ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 19 ވަނަ ދައުރު ނިމެން ގާތްވެފައިވާއިރު، މިހާތަނަށް މަޖިލިސް ތަޅުމުގައި ޖަވާބުނުލިބޭ 21 ސުވާލަކާއި 322 ޝަކުވާގެ ސިޓީ އެބައޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަން ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، މެންބަރުން ހުށަހަޅާފައިވާ 21 ސުވާލެއް އަދިވެސް ނުނިމި އެބައޮތް ކަމަށެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ތަނުން ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރި ކަމަށާއި ނަމަވެސް ވަޒީރުންނާއި ސުވާލު ހުށަހެޅި ބައެއް މެންބަރުންނަށް ވަގުތުނުވުމުގެ ސަބަބުން ސުވާލެއް އެޖެންޑާނުކުރެވުނުކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އެކަމަކު، މި ދައުރު ނިމުމުގެ ކުރިން އެ ސުވާލުތަކަށް ޖަވާބު އެރުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މާދަމައަށް ވެސް އިތުރު ސުވާލުތައް އެޖެންޑާ ކުރެވޭތޯ މަޖިލިސް އިދާރާއިން މަސައްކަތްކުރާނަން. ހާއްސަކޮށް ސުވާލު ކުރައްވާފައިވާ މެންބަރުން މި ކަމަށް ވަގުތު ހުސްކޮށްދެއްވުން އެދެން،" އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައި އޮތް 322 ޝަކުވާގެ ސިޓީއެއް މިހާތަނަށް ޖަވާބު ނޭރުވި އެބައޮތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"އާއްމު ގޮތެއްގައި މަޖިލީހުން އަމަލުކުރާ ގޮތަކީ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ފޮނުއްވާ ސިޓީތައް އާއްމު ކޮމިޓީއަށް ފޮނުވާ، އެ ކޮމިޓީން ޖަވާބުދެވޭ ސިޓީތަކަށް ޖަވާބު ދިނުމާއި، އަދި ހުށަހެޅޭ ޝަކުވާތަކާ ގުޅޭ ކޮމިޓީތަކަށް އެ ސިޓީތައް ފޮނުވުން،" އަސްލަމް ވިދާޅުވިއެވެ.
"މިހާރު ވާނީ އާއްމު ކޮމިޓީން ޖަވާބުނުދެވޭ ސިޓީތައް އެހެން ކޮމިޓީތަކަށް ފޮނުވިފައި. އެހެންކަމުން އަޅުގަނޑު ކޮމިޓީތަކުގެ އިއްޒަތްތެރި މުގައްރިރުންނަށް ދަންނަވާލަން އަޅުގަނޑުމެން މަޖިލިސް ނިމުމުގެ ކުރިން ސިޓީތަކަށް ޖަވާބެއް ދެއްވުމަށް،"
އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ނިންމުމަށްޓަކައި ބުރާސްފަތި ދުވަހާއި އަންނަ އާދިއްތަ ދުވަހު ވެސް އިތުރު ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތްތައް ކުރަން މަޖިލިސް އިދާރާއިން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ނިމެން މިދާ 19 ވަނަ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ނުކުރެވި، ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސްފައިވެއެވެ.
މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ދެ ފަހަރެއްގެ މަތިން ވެއްދުމާ އެކު މަޖިލިސް ހޫނުވެ، ޖަލްސާތައް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. އެކިއެކި ސަަބަބުތަކާ ހުރެ މަޖިލީސް ހުއްޓުވާލައިގެން ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އެ މައްސަލަ ހައްލުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.
އަލަށް އިންތިޚާބުވި 20 ވަނަ މަޖިލީހުގެ 93 މެންބަރުން ހުވާކުރައްވާނީ މި މަހު 28 ގައެވެ.