ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިޒާޖުފުޅު ހުންނަ ގޮތުން ގޮތްދޫކުރެއްވިޔަސް، އަދި ނުކުރެއްވިޔަސް ޔަގީންވާ ކަމެއް އެބައޮތެވެ. މީގެ 44 ދުވަސް ފަހުން ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭގޮތް ވުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ. ތަންފީޒު ކުރައްވަމުން އަންނަ ޖަލު ހުކުމުގެ ސަބަބުން އެ ފުރުސަތު ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން މާޒީގައި ކަން ހިނގާފައި ވާގޮތާއި މިއަދުގެ ހާލަތަށް ބަލާއިރު ވެސް ކޮންމެ ފަދަ ނިޔާއެއް ވެސް ކަނޑައަޅައިފާނެއެވެ.
ޕާޓީގެ ތެރެއިން އިތުރު ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ފުރުސަތު ދެއްވައިފިނަމަ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުޙައްމަދު ނަޝީދުގެ މަގުބޫލުކަމާއި ބާރު އެ ޕާޓީތަކުގެ ތެރެއިން ގެއްލުނު ގޮތަށް އެމަނިކުފާނާ ދޭތެރޭ ކަންތައްވާކަށް ހަމަގައިމު ވެސް ރައީސް ޔާމީން ބޭނުންފުޅެއް ނުވާނެއެވެ. އެހެންކަމުން 2018 ވަނަ އަހަރު ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ރައީސް ޔާމީން ވެސް މިފަހަރު ބޮޑަށް ބޭނުންފުޅުވާނީ އެމަނިކުފާނަށް ވާދަ ނުކުރެވޭ ހާލަތުގައި ޕާޓީއިން އިތުރު ކެންޑިޑޭޓެއް ނުނެރުމަށް ކަމަށް ވެދާނެއެވެ. ނަމަވެސް 2018 ވަނަ އަހަރު އެމްޑީޕީގެ ލީޑާޝިޕާއި އާއްމު މެމްބަރުންނެކޭ އެއްގޮތަށް މިފަހަރު ޕީޕީއެމްގެ ލީޑާޝިޕާއި އާއްމު މެމްބަރުން އެގޮތަށް ރުހި ރިޔާސީ އިންތިޚާބު ހަމަގައިމު ވެސް ބޮއިކޮޓެއް ނުކުރާނެއެވެ.
އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި ފަހު ވަގުތު ރައީސް ޔާމީނަށް މަޖުބޫރު ވާނީ ޕާޓީތެރެއިން އިތުރު ކެންޑިޑޭޓެއް ދެއްކުމަށެވެ. އެ މީހަކީ ރައްޔިތުން ބަލައިގަންނަ އަދި ރަނގަޅު ލީޑާޝިޕެއް ހުރި ބޭފުޅަކަށް ވާންޖެހޭނެއެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުވީ، އިންތިޚާބުތައް ކާމިޔާބު ކުރެއްވުމުގެ ދިގު މާޒީއެއް އޮތަތީއެވެ. އަދި އެ މަނިކުފާނަކީ އަބަދުވެސް އެކި ހިޔާލުތަކުގެ މީހުން ގޮވައިގެން އުޅެން ދަންނަ ބޭފުޅަކަށްވީތީއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމްއިން ކާމިޔާބު ކުރަން ބޭނުން ނަމަ ލީޑާޝިޕް ހުރި ބޭފުޅެއް ދައްކަން ޖެހެއެވެ. ސުވާލަކީ އެފަދަ ބޭފުޅަކަށް ހުރީ ކޮން ބޭފުޅެއްތޯއެވެ؟
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންފުޅުވާ ގިނަ ބޭފުޅުންތަކެއް ތިއްބެވި ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. ނަމަވެސް އެކިއެކި މަޖުބޫރީތަކާއި ބިރުތަކުގެ ސަބަބުން ސީދާ ފާޅުގައި އެ ޝައުގުވެރިކަން ފާޅު ކުރަން ހަމަ އެއްވެސް ބޭފުޅަކަށް ނުކެރެއެވެ. މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ތެރެއިން ވަކިވަކި ބޭފުޅުންނަށް ބަލާލާއިރު މާޒީގައި އެ ބޭފުޅުން ދައްކާދީފައިވާ ނަތީޖާއާއި ލީޑާޝިޕް ހުރި ގޮތާއީ އިންތިޚާބުތައް ކާމިޔާބު ކުރެއްވުމުގެ ރެކޯޑަށް ބަލާލަން ޖެހެއެވެ.
