ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމައިފި

އޮގަސްޓް 2، 2021: ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ދާދި ދެންމެ ނިންމައިފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެކަމަކު، ޖަލުގައި އޮންނަވައިގެން އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ރަނިންމޭޓެއްގެ ގޮތުގައި 2013 ވަނަ އަހަރު ވެސް ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅި، އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސައިފައެވެ.

ޕީޕީއެމުން މިއަދު ވަނީ ޔާމީންގެ ފޯމު އީސީއަށް ހުށަހަޅައިފައެވެ. އެކަމަކު، މިއަދު އީސީން ނިންމީ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

އީސީން މިއަދު ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، ޖީނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާނަމަ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

އީސީގެ ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ޔާމީނަށް ލިބިގެންވެއެވެ.

ފޯމު ހުށަހަޅަން އީސީއަށް ވަޑައިގެން މިއަދު ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޖަމީލު ވިދާޅުވީ، ވާދަ ނުކުރެވޭ ގޮތަށް އީސީން ނިންމައިފި ނަމަ، ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ.

އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޔާމީން އިއްޔެ ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އިރުޝާދު ދެއްވައިފައެވެ. އެހެންވެ، ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ އިހްތިޔާރު ޔާމީނަށް ދޭން ލީޑާޝިޕުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް