީފް: އޭނާ ހުށަހެޅުއްވި އިސްލާހު ވަނީ އަނބުރާ ގެންގޮސްފައި --- ފޮޓޯ/ މަޖިލިސް

ދާއިރާގެ ރައްޔިތުންގެ ވޯޓަކުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ހިމެނޭހެން، އިތުރު ދެ އިސްލާހެއް އިއްޔެ އަނބުރާ ގެންގޮސްފިއެވެ.

ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެންބަރު މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.

އެކަމަކު، އިއްޔެ އޭނާ އެ އިސްލާހު އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާނުކުރައްވައިފައެވެ.

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ގޮތަށް މަޖިލީހުން މީގެ ކުރިން އެންޓި-ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނަށް މިހާރު އަމަލުކުރަމުން އައި ނަމަވެސް އެ ގާނޫނާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ.

ހަސަން އަނބުރާ ގެންނެވި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުން ވަކިވާނެ ކަމަށެވެ. އަދި، އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެއެވެ.

ހަމައެއާއެކު މި އިސްލާހަކީ މެންބަރަކު މަގާމުން ވަކިކުރަން އެ މެންބަރަކު އިންތިޚާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރަން އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރެވޭ އިސްލާހެކެވެ.

މީގެ އިތުރުން ވެސް ގަނޫނުއަސާސީއަށް ބަދަލުގެނައުމަށް ހުށަހެޅި އިތުރު ދެ އިސްލާހެއް އިއްޔެ އަނބުރާ ގެންގޮސްފައިވާ ކަމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާނުކުރިއެވެ. އެ ދެ އިސްލާހަކީ:

  • މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު
  • އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ އިސްލާހު

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދުވަހަކީ، މި މަހުގެ 13 ވަނަ ދުވަހެވެ. އެގޮތުން، މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.

comment ކޮމެންޓް