މިދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް އިދިކޮޅު ބައެއް މެންބަރުން ވަނުމަށް ހުރަސް އަޅާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ހެނދުނު ނުވައެއް ޖެހިއިރު ފެށި އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަން ފެށުމާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ، ތަޅުމުގައި އިހްތިޖާޖު ކުރަން ފަށާފައެވެ.
އިހްތިޖާ ކުރުމުން މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް ދަތިވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ފަސް މެންބަރެއްގެ ނަން އިއްވައި ތަޅުން ދޫކޮށް ދިއުމަށް ދަންނަވާފައެވެ.
ނަން އިއްވައި ތަޅުމުން ބޭރުކުރި ފަސް މެންބަރުން
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު
- ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
އެ ފަސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ތަޅުމުން ބޭރުކޮށްފައިވަނީ ސެކިއުރިޓީންގެ އެހީގައި އަތްދަނޑިމަތީގައެވެ.
ނަން އިއްވެވި ފަސް މެންބަރުން ބޭރުކޮށް މަޖިލިސް ޖަލްސާ ފެށިއިރު ތަޅުން ވަނީ ވަރަށް ބޮޑަށް ހިމޭން ވެފައެވެ. އިހުތިޖާޖުގެ އެއްވެސް އަޑެއް ނުއިވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެންބަރަކު 'ސަން' އަށް ވިދާޅުވީ, ޖަލްސާ މެދުކަނޑާލުމުން އިދިކޮޅު ހުރިހާ މެންބަރުންކަހަލަ ގޮތަކަށް ބޭރަށް ނުކުތް ކަމަށާއި އަދި ޖަލްސާ ފެށުމުން ތަޅުމަށް ވަނުމަށް އެ މެންބަރުން މަސައްކަތް ކުރުމުން ސެކިއުރިޓީން ހުރަސް އަޅާފައިވާ ކަމަށެވެ.
ޖަލްސާއަށް ނުވަދެވުނު މެންބަރުންގެ ތެރޭގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މައިނޯރިޓީ ލީޑަރު ސަލީމް ވެސް ވަންނަން އުޅުމުން ސެކިއުރިޓީން ވަނީ ދޮރު ބަންދުކޮށް ވަނަ ނުދީފަ," އިދިކޮޅު މެންބަރަކު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ސިޔާމް ކުރެއްވި ޓްވީޓެއް ވިދާޅުވީ, ރިޔާސީ ބަޔާން އިއްވާފައިވަނީ އިދިކޮޅު މެންބަރުން ތަޅުމުން ބޭރުކޮށް މަޖިލިސް ދޮރުތައް ތަޅުއަޅުވައިގެން ކަމަށެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ފަހު މިހާރު ވަނީ ޖަލްސާ ނިންމާލައިފައެވެ. ރިޔާސީ ބަޔާނުގައި ރައީސް ގިނަ ވައުދުތަކެއް އިއުލާން ކުރެއްވިއެވެ.