ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 ސިފައިން މިހާރު އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ފޮނުވާލަން ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވުމެއްވެފައެވެ.
އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ތަފުސީލުތައް ހޯދަން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށެވެ.
އެކަމަކު، އިންޑިއާ ސިފައިންގެ އަދަދުތަކާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރާނީ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެ އައީ ކިތައް މީހުންކަން ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ހުކުރު ދުވަހުގެ ކުރިން ފޮނުވައިލުމަށެވެ. އަދި، އެ ސިފައިންގެ ބަދަލުގައި ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ދުއްވާއި މަރާމާތުކުރަން ބޭނުންވާ މަދަނީ މީހުން ގެންނަން ވެސް ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވެފައެވެ.
ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި ތިބި ކަމަށް މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން އޮތީ އިންޑިއާގެ 89 ސިފައިންނެވެ. އެ އެންމެން ވެސް ހުކުރު ދުވަހުގެ ކުރިން ރާއްޖެއިން ފައިބާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށް ފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް ކަމަށެވެ.
އަދި، ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.