އިންޓެލިޖެންސާއި ސެކިއުރިޓީ މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ: ރައީސް

އޭޕްރީލް 23، 2019: ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސާއި އަދި އެފަރާތްތަކުން ފޯރުކޮށްދޭ ސެކިއުރިޓީ މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. ރައީސް ސޯލިހު ވަނީ މިއަދު މަޖިލީހުގެ ރައީސްގެ ހާލު ބެއްލެވުމަށް ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.

ހޮސްޕިޓަލުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ބޮން ގޮއްވި މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބޮން ގޮއްވުމުގައި އެންމެ ޕްރައިމް ސަސްޕެކްޓުގެ ގޮތުގައި ފުލުހުން ގަބޫލުކުރާ މީހާ ހައްޔަރު ކުރީ މިއަދު ހެނދުނު އެވެ.

"އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް އަވަހަށް މައްސަލައިގެ ތަހުގީގު ނިމި، ޕްރޮސެކިއުޓް ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވިގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަހުގީގު ކުރިއަށް ދަނީ، އެކަމުގެ ފަހަތުގައި އިތުރު ބަޔަކު ވެސް ތިބެދާނެ ކަމަށް ބަލައި، ވަރަށް ފުޅާކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ ބޮމުގެ ހަމަލާގެ މައުލޫމާތު ދުރާލާ ލިބިފައި ނުވާތީ އިންޓެލިޖެންސުގެ އޮޑިޓެއް ހަދަން ރޭ އަންގަވާފައިވާނެ ކަމަށެވެ. އަދި އެމްއެންޑީއެފް އިން މަޖިލިސް ރައީސްގެ ސެކިއުރިޓީ ބަލަހައްޓެމުގައި އަމަލުކުރަމުން ދިޔަ އުސޫލާ ގުޅޭ ދިރާސާއެއް އެމްއެންޑިއެފްގެ ފަރާތުން މިއަދު އެމަނިކުފާނާ ހިއްސާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނީ އިންޓެލިޖެންސް މިއަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށް، ސެކިއުރިޓީ ވެސް މިއަށް ވުރެ ރަނގަޅަށް އޮންނަން ޖެހޭ ކަން. މި ދެ ރިޕޯޓުގެ އަލީގައި ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ބަދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެފަދަ ކަމެއް ދެން ތަކުރާރުވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ރައީސް ނަޝީދު ފެންނަނީ ވަރަށް ހިތްވަރުގަދަކޮށް"

ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، ވަރަށް ގިނަ ވާހަކުފުޅުތައް ދެއްކެވި ކަމަށާއި، މަޖިލިސް ރައީސް ފެނިވަޑައިގަންނަވަނީ ވަރަށް ހިތްވަރުގަދަކޮށް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރާ ގުޅޭ ވާހަކަތަކާއި، އެކުވެރިންގެ ގޮތުގައި ވެސް ދެބޭފުޅުން ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަމަށެވެ.

"ރައީސް ނަޝީދަކީ ހިތްވަރު ގަދަ ބޭފުޅެއް. މިއަދުވެސް ދެއްކެވި ވާހަކަފުޅުން ވަރަށް ބޮޑަށް އެކަން ޔަގީންވެގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، މަޖިލިސް ރައީސް ވަރަށް ރަނގަަޅަށް ރިކަވާ ވަމުން އަންނަކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށާއި އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް