އިންޓެލިޖެންސް މައުލޫމާތާ ގުޅޭ ކަންކަން ބަޔާންކުރާ ގައުމީ އިންޓެލިޖެންސްގެ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.
ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވަނީ, މޭ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މާލޭގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހެދި އިންކުއަރީގެ ރިޕޯޓު ފާސްކޮށްފައެވެ.
އެ ރިޕޯޓު އެކުލަވާލުމަށް 50 އަށްވުރެ ގިނަ ފަރާތަކާ ކޮމިޓީން ވާހަކަދައްކާފައިވެއެވެ. އަދި އެ ރިޕޯޓުގައި 45 ރިކޮމެންޑޭޝަނެއްވެސް ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި އިންޓެލިޖެންސް ދާއިރާގެ ބައެއް ކަންކަންވެސް ހިމެނެއެވެ. ކޮމިޓީގެ ރިކޮމެންޑޭޝަންތައް ރޭގެ ބައްދަލުވުމުގައި, ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ކިޔައިދެއްވާފައެވެ.
އެ ކޮމިޓީގެ ރިކޮމެންޑޭޝަންތަކުގައި ހިމެނޭ އެއް ކަމަކީ ރާއްޖޭގެ ކުށުގެ މާހައުލާއި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާ ގުޅިގެން މަުއލޫމާތާއި އިންޓެލިޖެންސް އެއްކުރުމާއި ބެލެހެއްޓުމާއި, މައުލޫމާތާއި އިންޓެލިޖެންސް ރައްކާތެރިކަމާއެކު ބަދަލުކޮށް ހިއްސާކުރާނެ ގޮތާއި, ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސްގެ ދައުރު އަދާކުރާ އިދާރާތަކުގެ ދެމެދު ހިމެނޭ ފުށުއެރުންތައް ނައްތާލައި, އެ ދައުރުތައް ސާފުކޮށް ކަނޑައަޅައި ވަކިކޮށް ބަޔާންކޮށްދޭ ނޭޝަނަލް އިންޓެލިޖެންސް ގާނޫނެއް އެކުލަވާލުމެވެ.
އޭގެ އިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމަށްޓަކައި ޓެރަރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު ވީހާވެސް އަވަހަކަށް ގާއިމުކޮށް އަމަލުކުރަން ފެށުމަށް ހުށަހަޅަން ކޮމިޓީން ވަނީ ނިންމާފައެވެ.
އަދި ގައުމީ ސަަލާމަތަށް ނުރައްކާވެދާނެ އިންޓެލިޖެންސް މައުލޫމާތު ސިފައިންނާއި ފުލުހުންނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާްންކުރާ އިދާރާތަކުގެ މެދުގައި ހިއްސާކުރާނެ ހާމަނައިޒްޑް ޑޭޓާ ސިސްޓަމެއް އެކުލަވާލަންވެސް ހުށަހަޅާން ކޮމިޓީން ނިންމާފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާކަމަށް އެ ހަމަލާއަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. އަދި އެމްއެންޑީއެފްއަށްވެސް އެ ހަމަލާގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޓެލިޖެންސް މިހާރަށްވުރެ ވަރުގަދަވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެއާއެކު ރައީސް އޮފީހުން ވަނީ އެ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އޮފީހުގެ ސެކްރެޓަރީ ނޫޝީން ވަހީދުގެ ބެއްލެވުމުގެ ދަށުން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުުގެ މަސައްކަތް ކޮށްފައެވެ. ޖޫން މަހުގެ ފަހުކޮޅު ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ އޮޑިޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައެވެ. އަދި ފައިނަލް ރިޕޯޓު ލިބުމުން އިންޓެލިޖެންސް އިދާރާތަކުގެ ކަންކަން އިސްލާހުކުރަން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އިންޓެލިޖެންސް ބައިގައި ވަޒީފާ އަދާކުރި މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެފައިވަނީ އިންޓެލިޖެންސް ތެރޭގައި ހަރުކަށި ފިކުރުގެ މީހުން މަސައްކަތްކުރުމަށް ހުރި ދޮރުތައް ބަންދުކުރަން އެކަމާ މެދުގައި ރިވިއުއެއް ހަދަން ފަށާފައިވާ ކަމަށެވެ.