ޕީޕީއެމް ލީޑު ކުރައްވާ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް ބަލާއިރު ފެންނަނީ ވަރަށް ހިތްވަރާއެކު މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް ޕާޓީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާތަނެވެ. އުމުރުން އެހާ ދުވަސްވެފައި ނުވާ ޝިޔާމް މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ މިއީ ދެވަނަ ދައުރެވެ. ރިޔާސީ އިންތިޚާބެއްގެ ކެންޑިޑޭޓަކަށް ހަދަން ބަލާއިރު ޝިޔާމް އަދި ސިޔާސީ މައިދާނަށް މާ ޒުވާން ކަމަށް ފެނެއެވެ. ހާއްސަކޮށް ހިންގެވުމުގެ ދާއިރާއާއި ގިނަ ބަޔަކު ގޮވައިގެން އުޅުއްވުގެ ތަޖުރިބާ މަދު ކަމަށް ފާހަގަ ކުރެވެއެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ރިޔާސީ ކެންޑިޑޭޓަކަށް ވުރެން އަދި ޝިޔާމް ރަނގަޅީ މަޖިލިސް މެމްބަރަކަށެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ބަލާއިރު އޭނާގެ މަސައްކަތު ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ތައުލީމީ ދާއިރާގައެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވިއެވެ. އެއަށްފަހު ކުއްލި ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވިއެވެ. އެއީ ރަސްމީ ސިފައެއްގައި ގިނަ ބަޔަކަށް އެނގޭގޮތަށް އޭނާ ސިޔާސީ މައިދާނަށް ނުކުތް ހިސާބެވެ. އޭގެ ކުރިން ވެސް ޑީއާރުޕީއާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އާދަމް ޝަރީފް ދިޔައީ ބައިވެރިވަމުންނެވެ. މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް މިއީ އެފަދަ އިންތިޚާބީ މަގާމެއް ފުރުއްވާ ފުރަތަމަ ފަހަރެވެ. އަދި އެ އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ ކުޑަ ތަފާތަކުންނެވެ. އެ ސަބަބުތަކާއި މިހާރުގެ ޕާފޯމަންސަށް ބަލާއިރު ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ފެންވަރު ހުރި ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.
މިހާރު މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ރަސްމީކޮށް ސިޔާސީ މަސައްކަތް ފެއްޓެވިތާ އަދި މާ ގިނަ އަހަރުތަކެއް ނުވެއެވެ. ގިނަ ދުވަހު އުޅުއްވީ ޓޫރިޒަމް ދާއިރާގައި ރިސޯޓްތަކުގައެވެ. އަދި އޭނާގެ މިޒާޖު ހުންނަ ގޮތުން އެކި ހިޔާލުގެ ގިނަ މީހުންނާ ގުޅުން ބާއްވައި ގޮވައިގެން އުޅުމުގެ ކޮލެޓީ ހުރި ކަމަކަށް ނުފެނެއެވެ. މި ސަބަބުތަކާ ހުރެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް މިވަގުތަށް މުޙައްމަދު ސައީދަކީ ޗޮއިސްއެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.
ދެން ހުންނެވި އަނެއް ބޭފުޅަކީ ގުރައިދޫ ދާއިރާގެ މެމްބަރު، އަދި ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނެވެ. ގައްސާނަކީ ސިޔާސީ ގޮތުން ބައްޕާފުޅު ދޫކުރައްވައި ބޭބޭފުޅު ޔާމީނާއެކު ހުންނެވި ބޭފުޅެކެވެ. ވަރަށް މަޑުމައިތިރި މިޒާޖެއްގެ ގައްސާންގެ މާޒީއާއި މިހާރުގެ ހާލަތަށް ބެލިނަމަވެސް ލީޑްކުރައްވައި އުނދަގޫ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ކޮލެޓީ ހުރިތޯ މިއީ ކުރަން ޖެހޭ ސުވާލެކެވެ. އަދި އާއްމުންގެ ތެރޭގައި މަގުބޫލު މިންވަރަށް ވެސް ބަލަން ޖެހެއެވެ.
ދެން ވާހަކަ ދެކެވޭ އަނެއް ޗޮއިސްއަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދެއެވެ. އެމަނިކުފާނަކީ ތަޖުރިބާއާއި ތައުލީމީ ގޮތުން ބެލި ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ނެތްފަދަ ބޭފުޅެކެވެ. އަދި ޖެއްސުމާއި ފުރައްސާރައިގެ ތެރެއިން އުނދަގޫ ވެރިކަމެއް، އެކި ހިޔާލުތަކުގެ ބޭފުޅުން ގޮވައިގެން ކުރެއްވި ބޭފުޅެކެވެ. ހަމައެހެންމެ ބައިނަލްއަގުމާވީ ގައުމުތަކާ ގުޅުން ބޮޑު ބޭފުޅެކެވެ. ނަމަވެސް އިންތިޚާބުތައް ކާމިޔާބު ކުރެއްވުމުގެ މާޒީ ރަނގަޅެއް ނޫނެވެ. ރައީސްކަމުގައި ހުންނަވައިގެން ވާދަކުރެއްވި ރިޔާސީ އިންތިޚާބުން 2013 ވަނަ އަހަރު ފަސް ޕަސެންޓް ލިބިވަޑައިގެންނެވިއިރު އެއީ މިފަހުގެ ތާރީހެއްގައި ރައީސްކަމުގައި ހުންނެވި ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބެއްގައި ލިބިވަޑައިގެންނެވި އެންމެ ދަށް ނަތީޖާއެވެ.
ދެން އޮތީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ބަލާލުމެވެ. ޕީއެޗްޑީ ހައްދަވައިގެން ހުންނެވި މުއިއްޒަކީ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައި ސަރުކާރު ހިންގެވުމުގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން އެއީ ހިންގުންތެރި އަދި ހީވާގީ ބޭފުޅެއްކަން ޔަގީނެވެ.
ދެން އޮތީ އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މާޒީއެވެ. ޕީޕީއެމްގެ ތާރީހުގައި އެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައީސް ޔާމީން 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުންކަން ޔަގީނެވެ. އެއަށްފަހު 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އެފަދަ ކާމިޔާބީތަކެއް ޕީޕީއެމްއަކަށް ނުހޯދެއެވެ. މުޅިން ވެސް އައީ ބަލިވަމުންނެވެ.
އެ ހާލަތުގައި ޕީޕީއެމް އޮށްވައި ހީވެސް ނުކުރާހާ ބޮޑު ކާމިޔާބެއް މުއިއްޒު ހޯއްދަވަވައި ދެއްވިއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަން މުއިއްޒު، އެމްޑީޕީއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ހޯއްދެވިއިރު އެއީ ޕީޕީއެމްއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ. އޭގެ ކުރިން މާލެއަކީ އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ ސިޓީއެކެވެ. އެމްޑީޕީގެ ވެރިކަން އޮވެ، ރައީސް ޞާލިޙާއި ރައީސް ނަޝީދު އެކުގައި ނުކުންނަވައި ކެމްޕެއިން ކުރައްވަނިކޮށް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. ނަތީޖާތައް ދައްކާ ގޮތުން 61.32 ޕަސެންޓް މުއިއްޒު ހޯއްދެވިއިރު އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުލް ސައްތާރަށް ލިބިފައިވަނީ 36.97 އިންސައްތަ ވޯޓެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަތީޖާއެކެވެ.
އެހެންކަމުން ސަރުކާރުގެ ހިންގުމުގެ ތަޖުރިބާއާއި އިންތިޚާބުތައް ކާމިޔާބު ކުރެއްވުމުގެ ތަޖުރިބާއަށް ބަލާއިރުވެސް މިވަގުތު ޕީޕީއެމްއަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ މުއިއްޒު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.
ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް ޞާލިޙަކީ ސަމާސާ ބޭފުޅެއް ނޫނެވެ. މާގިނައިން ވާހަކަ ނުދެއްކެވިނަމަވެސް އެމަނިކުފާނަކީ ސިޔާސީ މަސައްކަތަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. މަޖިލީހުގެ މެމްބަރުކަން 25 އަހަރު ކުރައްވައި ގައުމުގެ ރައީސްކަން ހޯއްދެވީ ވާދަކުރެއްވި ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރައްވައިގެންނެވެ. އަދި މިސަރުކާރުގެ މުއްދަތުގައި އެމްޑީޕީއިން ހުރިހާ އިންތިޚާބެއްގެ މެޖޯރިޓީ ހޯދިއެވެ. އަދި ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ރައީސް ނަޝީދު ހަމަބިމަށް ތިރިކުރެއްވި ބޭފުޅަކީ ވެސް ރައީސް ޞާލިޙުއެވެ. އެހެންކަމުން އެމަނިކުފާނާ ރިޔާސީ އިންތިޚާބުގައި ވާދަކޮށް މޮޅުވާން ބޭނުންނަމަ ޕީޕީއެމްއިން ދައްކަން ޖެހޭނީ ހަގީގީ ލީޑަރެކެވެ. އެކަމަށް އެންމެ އެކަށޭނަ ބޭފުޅަކީ ރައީސް ޔާމީން ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް އެމަނިކުފާނަށް މިފަހަރު އެ ފުރުސަތު ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ޕީޕީއެމްއަށް ދެން އޮތް ޗޮއިސްއަކީ ޑރ. މުއިއްޒެވެ.